ދިވެހިން ވަޒީފާގެ ފުރުޞަތުތަކަށް އެދިއެދި ތިބި މި ދަނޑިވަޅުގައި ދިވެހިންނަށް ފުރުޞަތު ނުދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް މަގާމަކަށް ބިދޭސީއެއް ހަމަޖެއްސުމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވި ޝިޔާމް ކަންވޮޑުވުން ފާޅުކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

އެޓުވީޓުގައި އޭނާ ވަނީ އެމްއޭސީއެލްގެ އެކަމާއިގުޅޭ "ދެންނެވުމެއް" ހިމަނުއްވާފައެވެ. މުވައްޒަފުންނަށް އަމާޒުކޮށް ނެރެފައިވާ އެ ދެންނެވުމުގައި ބުނެފައި ވަނީ އެމްއޭސީއެލްގެ އޮޕަރޭޝަނަލް ރެޑިނަސް އެންޑް އެއަރޕޯޓް ޓްރާންސްފަރ (އޯރަޓް) ޑައިރެކްޓަރގެ މަޤާމަށް މިސްޓަރ މަޖޫ ޗެރިއަން ހަމަޖައްސާފައިވާ ކަމަށެވެ.

''ޗެރިއަން އެމް.އޭ.ސީ.އެލް އާއި ގުޅިވަޑައިގަންނަވާނީ މިއަދު، 14 ޑިސެންބަރު 2020 ގައެވެ. ޗެރިއަން އަޅުގަނޑުމެންގެ ކުންފުންޏާއި ގުޅިވަޑައިގަންނަވަނީ އެއަރޕޯޓް މެނޭޖްމަންޓް އަދި އޯރަޓް ދާއިރާގައި އިންޑިޔާއާއި ބަޙުރެއިންގައި ޖުމްލަ 22 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާއާއި އެކުގައެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކުރެއްވި ބަހްރެއިން އެއަރޕޯޓް ކޮމްޕެނީގައިވެސް އޯރަޓް ޕްރޮގްރާމް މެނޭޖަރގެ ގޮތުގައި ވަނީ މަސައްކަތް ކުރައްވާފައެވެ.
އަޅުގަނޑުމެންގެ ކުންފުންޏަށް ޒަމާނީ ބަދަލުތައް ގެނެސް ތަރައްޤީ ކުރުމުގެ މުހިއްމު މަސައްކަތް ކުރެވެމުންގާ މި ވަގުތުގައި ޗެރިއަންގެ ޢިލްމާއި ތަޖުރިބާއިން އަޅުގަނޑުމެންނަށް ފައިދާ ކުރާނެ ކަމާއިމެދު ޔަޤީން ކުރަމެވެ. މި ފުރުޞަތުގައި ޗެރިއަންއަށް މަރުޙަބާ ދެންނެވުމުގައި ކުންފުނީގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުން ޝާމިލު ކުރަމެވެ.''

އެދެންނެވުމުގައި ބުނެފައިވެއެވެ.

މި ދެންނެވުން ހިމަނުއްވައި ކުރެއްވި ޓުވީޓުގައި ޝިޔާމް ވިދާޅުވީ ގާބިލު އެތައް ދިވެހި ދަރިން ތިއްބާ އަދި އެތައް ދިވެހި ދަރިންނެއްގެ ވަޒީފާގެއްލިފައިވާ މި ދަނޑިވަޅުގައި ދައުލަތުގެ ކުންފުނިތަކުގެ އެންމެ ބޮޑެތި މުސާރަދޭ މަގާމްތަކަށް ބިދޭސީން ޚާއްޞަކޮށް ވަކި ޤައުމެއްގެ ބަޔަކު ޖަމާކުރުމާ ދޭތެރޭ ނުހަނު ކަންބޮޑުވެ ވަޑައި ގަންނަވާ ކަމަށެވެ.