ހއ.ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުންގެ ފަރާތުން އެ ރަށުގެ ދެ ޖިންސަށް ހުޅުވާލައިގެން ބޭއްވި ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ރެހެންދި ޓީމުން ހޯދައިފިއެވެ.
28 ނޮވެމްބަރ 2020 އިން 13 ޑިސެމްބަރ 2020 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ އަންހެން ކެޓަގަރީގައި ޖުމްލަ ހަ ޓީމަކުންވަނީ ވާދަކޮށްފައެވެ. އެ ޓީމްތަކަކީ ފަޔަ ބާޑްސް، ސޫރިޔާ ސްޕޯޓްސް، އައިރިޝް، ކްރިސްޓަލް، ރެހެންދި އަދި ރެހެންދި ގާލްސްއެވެ.
މި މުބާރާތުގެ އަންހެން ކެޓަގަރީގެ ފައިނަލް މެޗު ކުޅެފައިވަނީ 13 ޑިސެމްބަރ 2020 ވީ އާދީއްތަ ދުވަހުގެ ރޭ ބާރަށު ވޮލީ ކޯޓުގައެވެ. ފައިނަލް މެޗު ރެހެންދި ޓީމުން ކާމިޔާބު ކޮށްފައިވަނީ ޓީމް ފަޔަ ބާޑްސްގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.
ފައިނަލް މެޗުގެގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެހެންދި ޓީމުގެ އައިމުނަތު ރީނާއެވެ.
ފައިނަލް މެޗުގެގެ މޮޅު ކުޅުންތެރިޔާ ރީނާ
ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ ބާރަށު ޒުވާނުންގެ ދިރުމުގެ ރައީސް މޫސާ ނިޔާޒުއެވެ. ފައިނަލް މެޗު ނިމުމުން މުބާރާތުގެ އަންހެން ކެޓަގަރީގެ އެކިއެކި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޓްރޮފީއާއި މެޑަލްގެ އިތުރުން ހަނދާނީ ލިޔުންވަނީ ހަވާލުކޮށްފައެވެ.
މުބާރާތުގެ ވަނަތައް:
- ޗެމްޕިއަން ޓީމް: ރެހެންދި
- ރަނަރަޕް ޓީމް: ފަޔަ ބާޑްސް
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން:
- އައިމިނަތި ރީނާ / ރެހެންދި
- ޠާއިފާ އަބްދުލް ރައްޒާޤު / ފަޔަ ބާޑްސް
- އައިމިނަތު މުފީދާ / ސޫރިޔާ ސްޕޯޓްސް
- މަރިޔަމް ރީޝާ / ރެހެންދި
- އައިޝަތު ރީއަތު / އައިރިޝް
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ސޫރިޔާ ސްޕޯޓްސް ހޮވިފައިވާއިރު، އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ އައިރިޝް ޓީމުގެ ލިޔާނަތުއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ރެހެންދި ޓީމުގެ ކޯޗު މުޙައްމަދު ނިޝާންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!