ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން "ސައުތުލިންކް ނިޔާ އެކަޑަމީ ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020" ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް ޓޯނަމެންޓްގެ ފައިނަލަށް ލޭޑީ އީގަލްސް އަދި ބިޒީ ގާލްސް ދަތުރު ކޮށްފިއެވެ.
މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭގޮތަށެވެ. މިގޮތުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ލޭޑީ އީގަލްސް ޓީމުވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމު ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ ލިބުނު 12 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައި ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރު ކޮށްފައެވެ.
ބިޒީ ގާލްސް ޓީމުން ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައިވަނީ ސެމީފައިނަލުގައި ޓީމް ހިޔަލައާއި ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއިން ދެ ޓީމު އެއްވަރުވެ ޕެނަލްޓީގައި 3-1 ގެ ނަތީޖާއަކުން ޓީމް ހިޔަލައިގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސެމީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބިޒީ ގާލްސް ޓީމުގެ ނުޒުހަތު ސަމީރެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ ރޭ 21:00 ގައި މުރައިދޫ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ 3 ވަނަ ހޯދި ''ޓީމް ހިޔަލަ''، ފޮޓޯ: ނިޔާ އެކަޑަމީ
މި މުބާރާތުގެ ތިންވަނަ ޓީމެއް ގޮތުގައި ''ޓީމް ހިޔަލަ'' މިހާރު ވަނީ ހޮވިފައެވެ.
މި މުބާރާތުގެ މެއިން ސްޕޮންސާއަކީ މިލަންދޫގައިފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ކުރަމުން އަންނަ ފަރާތެއް ކަމުގައިވާ ސައުތު ލިންކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!