އެންމެ ފުރަތަމަ ހަނދަށް ފޮނުވާ އަންހެނަކަށް ވެގެންދާނީ ޖެފް ބޭޒޯސްގެ ސްޕޭސް އޭޖެންސީ ބްލޫ އޮރިޖިންސްގެ ފަރާތުން ފޮނުވާ ފަރާތަކަށް ވެގެން ދާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ ޖެފް ބޭޒޯސް ވިދާޅުވެއްޖެއެވެ.
ނާސާގެ ފަރާތުން 2024 ވަނަ އަހަރު އަލުން ހަނދަށް ފޮނުވާނެ އުޅަނދު އުފައްދާ ކުންފުނި ކަނޑައެޅުމުގެ ވަގުތު ކުޑަތަންވެފައިވާ އިރު، މިއީ ފަހުގެ ތާރީޚެއްގައި ހަނދަށް ބަޔަކު ފޮނުވުމަށް ނާސާއިން ތައްޔާރުވާ ފުރަތަމަ ފަހަރެވެ.
"މި އިންޖީނަކީ ދުނިޔޭގެ އެންމެ ފުރަތަމަ އަންހެން ކަނބަލަކު ހަނދަށް ދަތުރުކުރާނެ އިންޖީނު" ޖެފް އޭނާގެ އިންސްޓަގްރާމްގައި 'ބީއީ-7' އިންޖީނުގެ ވީޑިޔޯއެއް ދައްކާލަމުން ބުނެފައިވެއެވެ.
މިހާތަނަށް ދުނިޔެއިން ހަނދަށް ފޮނުވުމުގެ ދިގު ތާރީޚުގައި 12 ފިރިހެނަކު ހަނދުގައި ހިނގާފައިވާކަމަށް ތާރީޚު ހެކިދޭއިރު، އެއްވެސް އަންހެނެއް ހަނދަށް ގޮސްފައި ނުވުމަކީ ނާސާގެ ބޮޑު ކަންބޮޑުވުމެކެވެ. އަދި 2024 ވަނަ އަހަރުގެ މި ޕްރޮޖެކްޓުގައި އަންހެނެއް ހަނދަށް ފޮނުވުމަކީވެސް ވަރަށް ގާތުގައިވާ ކަމެކެވެ.
1960 ގެ އަހަރުތަކުގައި އަންހެނުންނަށް މިއަދުގެ ދުނިޔޭގައި މި ލިބެމުންދާ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނުލިބެއެވެ. ނަމަވެސް، މިއަދުގެ ދުނިޔޭގައި މި ހަމަހަމަ ފުރުޞަތު އަންހެނުންނަށްވެސް ހޯދައިދިނުމަކީ ނާސާގެ ވަރަށް ބޮޑު މަސައްކަތެކެވެ.
ބްލޫ އޮރިޖިންގެ ފަރާތުން ޓެސްޓު ކުރަމުންދާ އިންޖީނު މިހާތަނަށް 1245 ސިކުންތު މަސައްކަތްކޮށްފައިވާއިރު، މިއީ އެ ކުންފުނީގެ ފަރާތުން ހަނދަށް ދިޔުމަށް ހަދަމުންދާ ޖައްވީ އުޅަނދުގެ މައި އިންޖީނެވެ.
ޖެފްގެ މި ކުންފުނިން ހަނދަށް ދިޔުމަށް އުޅަނދެއް ހަދަމުންދާ އިރު، އެ ކުންފުނިން ވާދަކުރަމުންދަނީ ބިލިޔަނަރު އީލޯން މަސްކްގެ ސްޕޭސް އެކްސް އާއި އަދި ލެއިޑޯސް ހޯލްޑިންގްސްގެ ޑައިނެޓިކްސްއާއިއެވެ. އަދި މި ކުންފުނިތަކުގެ ތެރެއިން ނާސާއިން ވަނީ އެއް ކުންފުނި ޚިޔާރުކުރުމަށް ނިންމާފައެވެ.
މި އަހަރުގެ އޭޕްރީލް މަހު ނާސާގެ ފަރާތުން ބްލޫ އޮރިޖިންސްއަށް 579 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓްއެއް ދީފައިވާއިރު، ސްޕޭސް އެކްސް އަށް ދީފައިވަނީ 135 މިލިޔަން ޑޮލަރުގެ ކޮންޓްރެކްޓްއެކެވެ. އަދި ޑައިނެޓިކްސްއަށް ލިބިފައިވަނީ 253 މިލިޔަންއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!