ރައްޔިތުންގެ މަޖިލިސްގައި މިދިޔަ ހަފުތާއާއި، މިހަފުތާގައިވެސް ވަރަށް ބޮޑަށް ހުވަދޫ، އައްޑޫ ބަހުސެއް ހިނގަމުންދާ ކަމަށާއި، އެއީ ރަނގަޅުކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރުމުގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު، ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމާއި ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަން ވަޒީރަށް ފުރުޞަތު އެރުވުމުގެ ކުރިން ވާހަކަ ދައްކަވަމުންނެވެ.
ރިޔާސަތުގައި އިންނެވި، ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގައި މިދިޔަ ހަފުތާއާއި އަދި މި ހަފުތާގެ ތެރޭގައި ވަރަށް ބޮޑަށް ހުވަދޫ، އައްޑޫ ބަހުސެއް ހިނގަމުންދާ ކަމަށެވެ.
''އިއްޒަތްތެރި ވަޒީރު، އަޅުގަނޑު ދެކޭގޮތުގައި އެއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. އަދި އެކަން އެ މޭރުމުން ނުކުތާތައް ފާހަގަކޮށްގެން އެ ބަހުސް ކުރިއަށްދާން ފަށައިފިނަމަ، އަޅުގަނޑަށް ފެންނަ ތަނުގައި މި ދިވެހިރާއްޖޭގެ އަތޮޅުތައް ނިކަމެތިވާނެ. ރާއްޖޭގެ އަތޮޅުތައް ގުޅާލެވިފައި މި އޮތީ، އެއް ވާހަކައެއް ކެލައިން އައްޑޫއަށް އޮތީމާ. ދެން އަޅުގަނޑުމެން މި ދެކޭ ވާހަކައަކީ، އެ ވާހަކައަށް ފަހުން އައިސް މި ކިޔަނީ ބުރާރު ވާހަކަ. އެއީ ދިވެހިރާއްޖޭގެ ވާހަކަ. އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ވާހަކަ އައްޑޫން ކެލައަށް ދެއްކޭނެ ގޮތެއް ނުހޯދޭ ކަމަށް ވަނީ ވިއްޔާ، އަޅުގަނޑުމެން ކޮށްގެން މި ތިބޭ ހުވާ ވެސް އަދި މި ދިވެހިރާއްޖޭގެ ތަރައްޤީ ވެސް އަޅުގަނޑުމެންނަށް ހޯދަން ދަތިވާނެ.''
މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު ޕްލޭނިން މިނިސްޓަރު އަސްލަމަށް އިޝަރާތް ކުރަށްވާ، އެމަނިކުފާނު ވިދާޅުވީ ޕްލޭނިންގ މިނިސްޓަރު އަސްލަމަކީ ވިސްނުންތެރި އަދި ޢިލްމު ހުރި ބޭފުޅެއް ކަމަށެވެ. އަދި ކަންކަމާއި ތަރުތީބަކުން ޚިޔާލުކުރައްވާ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ''މިތަނުގައި ހިނގާ ބަހުސަކީ، ހަމައެކަނި އަޅުގަނޑުމެންގެ ބަހުސެއް ނޫން.'' ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ، ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ރ. ފައިނުގައި އެއާޕޯޓެއް އެޅުމާއި މެދު މިނިސްޓަރުގެ ވިސްނުންފުޅު ސާފު ކުރަށްވަން ސުވާލުކޮށްފައި ވުމުން އެކަމާއި ގުޅިގެންވެސް ވާހަކަ ދައްކަވާފައެވެ.
''މާޅޮސްމަޑުލު ދެ ބުރިއާއި، މާޅޮސްމަޑުލު ދެ ބުރި، އުތުރާއި، ދެކުނާ. މާޅޮސްމަޑުލު އުތުރުބުރި އެކަނި އެއީ މި ދިވެހިރާއްޖޭގައި ހަތަރުވަނައަށް އަޅުގަނޑު ހަނދާންވާ ގޮތުގައި އެންމެ އާބާދީ ބޮޑު ތަން. މިސާލަކަށް، ހުވަދޫ އަތޮޅު ދެކުނުބުރި ނުވަތަ އުތުރު ބުރިއަށް ބައްލަވައިފިނަމަ، މާޅޮސްމަޑުލު އުތުރު ބުރިއަށްވުރެ އާބާދީ ކުޑަވާނެ. އަދި މާޅޮސްމަޑުލު ދެ ބުރި އެއްކޮށްފިނަމަ، ހުވަދޫ އަތޮޅު ދެ ބުރިއެކޭ މިޔަކު ތަފާތެއް ނުނިކުންނާނެ. މާޅޮސްމަޑުލު ދެ ބުރި ދޭތެރޭގައި މޯޒްބީ ޗެނަލް، ހަނިކަނޑު އޮންނާނެ. އަދި މާޅޮސްމަޑުލު ދެ ބުރީގައި ހުރި ފަޅުރަށް މަދެއް ނުވާނެ. ދެން ކިހިނެއްތޯ ދިވެހިރާއްޖޭގައި އެއަރޕޯޓުތައް އެކި ތަންތަނަށް ބެހިފައި ހުރީ؟ އެ ސުވާލު އަޅުގަނޑުމެން ކޮށްފިނަމަ، މާޅޮސްމަޑުލު ދެ ބުރީގައި، ބުރިއެއްގައި ތަނެއް މި ހުރީ. ދެން ފައިނުގައި އެއަރޕޯޓެއް އެޅުމަކަށް މެންބަރުންނެއް ނޭދޭ. ދެން އަދި އެއީ އަލްޙަމްދުލިއްލާޙި، ވަރަށް ބޮޑު ނިޢުމަތެއް. ވަރަށް ރީތި، ބޮޑު، ގުދުރަތީ ރަށެއް އެއީ.''
މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއެވެ.
ހުވަދޫ، އައްޑޫ ބަހުސެއް ހިންގުމަކީ އެއީ ރަނގަޅުކަމެއް ނޫން ކަމަށާއި، އެއީ ދިވެހިރާއްޖޭގެ އަތޮޅުތައް ނިކަމެތިވާނެ ކަމަށް މަޖިލިސް ރައީސް، ރައީސް ނަޝީދު ވިދާޅުވިއިރު، އައްޑޫ އަދި ހުވަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް މެންބަރުން ގެންދަވަނީ އެފަދަ ބަހުސެއް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!