މިސްކިތްތަކުގައި ނިދާ ކައިބޮއި ހަދާ މީހުންގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ ގުޅުންހުރި ދާއިރާތަކާއެކު، މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ޚާއްޞަ މަސައްކަތްތަކެއް ފަށައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ، އެ މިނިސްޓްރީއިން އިސްވެ މިމަސައްކަތް ފެށާފައިވަނީ ސަރުކާރުގެ ކަމާއި ގުޅުންހުރި އެހެން އިދާރާތަކާ ގުޅިގެން ކަމަށެވެ.

Ad
rt

މިމަސައްކަތް ހައްލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވަނީ ކޮމެޓީއެއް އެކުލަވާލައްވާފަ ކަމަށް ވެސް ހޯމް މިނިސްޓްރީއިން ބުންޏެވެ.

މިގޮތުން އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި އަދި މާލޭ ސިޓީ ކައުންސިލް ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިއީ މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަން ހައްލުކުރެއްވުމަށް ފެއްޓެވި މަސައްކަތެއް ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި އެ މިނިސްޓްރީއިން އިސްވެ، އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީ ކަމަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ.

ހޯމް މިނިސްޓްރީއިން ބުނިގޮތުގައި ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ މިއަދު ވަނީ ސަރުކާރުގެ ގުޅުންހުރި ދާއިރާތަކާއެކު މިއަދު ބައްދަލުކުރައްވާ މިކަން ހައްލުކުރެއްވުމަށް ކުރެވޭނެ މަސައްކަތްތަކާއި، އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.