ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް (ކާނަލް ނާޒިމް) މަޖިލިސްއަށް ހުށަހެޅުއްވި، ފަރަށް އަރާ ކަނޑު އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތްކުރާނެ ދައުލަތުގެ އިދާރާއެއް އުފެއްދުމާއިބެހޭ ޤަރާރު ފާސްނުކޮށް ބޭރުކޮށްލުމަކީ އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ފަރަށް އަރާ އުޅަނދުފަހަރު ފުންކުރުމުގެ މަސައްކަތްކުރާނެ ދައުލަތުގެ އިދާރާއެއް ހުރުމުގެ މުހިންމުކަން ފާހަގަކޮށް ނާޒިމް މަޖިލީހަށް ހުށަހެޅުއްވި އެ ޤަރާރު، ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ބަހުސްކޮށް ވޯޓަށް އަހާފައެވެ. ނަމަވެސް ޤަރާރު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމުން ފާސްވެފައެއް ނުވެއެވެ.

Ad
rt

އެ ޤަރާރު ފާސް ނުވުމުން މަޖިލިސްގެ ރައީސް، ރައީސް ނަޝީދުވަނީ އެ ޤަރާރު އަލުން ކޮމެޓީއަށް ފޮނުވަން ފެނޭތޯ ބެލުމަށް ވޯޓަށް އައްސަވާފައެވެ. ނަމަވެސް އެ ޤަރާރު އަނބުރާ ކޮމިޓީއަށް ފޮނުވުމަށްވެސް ފާހެއްނުވިއެވެ.

މަސްދޯނިފަހަރާއި، މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރު ދަތުރުކުރާ އުޅަނދުފަހަރު، ފަރަށް އެރުމުން، އެ އުޅަނދު ފުންކުރުމުގައި ޢަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަކުރުމުގެ މަޤްޞަދުގައި ރައްޔިތުންގެ މަޖިލީހަށް ނާޒިމް ހުށަހެޅުއްވި އެ ޤަރާރު ފާސް ކުރުމަށް ނެގުނު ވޯޓުގައި ފެންނަ ކަމަށް ވޯޓުދެއްވީ 12 މެންބަރުންނެވެ. އެ ޤަރާރު ފާސްކުރަން ނުފެންނަކަމަށް 55 މެންބަރަކު ވޯޓު ދެއްވިއެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ 7 މެންބަރަކު ތިއްބެވިއެވެ.

ެއެ ޤަރާރު ފާސްނުވުމުން އަނބުރާ ކޮމިޓީއަށް ފޮނުވަން ފެނޭތޯ ނެގިވޯޓުގައި ފެންނަ ކަމަށް ލިބުނީ 7 ވޯޓެވެ. ނުފެންނަ ކަމަށް 54 މެންބަރަކު ވޯޓު ދެއްވިއެވެ.

އެ ޤަރާރު މަޖިލިސް ތަޅުމުން ފެއިލް ކޮށްލުމުން ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާ ހުށަހެޅިހެޅުއްވި، ފަރަށް އަރާ ކަނޑު އުޅަނދުފަހަރު ފުންކުރުމުގެ އަމަލީ މަސައްކަތްކުރާނެ ދައުލަތުގެ އިދާރާއެއް އުފެއްދުމާއިބެހޭ ޤަރާރު އެމްޑީޕީގެ މެޖޯރިޓީ އޮވެމެ، ރައްޔިތުންގެ މަޖިލިސްއިން މިއަދު ބޭރުކޮށްލުމަކީ، އޮޑިވެރިންގެ މޫނުގައި ޖެހި ތަފާލެއް ކަމަށް ދެކިވަޑައި ގަންނަވާ ކަމަށެވެ.

ނާޒިމް ކުރެއްވި އެޓުވީޓުގައި ވަނީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި، މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު ޓެގް ވެސް ކުރަށްވާފައެވެ.