ހއ. ހޯރަފުއްޓަށް މޯލްޑިވިއަނުން ބާއްވާ ފުރަތަމަ ޝެޑިއުލް ފްލައިޓް ފުލްވެ، މި މަހުގެ 28 ގައި އިތުރު ފްލައިޓެއް ބޭއްވުމަށް ޝެޑިއުލްކޮށްފިއެވެ.

މޯލްޑިވިއަނުން ވަނީ ހޯރަފުށީ އެއާޕޯޓަށް ފަށާ ފުރަތަމަ ޝެޑިއުލް ދަތުރު މިމަހުގެ 26 ވާ ބުރާސްފަތި ދުވަށް ޝެޑިއުލަކޮށްފައެވެ.

Ad
rt

މިއަދު މޯލްޑިވިއަނުން ބުނީ މިހާރު އެ ފްލައިޓް ފުލްވެފައިވާ ކަމަށާއި، ހޯރަފުއްޓަށް އޮތް ޑިމާންޑް ބޮޑުވުމުން މި މަހުގެ 28 ގައި އިތުރު ފްލައިޓެއް އެރަށަށް ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި ހޯރަފުށިން ޝެޑިއުލްކުރި ފްލައިޓްތައްވެސް ފުލްވެފައިވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ހޯރަފުއްޓަށް މި މަހުގެ 28 ގައި އިތުރު ފްލައިޓެއް ބޭއްވުމަށް މޯލްޑިވިއަނުން ޝެޑިއުލްކޮށްފައިވާއިރު، މޯލްޑިވިއަނުން މީގެކުރިން ތާވަލްކޮށްފައި އޮތީ ހޯރަފުއްޓަށް ކުރާ ފުރަތަމަ ފްލައިޓު ދަތުރު 26 ވަނަ ދުވަހު ބޭއްވުމަށް ފަހު ޑިސެމްބަރު މަހުން ފެށިގެން ހަފްތާއަކު 3 ފްލައިޓު ބޭއްވުމަށެވެ.

ހޯރަފުށީ އެއާޕޯޓް ރަސްމީކޮށް ހުޅުވުމާއި ގުޅިގެން އެރަށް ރައްޔިތުންގެ މަޖިލިސްގައި ތަމްސީލް ކުރަށްވާ، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރިން ކުރެއްވި ޓުވީޓެއްގައި ވަނީ މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މިމަހު27 ގައި ހޯރަފުއްޓަށް ފެށުމަށްފަހު، ޑިސެމްބަރު މަހުންފެށިގެން ހަފުތާއަކު3 ފްލައިޓް އެރަށަށް އޮންނާނެ ކަމަށެވެ. އަދި ހަނިމާދޫ އަށް ދަތުރު ކުރެވޭ ފެއާގައި އެރަށަށް ދަތުރު ކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެއާޕޯޓް ހުޅުވައިދެއްވީ ރައީސް ޞާލިޙެވެ.

މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.