ހދ. ނޭކުރެންދޫން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ނޭކުރެންދޫ ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ.
ނޭކުރެންދޫ ކައުންސިލްގެ ރައީސް ޢަލީ އާދަމް ''ތިލަދުން''އަށް ވިދާޅުވީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 19 ވަނަ ދުވަހު މާލެއިން އެރަށަށް ދިޔަ މީހެއް ކަމަށެވެ. އެމީހާ ކޯވިޑަށް ޕޮޒިޓިވްކަން އެނގުނީ އެދުވަހު، ނޭކުރެންދޫއަށް ގޮސް ހޯމް ކަރަންޓީނުގައި ހުއްޓައި ކަމަށް ޢަލީ ވިދާޅުވިއެވެ.
''އޭނާ މިރަށަށް އައީ މާލެއިން ކޯވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައި، މިރަށަށް ހޯމް ކަރަންޓީނަށް އަންނަ މީހުން ގޭގެއަށް ގެންދަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލެއްގެ ތެރެއިން، އަޅުގަނޑުމެން އެހެން އަންނަ މީހުން ގޭގެއަށް ގެންދަނީ، އެހެންވީމަ އެފަދަ މީހުންނާއި އެހެން މީހަކު ޑައިރެކްޓް ކޮންޓެކްޓް ވުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެ، ޕޮޒިޓިވްކަން އެނގުނު މީހާގެ ވެސް އިތުރު ޑައިރެކްޓް ކޮންޓެކްޓެއް މިރަށަކުނެތް''
ޢަލީ ވިދާޅުވިއެވެ.
ހުސްވި އޮކްޓޯބަރު 25 ވަނަ ދުވަހުވެސް އެރަށުން ވަނީ ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައެވެ. އެފަހަރު ޕޮޒިޓިވްވީ އޮކްޓޯބަރު 9 ވަނަ ދުވަހުނމާލެއިން އެރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެކެވެ. އެމީހާ މިހާރު ވަނީ ބަލިން ފަސޭހަވެފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން ރޭ ހާމަކުރެއްވި މަޢުލޫމާތަށް ބަލާއިރު، ރާއްޖޭގެ 13 ރަށެއްގައި މިވަގުތު ކޯވިޑް ޖެހިފައިވާ 17 މީހަކު އެބަ ތިބި ކަމަށެވެ. އެއީ ފަސް ދިވެހިންނާއި 12 ބިދޭސީންނެވެ.
މީގެތެރޭގައި ހދ. އަތޮޅުން ނޭކުރެންދޫގެ އިތުރުން ކުޅުދުއްފުއްޓާއި ކުމުންދޫގައި، މިވަގުތު ކޯވިޑް ޖެހިފައިވާ ދެ ބިދޭސީން އެބަ ތިއްބެވެ. އަދި ށ. އަތޮޅުން ޅައިމަގު، ކޮމަންޑޫ އަދި ގޮއިދޫ ގައި، މިއިން ކޮންމެ ރަށަކުވެސް ކޯވިޑް ޖެހިފައިވާ އެކަކު އެބަހުއްޓެވެ. އެއީ ހުސް ދިވެހިންނެވެ.
މިދިޔަ 24 ގަޑިއިރު މުޅި ރާއްޖެއިން 94 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ، ރާއްޖޭއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،546 އަށް އަރާފަ އެވެ. އޭގެތެރެއިން މިހާތަނަށް 11،497 މީހުން ވަނީ ރަނގަޅު ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!