ކޯވިޑް-19 އާއި ގުޅިގެން އާމްދަނީއަށް ނޭދެވޭ އަސަރުކުރި މީހުންނަށް ސަރުކާރުން ދެއްވާ އިންކަމް ސަޕޯޓް އެލަވަންސް ހޯދަން ހުށަހެޅުމުގައި ރަށްރަށުގައި ތިބި ބައެއްކަހަލަ އަމިއްލަ މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ ދަތިގޮތް ލުއި ކޮށްދިނުމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު އެދިވަޑައިގެންފި އެވެ.

Ad
rt

ޝާހިދު މިގޮތަށް އެދި ވަޑައިގަތީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 19 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

ޝާހިދު ވިދާޅުވީ މިހާލަތުގައި ރައްޔިތުން ބިކަހާލުގައި ނުޖެހި ސަލާމަތްވަމުން މި ދަނީ މިހާރު މި އޮތް ސަރުކާރަކީ އިންސާފުވެރި ސަރުކާރެއް ކަމުން ކަމަށެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކުރެވި، އަދި ވަޒީފާއިން ކުރަމުންދިޔަ ކަމަށާއި، އާމްދަނީ ހޯދުމުގެ މަސައްކަތްތަކުން އެބައި މީހުންނަށް ލިބެމުންދިޔަ އާމްދަނީ ހުއްޓިދިއުމުން ދިވެހި ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި އެލަވަންސެއް ތަޢާރަފުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

''ގިނަ ބަޔަކަށް އޭގެ ފައިދާ ލިބެމުންދޭ އަދި މިއަދު ވެސް. އެހެންނަމަވެސް، ހިތާމަޔާއެކު ދަންނަވަންޖެހެނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެންމެ ނިކަމެތި މީހުން، ފަންގިވިންނަ މީހުން، ކަނަމަދު އުފައްދާ މީހުން، ރިހާކުރު އުފައްދާ މީހުން، ހެދިކާ ހަދާ މީހުން، މި މީސްމީހުންނަށް އެލަވަންސް ލިބެމުން ދިޔައެއް ކަމަކު، އިއްޒަތްތެރި ރައީސް އެނގިވަޑައިގަންނަވާތޯ؟ ފަންގިވިންނަ މީހުން މި ޖެހެނީ، އެ މީހުންގެ ފަންގި ގަންނަ މީހާ ދޭ ބިލާއި، އެ ގަތް މީހާ ވިއްކި ރިސޯޓުން އޭނައަށް ދިން ބިލާ އެއްކޮށްގެން އެ އެލަވަންސް ލިބޭ ތަނަށް ހުށަހަޅަން. ރިސޯޓެއް ވިއްކި މީހާ ބޭނުމެއް ނުވޭ އޭނަ ވިއްކި އަގު އަނެއް މީހާއަށް އެނގޭކަށް، އެ ލިޔުން ދޭކަށް. އެ ލިޔުން ހުށަނާޅާތީ، މި ދެންނެވި އެއްކަލަ މީހާއަށް މި ދެންނެވި އިންކަމް ސަޕޯޓު ލިބޭނެ ގޮތެއް ނެތް. އެއީ ވަރަށް ދެރަ ކަމެއް.''

ޝާހިދު ވިދާޅުވިއެވެ.

''އަޅުގަނޑު ގަބޫލުކުރަނީ، ކަނަމަދު ހަދާ މީހާ ނުޖެހެއޭ އެ ރަށުން އޭނަ އަތުން ގަންނަ މީހާ ދޭ ބިލުގެ އިތުރަށް، އޭނަ އަތުން ގަނެގެން މާރުކޭޓު ގޮޅީގައި އިންނަ މީހާ ދޭ ބިލާއި، މާރުކޭޓު ގޮޅިން ގަނެގެން ގެއަށް ގެންދާ މީހާއާއި، އަދި އެ ކާ މީހާއާއި، ކެއި އެއްޗެއް އުފެއްދި މީހާއާއި، ހުރިހާ އެންމެންގެ ލިޔެކިޔުމެއް ހުށަހަޅާކަށްނުޖެހޭނެ. އެހެންވީމާ، އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަމެއް.''

ޝާހިދު އިތުރަށް ވިދާޅުވިއެވެ.

އެންމެ ބޮޑަށް މި ހާލަތުގައި ކަންބޮޑުވެ މި ދަނީ، އިޤުތިޞާދަށް ފައިސާ ޕަންޕުކުރެވޭނެ ގޮތްތަކާ މެދު ކަމަށާއި، އެކަން ކުރެވެން އޮތީ، އާންމު ރައްޔިތުންނަށް ފައިސާ ލިބޭނެ ގޮތެއް ހަދައިގެން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި އެކަން ކުރެވޭނީ އެފަދަ މީހުންނަށް ލުއިފަސޭހަ ގޮތެއްގައި އިތުބާރާ އެކުގައި ހަމަޖައްސައި، ފައިސާ ދީގެން ކަމަށް ވެސް ވިދާޅުވިއެވެ.

''އަޅުގަނޑު ފާހަގަކުރިން، އަޅުގަނޑުމެންގެ މެންބަރު މީކާއީލު ފާހަގަކުރެއްވި، ކެފޭތައް ހުޅުވިއެއް ކަމަކު، އެ ތަނަށް ވަންނަން ދާ މީހުން އަތުގައި ފައިސާ ނެތިއްޔާ އެއަކުން ފައިސާއެއް ނުލިބޭނެ. އެ ފައިސާ ލިބޭނީ މި ދެންނެވި ހަމައިން އާންމުންގެ އަތަށް ފައިސާ އަރައިގެން. އެހެންވީމާ، އަޅުގަނޑު އެދެން މި ދެންނެވި ކަންތައް ސަރުކާރުން ރަނގަޅުކޮށް، އެންމެ އާދައިގެ ރައްޔިތު މީހާއާ ހަމައަށް މި ދެންނެވި އެލަވަންސް ލިބޭނެ ފަސޭހަ ގޮތްތަކެއް ހޯދައިދޭން.''

ޝާހިދު އިތުރަށް ވިދާޅުވިއެވެ.

2021 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓްގެ ބަހުސް މިހާރު ވަނީ ނިމިފައެވެ. ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާކޮށް ނިންމާނެ ކަމަށް ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ތަޅުމުގައި ރިޕޯޓަށް ބަހުސްކޮށް މިމަހުގެ 23 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓްގެ ޖުމްލައަކީ 37.79 ބިލިއަން ރުފިޔާ އެވެ.