ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމަށް އެއްބާރުލުން ދިނުމާގުޅޭ އެއްބަސްވުމެއްގައި އިކޮނޮމިކް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީން ސޮއިކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގައި މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލެވެ.

Ad
rt

މި އެއްބަސްވުމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރީއިން ބުނީ ރައީސް ޞާލިޙްގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ފުއްދުމަށްޓަކައި އެކުލަވާލާފައިވާ "ސްޓެރެޓެޖިކް އެކްޝަން ޕްލޭން 2019-2023" ގައި ކަނޑައަޅާފައިވާ ސިޔާސަތުތަކާއި، ސްޓްރެޓެޖީތަކާއި އަދި އެކްޝަންތައް ތަންފީޒުކުރުމަށްޓަކައި އެ މިސްޓްރީން މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިގޮތުން ޒުވާނުން ކުރިއެރުމުގައި ދިމާވާ މައްސަލަތަކަށް ޙައްލު ހޯދުމަށް ކަމާބެހޭ އެކިއެކި ފަރާތުގެ އެހީތެރިކަން ހޯދުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެ މިނިސްޓްރީއާ ގުޅިގެން ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މަސައްކަތްތައް ރާވާ ހިންގުމަށްޓަކައި އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ޔޫތު މިނިސްޓަރީއިން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތައް ކުރުމަށްޓަކައި ދެ މިނިސްޓްރީ ޝާމިލްވާގޮތަށް ކޮމިޓީއެއް އެކުލަވާލެވިގެން މަސައްކަތްތަކެއް ހިންގޭނެކަމަށް ޔޫތު މިނިސްޓްރީއިން ބުންޏެވެ. އެގޮތުން ހިންގޭ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުތަކާއި އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ޖެހޭ މައްސަލަތައް ދިރާސާކޮށް ސަރުކާރުގެ އިދާރާތަކުގެ ތެރޭގައި ރޭވޭނެ ހަރަކާތްތައް ދެނެގަތުމާއި، ވަޒީފާ އަދާނުކުރާ ޒުވާނުންނާއި ގުޅޭ މައްސަލަތަކަށް ހައްލު ގެނައުމަށް އެކްޝަން އޮނިގަނޑެއް އެކުލަވާލުމާއި އަދި ވަޒީފާ އަދާކުރުމާއި ވިޔަފާރިކުރުން ޒުވާނުންގެ މެދުގައި ކުރިއެރުވުން ހިމެނެއެވެ.

މީގެއިތުރުން ހިމެނޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ގުޅިގެން ޖޮބް ސެންޓަރުތަކުގެ ޚިދުމަތް ވަލްނަރެބަލް ޒުވާން އަންހެނުންނަށާއި ފިރިހެނުންނަށް ފޯރުކޮށްދިނުމަށް ފުޅާކުރުމާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގެ ކެރިއަރ ޕޯޓަލްއަށް އެޓް ރިސްކް ޒުވާނުން ހިމެނުމަށް ކޯޑިނޭޓްކުރުމާއި އަދި ޔޫތު ސެންޓަރުތައް ރިޕަރޕަސްކޮށް އިނޮވޭޓިވް ލެބްތަކެއް ޤާއިމްކޮށް ޒުވާނުން އިކޮނޮމިކަލީ އެމްޕަވަރ ކުރެވޭނެ ނިޒާމެއް ޤާއިމްކުރުމެވެ.