ށ. ފޭދޫ ނާރެސް، އަހްމަދު ސާމީގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީވުމަށް ށ. ފޯކައިދޫ ކައުންސިލުން، އެރަށުގެ ދެ މިސްކިތެއްގައި އަންނަ ހުކުރު ދުވަހު ފަންޑު ފޮށިތަކެއް ބަހެއްޓުމަށް ހަމަޖައްސައިފިއެވެ.
ފޯކައިދޫ ކައުންސިލުން ބުނީ ފޯކައިދޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީތެރިވުމުގެ ގޮތުން ބެހެއްޓޭ ފަންޑު ފޮށިތައް އެރަށުގެ ދެ މިސްކިތް ކަމަށްވާ، މަސްޖިދުލް އީމާން އަދި މަސްޖިދުލް ތައުޙީދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފަންޑު ފޮށި ބެހެއްޓިފައި ހުންނާނީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދު އަދި އަޞުރު ނަމާދު ވަގުތުގައިކަންވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ފޯކައިދޫ ރައްޔިތުންކުރެ، ކޮންމެ ރައްޔިތަކުވެސް ސާމީއަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ ކޮންމެވެސް މިންވަރެއް ހަދިޔާ ކުރެއްވުމަކީ ފޯކައިދޫ ކައުންސިލްގެ އެދުމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.
ސާމީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ށ. އަތޮޅުގެ ބައެއް ރަށްރަށުން އަންނަނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ށ.ފޭދޫ ކައުންސިލުންވެސް ވަނީ އެ އިދާރާގައި މަސައްކަތް ކުރަމުންދާ އެންމެހާ މުވައްޒަފުންގެ އެއްދުވަހު މުސާރަ، ސާމީގެ އާއިލާއަށް ހަދިޔާ ކޮށްފައެވެ. އަދި ށ. ފޭދޫ އާއި ށ. ނަރުދޫ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ ފަރާތުންވެސް ވަނީ ސާމީއަށް ފައިސާގެ އެހީއެއް ދީފައެވެ.
މީގެއިތުރުން ށ. މިލަންދޫ ކައުންސިލްގެ ފަރާތުންނާއި އެރަށު ޒުވާން ބައެއްގެ ފަރާތުންވެސް ވަނީ ސާމީ އަށް އެހީވުމުގެ ގޮތުން އެރަށުގެ ތިން ސަރަހައްދެއްގައި ފަންޑު ފޮށިތަކެއް ބަހައްޓާފައެވެ. އަދި ށ. ކޮމަންޑޫ ކައުންސިލުން ވެސް ވަނީ ކޮމަންޑޫ ރައްޔިތުންގެ ފަރާތުން ސާމީއަށް އެހީވުމަށްޓަކައި އެރަށުގެ 3 ސަރަހައްދެއްގައި ފަންޑުފޮށި ބަހައްޓާފަ އެވެ.
https://thiladhun.wonstasite.com/46396
އަޙްމަދު ސާމީގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް އެކައުންޓު ނަންބަރު :
7724533055001 MVR އަޙްމަދު ސާމީ
7730000204472 USD އަޙްމަދު ސާމީ
ފޯނު ނަންބަރު:
އަޙްމަދު ސާމީ 9143010
ރަޝާދު ސަޢީދު- ބައްޕަ 7938422
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!