ރަށްރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމަ ނުވާކަމަށާއި، ތަރައްޤީގެ މަޝްރޫޢުތައް ގެންދަންވީ ހަމަހަމަ އުސޫލަކުން، ހުރިހާ ރަށެއް ވެސް، ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކިގެން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެ އެވެ.

މެންބަރު ޝަހީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.

Ad
rt

ޝަހީމް ވިދާޅުވީ މި ދަތިއުނދަގޫ ވަގުތުގައި ވެސް ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށްދެމުން ދާކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަނުކޮށް މިއަދާ ހަމައަށް ވެސް މިދިޔަދިއުން ޚާއްޞަގޮތެއްގައި ފާހަގަކޮށް، ނުހަނު އުފަލާއެކު ބަލައިގަންނަ ކަމަށް ޝަހީމް ވިދާޅު ވިއެވެ.

''ތަރައްޤީގެ މަޝްރޫޢުތައް އަޅުގަނޑުމެން ގެންދަންވީ ހަމަހަމަ އުސޫލަކުން. އަޅުގަނޑުމެން ހުރިހާ ރަށެއް ވެސް، ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްގެ ގޮތުގައި ދެކިގެން. ޙަޤީޤަތަކީ މިއަދު ވެސް އަޅުގަނޑުމެން ރަށްރަށުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ފުރިހަމައެއް ނުވޭ. އެކަން ކުރުމަށް ޓަކައި މި ސަރުކާރުން ނުހަނު ބުރަ މަސައްކަތްތަކެއް ކުރާކަން އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ،''

ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ފެނާއި ނަރުދަމާގެ ނިޒާމު މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނެ ގޮތަށް މި ވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ވާކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ރަށްރަށުގެ ސްކޫލުތައް ރަނގަޅުކޮށް، ރަނގަޅު ތަޢުލީމީ ވެށްޓެއް ގާއިމުކުރުމަށް ޓަކައި ސްކޫލުތަކުގެ އިމާރާތުގެ ފެންވަރު ވެސް ރަނގަޅުކުރަންޖެހިފާވަކަން ވެސް ފާހަގަކޮށްލަން ބޭނުންވާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ކަނޑިތީމު ދާއިރާއަށް ނިސްބަތްވާ ށ. ގޮއިދޫއާއި ށ. ބިލެތްފަހީގެ ސްކޫލުގެ ހާލަތު ރަނގަޅުކުރުމަށް ޓަކައި އެ ސްކޫލުގެ އިމާރާތް ބަޖެޓުގައި ހިމަނައިދިނުމަކީ އެއީ އެ ރައްޔިތުން ވެސް އަދި އޭނާ ވެސް އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ދަނޑުވެރިކަމާއި މަސްވެރިކަމަށް އަދި އެ ދެ ސިނާޢަތް ކުރިއެރުވުމަށް ޓަކައި ފައިސާ ހިމެނިފައިވާތީ އުފާކުރަށްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

''އަޅުގަނޑު މިއަދު ވެސް ގަބޫލުކުރަން ބޭނުންވަނީ، މި ދެ ސިނާއަތް ހަރުދަނާކުރެވިއްޖެ ކަމަށް ވާނަމަ، މި ރާއްޖޭގެ އިޤުތިޞާދު އަޅުގަނޑުމެންނަށް ހީނުކުރާހާ އަޅުގަނޑުމެންނަށް ރަނގަޅުކުރެވިދާނެ. މަސްވެރިންގެ އަޑު ނުހަނު ރަނގަޅަށް އަޑުއަހާނެ ސަރުކާރެއް މި ސަރުކާރަކީ، ހަމަ އެއާއެކުގައި ދަނޑުވެރިންގެ ޙައްޤުތައް ހިމާޔަތްކޮށްދޭނެ ސަރުކާރެއް މި ސަރުކާރަކީ.''

ޝަހީމް ވިދާޅުވިއެވެ.

''ބަޖެޓުގައި ހިމެނިފައި ހުރި ކަންކަމަކީ އެއީ މިއަދަކު ކުރަންވީ ކަންތައްތަކެއް ނޫން. އެހެންނަމަވެސް، އެކަންކަން މިއަދު އަޅުގަނޑުމެންނަށް ކުރަން މި ޖެހުނީ އަޅުގަނޑު ކުރިން ދެންނެވިހެން، މި ރާއްޖޭގައި ވެރިކަން ކޮށްފައި ތިބި ވެރިން ރައްޔިތުންނާ ދޭތެރޭގައި އިޚުލާޞްތެރިކަމެއް ނެތުމުން ވެގެންދިޔަ ކަމެއް. އިއްޒަތްތެރި ރައީސް، އަޅުގަނޑުގެ އުއްމީދަކީ، މި ބަޖެޓުން އަޅުގަނޑުމެންނަށް އުފާވެރިކަން އައިސް އަދި އެއާއެކުގައި މި ރާއްޖޭގައި ދެން އެންމެ އަވަހަށް އެޅޭ އެއަރޕޯޓުތަކުގެ ތެރޭގައި ށ. ބިލެތްފަހީގެ އެއަރޕޯޓް ހިމެނިގެންގޮސް، އެ ޚިދުމަތް އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބި، އެކަން ފުރިހަމަވެގެން ދިއުމަކީ އަޅުގަނޑުމެން ނުހަނު އެދޭ ކަމެއްގެ ގޮތުގައި ދަންނަވަން''

ޝަހީމް ބަހުސް ނިންމަވާލަމުން ވިދާޅުވިއެވެ.

ޝަހީމްވަނީ އޭނާއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ކަމުދާކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ބަޖެޓްގައި ހުރި ކަންކަން ކުރެވިއްޖެ ކަމަށް ވާނަމަ، ދިވެހިރާއްޖެ އަނެއްކާވެސް ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.