ށ. ބިލެތްފަހީގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްޤީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ސަރުކާރަށް 2 އަހަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ނަހުލާ ވިދާޅުވީ އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވަނީ ރައީސް ޞާލިޙްގެ އިރުޝާދާއި އެއްގޮތަށް ކަމަށެވެ. އޭގެ ތެރޭގައި ތަރައްޤީ ކުރުމުގެ މަސައްކަތް ނުނިމޭ އެއާޕޯޓްތަކާއި، މަސައްކަތް ފަށަން ނިންމާފައިވާ އެއާޕޯޓްތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޅުދުއްފުށީ އެއާޕޯޓާއި، މާވަރުލު އެއާޕޯޓް މަސައްކަތް ނިމި ޚިދުމަތް ފެށިފައިވާކަން ފާހަގަ ކުރަށްވާ މިނިސްޓަރު ވިދާޅުވީ މިހާރު މަސައްކަތް ކުރެވެމުން ދަނީ ހޯރަފުއްޓާއި، މަޑިވަރު އެއާޕޯޓްގެ މަސައްކަތް ކަމަށެވެ.
"ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ޤަބޫލު ކުރަނީ މި މަސްތެރޭ ހޯރަފުށީ އެއާޕޯޓް ހުޅުވިގެން ދާނެކަމަށް، މީގެ އިތުރުން މަޑިވަރު އެއާޕޯޓް އަންނަ އަހަރު ކުރީކޮޅު ހުޅުވޭނެ ކަމަށް"
މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ވައިގެ މަގުން ދަތުރުފަތުރު ކުރުމަށް ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.
"ކުރިއަށް އޮތްތާނގައިވެސް ޕްލޭން ކޮށްފައި އެބަހުރި އެއާޕޯޓްތައް، މިސާލަކަށް މުލީގައި އެއާޕޯޓެއް އެބައޮތް އަދި ބިލެތްފަހީގައި އެއާޕޯޓެއެޅުމަށް ވިސްނުންތަކެއް އެބަހުރި، އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެކަންތައްތައް ފައިނަލްވެގެންއައީމަ އެ އެއާޕޯޓްތަކުގެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް''
މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާވަނީ ސަރުކާރުން ރީޖަނަލް އެއާޕޯޓްތައް ހިންގަން ކުންފުންޏެއް އުފެއްދެވުމާއި ގުޅިގެން ކުރިމަގުގައި އެކަމުގެ ހެޔޮ ނަތިޖާ ލިބޭނެ ކަމަށް ވެސް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިހާރު ރީޖަނަލް އެއާޕޯޓުތައް ހިންގަމުން ދަނީ ގެއްލުމުގައި ކަމަށާއި، އެ އެއާޕޯޓުތައް ކުންފުންޏެއްގެ ދަށަށް ބަދަލުވުމުން ވިޔަފާރިކޮށް، އަމިއްލައަށް ނަފާ ހޯދުމުގެ މަގު ތަނަވަސް ވެގެން ދާނެ ކަމަށެވެ.
ސަރުކާރުން ހިންގާ ސަރަހައްދީ އެއާޕޯޓުތައް ވިޔަފާރީގެ އުސޫލުން ހިންގައި ސަރުކާރުން ރީޖަނަލް އެއާޕޯޓްސް މެދުވެރިކޮށް ހިންގާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކޮށް ހިންގުމަށް، "ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އުފެއްދެވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އަދި އެކުންފުނީގެ މަސައްކަތް އަމަލީގޮތެއްގައި ފެށިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!