ދިވެހި ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދަޢުވަތަކަށް، އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ، މި ނޮވެމްބަރު މަހުގެ 8 އިން 10 އަކަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
މި ދަތުރުފުޅުގައި ޤައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ އެންމެ ފަހުގެ މަަޢުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވިގެންދާނެއެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރަށްވާ މި ދަތުރުފުޅުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރަށްވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓްގެ ބައެއް މެންބަރުންނަށްވެސް މި ދަތުރުފުޅުގައި އެމަނިކުފާނު ބައްދަލު ކުރަށްވާނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، މިނިސްޓަރ އޮފް ފިނޭންސް، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓަރ އޮފް ޑިފެންސް އަދި މިނިސްޓަރ އޮފް ޓޫރިޒަމް އަށް ބައްދަލުކުރެއްވުން ހިމެނެއެވެ.
ހަރްޝް ވަރްދާން ޝްރިންގްލާ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމަށް 29 ޖެނުއަރީ 2020 ވަނަ ދުވަހު އައިސްފައިވާއިރު މިއީ މި މަޤާމަށް އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ނޮވެމްބަރު މަހުގެ 8 އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، މި ހިނގާ ނޮވެންބަރުމަހުގެ 1 ވަނަދުވަހު އިނގިރޭސިވިލާތުގެ ސަފީރުވެސް ވަނީ ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!