މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޓީސީސީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އެންމެފަހު މަޢުލޫމާތު ކޮންމެ ދުވަހު ހާމަ ކުރަށްވަމުން އަންނައިރު، ނ. މިލަދޫ ގައި އެކުންފުނިން ކުރަމުން ގެންދާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތު އެންމެ ފަހުގެ މަޢުލޫމާތު މިއަދު ވަނީ ހާމަކުރަށްވާފަ އެވެ.
މިގޮތުން އެމްޓީސީސީން ބުނީ މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމި، މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 286 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ. އަދި 1،430 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
ނ. މިލަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 34 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 57 ޕަސެންޓް ވަނީ ނިމިފައި. މި މަޝްރޫޢުގައި ސޮއިކުރެވިފައިވަނީ 25 ސެޕްޓެމްބަރ 2019 ގައި. pic.twitter.com/zj5jh5SMBD
— MTCC Plc (@MTCCPlc) November 4, 2020
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 42.18 މިލިއަން ރުފިޔާގެ މަޝްރޫޢު އެކެވެ. އަދި މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 25 ސެޕްޓެމްބަރ 2019 ގައި އެވެ.
ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީން އަންނަނީ ރާއްޖޭގެ ގިނަ ޢަދަދެއްގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގަމުންނެވެ. އަދި އެކުންފުނިން ދަނީ މާލީ ފުރިހަމަ ނަތީޖާއެއް ވެސް ހާސިލް ކުރަމުންނެވެ. މި ގޮތުން މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިފައި އެވެ.
އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ އެ ކުއާޓަރުގައި ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!