ހއ.މުރައިދޫގައި މިހާރު ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން "ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް" ފެށުމަށް އެ އެކަޑަމީން ތައްޔާރުވާން ފަށައިފިއެވެ.

ނިޔާ އެކަޑަމީގައި މިހާރު ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް 27 ނޮވެމްބަރ 2020 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ވަނީ 6 ޓީމަކުން ބައިވެރި ވެފައެވެ.

Ad
rt

މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އިންފިނިޓީ، ލޭޑީ އީގަލްސް، ނީޑް ފޯ ސްޕީޑް، ޓީމް ހިޔަލަ، ވުމެން ސްޓާ އަދި ޓީމް ބިޒީ ގާލްސްއެވެ. މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މުރައިދޫ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭގޮތަށެވެ. އަދި ފައިނަލުގެ ދެވަނަ ޖާގަ ލިބިގެން ދާނީ ޕޮއިންޓް ތާވަލުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމު މެދުގައި ކުޅޭ ސެމީފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ 7 ޑިސެމްބަރ 2020 ގައެވެ.

މި މުބާރާތާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ދެމުން ނިޔާ އެކަޑަމީގެ ރައީސް އަޙްމަދު ނިޔާޒު މޫސާ (ނިޔާ) ބުނެފައިވަނީ މިފަދަ މުބާރާތެއް ހިންގުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ގިނަބަޔަކު ކަސްރަތުގެ ތެރެއަށް ނެރެ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ބާރު އެޅުމުގެ އިތުރުން ކުޅިވަރުގެ ހުނަރު އިތުރު ކުރުމާއި އެއްބައި ވަންތަކަން އާލާކުރުން ކަމަށެވެ.

ނިޔާ އިތުރަށް ބުނެފައިވަނީ މި އެކަޑަމީއަކީ ވަރަށް ބޮޑަށް ރޭވިގެން ވަރަށް ރަނގަޅު އިންތިޒާމެއްގެ ދަށުން އެކަށީގެންވާ ސާމާނާއި އެކު ހިންގަމުން އަންނަ އެކަޑަމީއެއް ކަމަށެވެ. އަދި އެކަޑަމީގެ ފަރާތުން ކުދިންގެ ފުޓްބޯޅަ ހުނަރު ކުރިއެރުވުމުގެ އިތުރުން އެ ކުދިން އަޚުލާގާއި އަދި އެ ނޫންވެސް ތަފާތު ހުނަރު އިތުރުކޮށް ރަނގަޅު ޖީލެއް ބިނާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އަޙްމަދު ނިޔާޒު މޫސާ (ނިޔާ) ގެ އިސްނެގުމުގެ މަތިން 02 ޑިސެމްބަރ 2019 ގައި ފެށި މި އެކަޑަމީގައި މިހާރުވެސް 117 ކުދިން ދަނީ ތަމްރީނު ހޯދަމުންނެވެ. އެ ކުދިންގެ ތެރެއިން 48 އިންސައްތަ އަކީ އަންހެން ކުދިންނެވެ. މި އެކަޑަމީގައި ޖުމްލަ ހަތް ކޯޗުން މަސައްކަތް ކުރަމުންދެއެވެ. އެއީ ފިރިހެން ހަތަރު ކޯޗުންގެ އިތުރުން އަންހެން ތިން ކޯޗުންނެވެ.

މި މުބާރާތުގެ މެއިން ސްޕޮންސާއަކީ މިލަންދޫގައިފުޅާ ދާއިރާއެއްގައި ހާޑުވެއާ ވިޔަފާރި ކުރަމުން އަންނަ ފަރާތެއް ކަމުގައިވާ ސައުތު ލިންކެވެ.

ހއ.މުރައިދޫ އަށް އުފަން އަޙްމަދު ނިޔާޒު މޫސާ އަކީ ފުޓުބޯޅައިގައި ފާހަގަ ކޮށްލެވޭ ކޯޗެކެވެ. ހާއްސަކޮށް މިނިވަން ޗެމްޕިއަންޝިޕް ގައި ތިލަދުންމަތީގެ އެކި ރަށް ތަކަށް ކޯޗުކަން ކޮށްދީފައިވާ ފާހަގަ ކޮށްލެވޭ ފަރާތެކެވެ. އިންޓަރ ރިސޯޓް ފުޓްސަލް މުބާރާތްތަކުގައި އެކި ރިސޯޓްތަކަށްވެސް ކޯޗު ކަން ކޮށްދެއްވާފައިވާ ފަރާތެކެވެ.