ށ. ފޭދޫގެ އެކިހިސާބުތަކުގެ ފާރުތަކުގައި، އިޖްތިމާޢީ އާންމު މިންގަނޑުތަކާއި ޚިލާފަށްހުރި ބޭއަދަބީ ލިޔުންތައް ފޮހުމުގެ ހާއްސަ ހަރަކާތެއް ށ.ފޭދޫ ކައުންސިލް އިން ކުރިއަށް ގެންގޮށްސި އެވެ.

ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު "ތިލަދުން" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އިއްޔެގެ މެންދުރުފަހު 2:00 އިން ފެށިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެރަށުގެ އާންމުންނާއި ފުލުހުންނާއި އެރަށުގެ އެކި އެކި މުއައްސަސާތަކުގެ މުވައްޒަފުން ބައިވެރިވެފައިވާކަމަށެވެ.

Ad
rt

ރަށުތެރޭގައި ބޭއަދަބީ ބަސްތަކާއި އިޖްތިމާއީ މިންގަނޑާއި ހިލާފަށް ލިޔެވިފައިހުރި އެންމެހާ ލިޔުންތައް ފޮހެލެވިފައިވާނޭ ކަމަށް ޝާމިރު ވިދާޅުވި އެވެ. މިކަން މިހެން ކުރުމުގެ އެންމެ ބޮޑު މަޤްސަދެއްކަމުގައި ޝާމިރު ފާހަގަކުރަށްވާފައިވަނީ، ތަންތާގައި ލިޔެވިފައި ހުރި ނޭދެވޭ ބަސްތައް، ލިޔަން ކިޔަން ދަސްކުރާވަރުގެ ކުޑަކުދިން އައިސް އެ ބަސްތަކުގެ މާނަ ހޯދުމަށް އެކުދިންގެ ބެލެނިވެރިންގެ ގާތު އަހާކަމުގެ ޝަކުވާ އެއިދާރާއަށް ލިބޭ މިންވަރު އިތުރުވުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމަށެވެ. އަދި ބޮޑެތިވަމުން އަންނަ ދަރިންނަށް އިސްލާމީ ރީތި އަޚުލާޤު ނޫން އެހެން މަގަކުން ނުދިޔުމަށް މަގުފަހި ކުރުމަށް ކަމަށެވެ.

ކުށުގެ ވެށިން ރަށް ސަލާމަތުގެ އައްސޭރިއަކަށް ގެނެއުމަށްޓަކާ ކުރިއަށް އޮތް ދުވަސްތަކުގައި ރަށުގެ އެކިއެކި އުމުރުފުރާގެ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ފުލުހުންނާއި ގުޅިގެން ހިންގުމަށް މަސައްކަތް ކުރަށްވަމުން އަންނަކަމުގައިވެސް ޝާމިރު ވިދާޅުވި އެވެ.

ރާއްޖޭގެ ރަށްރަށުގެ ފާރުތަކުގައި ބޭއަދަބީ މަންޒަރުތައް ކުރެހުމާއި މީހުންގެ އަބުރަށް ހުތުރުވާގޮތަށް ލިއުމާއި އަޅުވާލިއުމަކީ އާންމު ކަމެކެވެ. މިފަދަ ކަންކަމުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ފެންމަތިވެ މިކަމުގެ ނޭދެވޭ އަސަރުތައް މުޖުތަމަޢުގެ ތެރޭގައި އަންނަނީ ފެންމަތިވަމުންނެވެ.

ފޭދޫއަކީ އަކީ ފުލުހުންގެ އިދާރާއެއް ނެތް ރަށެއް ކަމަށްވުމުން، އެރަށް ވެފައިވަނީ ކުށުގެ ރޭޓް މަތީ ރަށެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އެރަށުގައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުންފަދަ ކަންކަން އާންމުވުމާއި ގުޅިގެން، އެކަމާ ދެކޮޅަށް ބޮޑު މުޒާހަރާއެއްވެސް ކޮށްފައެވެ. މުޒާހަރާގެ ހޫނު ގަދަވެ، މުޒާހަރާ ކޮންޓްރޯލް ކޮށްފައިވަނީ ފޯކައިދޫއިން ފުލުހުންގެ ޓީމެއް އެރަށަށް ގޮސްގެންނެވެ.