ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫ ހާލަތުގެ ތެރެއިން 2023 ވަނަ އަހަރު، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވޭނެ ގޮތެއް ނެތް ކަމުގައި ދިވެހިރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވަން ބިޑް ކާމިޔާބުކޮށްފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވޭނޭ ގޮތެއް މިވަގުތު ނެތްކަމުގައި މަހްލޫފް ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

އެ ޕްރޮގްރާމްގައި ވާހަކުޅު ދައްކަވަމުން މަހްލޫފް ވިދާޅުވެފައިވަނީ "2023 ވަނަ އަހަރުގެ އައިއޯއައިޖީ ބޭއްވުމުގެ ފުރުޞަތު ރާއްޖެއަށް ފަހިވީ ސަރުކާރާއި އޮލިމްޕިކް ކޮމިޓީން ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށެވެ. ނަމަވެސް އެކަމަށް ބޭނުންވާ ފެސިލީޓީތައް ގާއިމުކުރުމުގައި މި ދަނޑިވަޅު ދިމާވެފައިވާ ދަތިތަކުގެ އިތުރުން އެތައް ބައިވަރު ޒުވާނުންތަކެއްގެ ވަޒީފާ ގެއްލި އެތައް ބަޔެއްގެ އާއްމުދަނީ މަދުވެ، ހުރިހާ ވިޔަފާރިއަކަށް އޭގެ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި، އެކަމަށް ފޯކަސް ކޮށްގެން އެވަރުގެ ބޮޑު ގޭމެއް 2023 ވަނަ އަހަރު ބޭއްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ވެސް ދެކިނުލައްވާ ކަމަށެވެ. އަދި އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ވެސް ނެތްކަމަށެވެ.

މަހްލޫފް އިތުރަށް ވިދާޅުވެފައިވަނީ ދުނިޔޭގެ އެހެން ބޮޑެތި ކުޅިވަރު މުބާރާތްތައް ވެސް އެއް އަހަރު ފަހަތަށް ޖައްސާލާފައި އެބަހުރި ކަމަށާއި، އައިއޯއައިޖީގެ ހާއްސަ ކޮމިޓީއާއި މީގެ ފަސްވަރަކަށް ދުވަސް ކުރިން ބައްދަލުކޮށް އެ ބޭފުޅުންގެ ސަމާލުކަމަށް ވެސް މިކަން ގެނެވިފައިވާނެ ކަމަށެވެ. 2023 ވަނަ އަހަރު އެ ގޭމްސް ބޭއްވުމުގެ ބަދަލުގައި 2025 ވަނަ އަހަރު އެ ގޭމްސް ބޭއްވުމުގެ ފުރުޞަތު ލިބިއްޖެނަމަ އެ އަހަރު ބޭއްވުމަށް މަސައްކަތް ކުރާނެ ކަމުގައި މަހްލޫފް ވިދާޅުވެފައިވެއެވެ.