އަވަށްޓެރި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަތުރުފުޅަށް ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ސީޕްލޭންއެއް ޗާރޓަރު ކުރުމަކީ ދެގައުމުން އެއްގައުމު އަނެއްގައުމަށް ކުރާ އިޙްތިރާމް ރަމްޒުކޮށްދޭ ކަމެއްކަމަށް ޤައުމީ އެއަރލައިން މޯލްޑިވިއަން ހިންގަމުން އަންނަ ކުންފުނި އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ
އިންޑިޔާގެ ސްޕައިސް ޖެޓް ކުންފުނިން ވޯދީގެ ޚާއްސަ ދަތުރުފުޅަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ބޯޓެއް ޗާރޓަރކުރި ކުރުމަށް އިޝާރާތް ކުރައްވާ ރިޒްވީ ވިދާޅުވީ، އިންޑިޔާއިން ބޭނުން ނަމަ ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ސީޕްލޭން ޗާރޓަރ ކުރެވޭނެކަމަށެވެ.
ދުނިޔޭގައި ސީޕްލޭންގެ ހިދުމަތް ދެމުންގެންދާ އެތަށްގައުމެއް އޮތްކަން ފާހަގަ ކުރަށްވައި، ރިޒްވީ ވިދާޅުވީ އަވައްޓެރި އިންޑިޔާއިން ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން އިހްތިޔާރުކުރިކަމީ ދިވެހިންނަށް ލިބިގެން ދިޔަ ފަހުރަކާއި ޝަރަފެއްކަމަށެވެ.
"މިފުރުސަތުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަން އެތައްތަނަކުން އިތުރުވެ ވިޔަފާރިގެ ދާއިރާއިން ބޮޑެތިކުރިއެރުން ތަކެއް ލިބިގެން ދާނެ. އަދި ސްޕައިސްޖެޓްފަދަ ކުންފުންޏެއްގެ އިތުބާރާއި ޔަޤީންކަން ލިބުމަކީ ވައިގެ އުދުހުންތަށް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރާ މަސައްކަތަށް އިތުރުފަހިކަމެއް ލިބިގެންދާނެކަމެއް، މިފުރުސަތުގެ ބޭނުންވީހާވެސް އެދެވޭ ގޮތެއްގައި އަޅުގަނޑުމެން ހިފާނަން"
ރިޒްވީ ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރިޒްވީ
ރިޒްވީ ވިދާޅުވި ގޮތުގައި އިންޑިއާގެ ސްޕައިސްޖެޓްގެ މިދަތުރުގެއިތުރުން، އިންޑިޔާގައި ސީޕްލޭން ފެށުމަށް ޓެކްނިކަލް ސަޕޯޓް އެގައުމުން ބޭނުންވާނަމަ އެކަން ފޯރުކޮށްދޭން ދިވެހި ޤައުމީ އެއާލައިން އޮތީ ތައްޔާރަށެވެ. އަދި އެފަދަ މަޝްވަރާތަކެއް މިހާރުވެސް ކުރިއަށްދާކަމަށް ރިޒްވީ ވަނީ ވިދާޅުވެފައި އެވެ.
ރިޒްވީ ފާހަގަކުރެއްވި ގޮތުގައި ''މޯދީގެ ދަތުރުފުޅަކީ ދެގައުމަށްވެސް ވިންވިން ސިޓުއޭޝަނެކެވެ''. މި ދަތުރާއެކީގައި ޒަމާންވީ ދިވެހިރާއްޖެ އިންޑިޔާގެ ގުޅުން ބަދަހިވުމުގެ އިތުރަށް ދިވެހިރާއްޖޭގެ މާސިންގާ ކަޑުތަކުން ދިވެހިންހޯދާ ތަޖުރިބާއަކީ ބޮޑެތި ގައުމުތަކުން އިޙްތިރާމުކުރާ އަދި ބަލައިގަންނަ ކަމެއްކަން މިދަތުރުން އެނގި އެކަމާ ނުހަނު ފަހުރުވެރިވާކަމަށް ރިޒްވީ ވަނީ ވިދާޅުވެފައި އެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ ދަތުރުފުޅުގެ ކަންކަމުގައި އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ފާހަގަކޮށް ރިޒްވީ ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކޮށްފައި އެވެ.
އިންޑިއާގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ގިނަ ބަޔަކަށް ހެޔޮ އަގުގައި ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި އަދި ވައިގެ ދަތުރުތައް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަޗްކާ ގާއިމުކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ފަށާފައިވާ "އުޑަން" މަޝްރޫއުގެ ދަށުން އިންޑިއާގައި މިއަދު ސީޕްލޭންގެ ހިދުމަތް ފެށީ ގުޖުރާތު ސްޓޭޓުގެ ކެވާޑިއާއިންނެވެ.
އިންޑިއާގެ ގައުމީ އެއްބައިވަންތަކަމުގެ ދުވަހާ ދިމާކޮށް، އެތަނުން ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!