އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، ށ.ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު، ކައުންސިލް ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރައީސްގެ މަޤާމުން ހަސަން ސުޖާއު އިސްތިއުފާ ދެއްވާފައިވާކަން އެކައުންސިލްގެ މެންބަރު ހުސެއިން މޫސާ ވަނީ "ތިލަދުން" އަށް ޔަޤީން ކޮށްދެއްވާފައެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޖާއު އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ސުޖާއުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިކޮށް ކައުންސިލް މެންބަރުން ސޮއިކޮށް މަޤާމުން ދުރުކުރުމަށްވަނީ އެޖެންޑާ ކޮށްފައެވެ.

"އިސްތިއުފާދެއްވީ، ދިމާވި މައްސަލައަކާއި ގުޅިގެން ކައުންސިލްގެ އެންމެހާ މެންބަރުން އޭނާ ރައީސްކަމުގައި ބަހައްޓަން ފެނޭތޯ ނޫނީ ނުފެނޭތޯ ވޯޓް ނަގަން އެޖެންޑާ ކޮށްފައިވަނިކޮށް."

ކައުންސިލްގެ މެންބަރު ހުސެއިން މޫސާ ވިދާޅުވި އެވެ.

މިހާރު ވަނީ ރައީސް ހަސަން ސުޖާއު ކައުންސިލް އިދާރާއަށް ފޮނުވި އިސްތިއުފާގެ ސިޓީ އެ އިދާރާއިން ބަލައިގަނެފަ އެވެ.

ފީވަކު ކައުންސިލްގެ މެންބަރު ހުސެއިން މޫސާ އިތުރަށް ވިދާޅުވިގޮތުގައި ކައުންސިލް ރައީސްކަމުން އޭނާ ވަކިވެވަޑައިގެންނެވި ކަމުގައިވިޔަސް ކައުންސިލް މެންބަރެއްގެ ގޮތުގައި އޭނާ ހުންނާނެއެވެ.

ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު އޭނާގެ އެ މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ އައު ދައުރަކަށް ވޯޓު ލުމަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮންނެވެ.

ފީވަކު ކައުންސިލްގެ މެންބަރު ވެރިކަންކުރާ އެމްޑީޕީއަށް ސޮއިކުރީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 10 ވަނަ ދުވަހު އެވެ.