ހިޔާލު ތަފާތުވާ ކޮންމެ ފަހަރު، ހުސްބުޅީގައި ގަންނާނެ ކަމަށް، އެ ހުސްބުޅި ވިސްނުމުގައި ކަންކަން ކުރެވިދާނެ ކަމަށް އިދިކޮޅުން ގަބޫލުކޮށްގެން ނުވާނެ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅު ވެއްޖެއެވެ.
ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވަކިކުރުމަށް، އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިތުބާރުގެ މައްސަލައަށް އެމްޑީޕީގެ ތާއީދު ނުލިބޭނެކަން ދޭހަވާ ގޮތަށް އާޒިމް ވާހަކަ ދެއްކެވީ އެ މައްސަލަ އިއްޔެ ހުށަހަޅުއްވާފައިވާކަން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރުމާއެކު މަޖިލިސް ތަޅުމުގައި ދެއްކެވި ވާހަކާގައި އެވެ.
އާޒިމް ވިދާޅުވީ ޚިޔާލު ތަފާތުވާ ކޮންމެ ފަހަރު، އެއީ ހުސްބުޅީގައި އެމްޑީޕީ ގަންނާނެ ކަމަށް އަދި އެމްޑީޕީގެ އެޖެންޑާއާއި ޚިލާފަށް މަޖިލީހުގައި ކަންތައް ކުރަމުން ގެންދާނެ ކަމަށް އުންމީދުކޮށްގެން، އެ ހުސްބުޅި ވިސްނުމުގައި ކަންކަން ކުރެވިދާނެ ކަމަށް އިދިކޮޅުން ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
އެމްޑީޕީއަކީ މި ސަރުކާރުގެ ބައިވެރިއެއް ކަމަށް ވިދާޅުވެ، އާޒިމް ވިދާޅުވީ މި ސަރުކާރާއި ރައީސް ޞާލިހަށް އެ ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި އެމްޑީޕީން ކަންކަމާއި ކުރިމަތިލާއިރު އަބަދުވެސް ހާއްސަ އެޖެންޑާއެއް އޮންނަ ކަމަށާއި އެ އެޖެންޑާއާ ޚިލާފަށް އެޕާޓީން ކަންކަން ނުކުރާނެ ކަމަށް ވިދާޅު އާޒިމް ވަނީ މިނިސްޓަރު އިމްރާންގެ މައްސަލާގައި އޭނާގެ ވިސްނުން ނުސީދާކޮށް ހާމަ ކުރަށްވާފައި އެވެ.
ރައްޔިތުންގެ މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން 10 މެންބަރެއްގެ ސޮއި ބޭނުންވާއިރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ މައްސަލަ އިދިކޮޅުން އިސްވެ 11 މެންބަރުން ސޮޔާއެކު ހުށަހަޅާފައިވާތީ، އެ މައްސަލަ ކުރިއަށް ގެންދަންޖެހޭ ކަމަށާއި، އެ މައްސަލައިގެ ނޯޓިސް މިއަދު ފޮނުއްވާނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާގައި ވިދާޅުވެފައި އެވެ.
އިދިކޮޅުން އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯލިޝަންގެ 9 މެންބަރެއްގެ ސޮއިގެ އިތުރުން މިނިވަން 2 މެންބަރެއްގެ ސޮޔާއި އެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރި މިނިވަން ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!