ހއ. ބާރަށުގައި ކުޑަކުއްޖަކު މަރުވުމުގެ ހާދިސާއެއް ހިނގައި، ފުލުހުން އެމައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން ރަސްމީކޮށް މިހާތަނަށް ފުލުހުން އެއްޗެއް ހާމަކުރަށްވާފައި ނުވި ނަމަވެސް، ބާރަށަށް ނިސްބަތްވާ ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް، ޢަލީ ސަމީމް ''ތިލަދުން''އަށް ވިދާޅުވީ މަރުވި ކުއްޖާގެ ހަށިގަނޑު ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.
ޢަލީ ސަމީމް ވިދާޅުވީ ކުޑަކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނުނު ކަމަށް އޭނާ އަށް މަޢުލޫމާތު ލިބުނީ މިއަދު ހެނދުނު 7 ޖަހާކަށް ހާއިރު ކަމަށެވެ.
'' ސިއްޙީ މަރުކަޒުން މައުލޫމާތު ދެއްވި އެކުއްޖާ މަރުވެފައިވާ ކަމަށް، އަޅުގަނޑު އެތަނަކަށް ނުދަން، މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ހާދިސާ ހިނގީ ރޭ ފަތިހު، މިހާރު ފުލުހުން ވަނީ އެކުއްޖާގެ ހަށިގަނޑު ގެންގޮސްފައި''
ޢަލީ ސަމީމް ވިދާޅުވިއެވެ.
އެރަށުން ވާހަކަ ދެއްކި އިތުރު މީހަކު ބުނީ އެކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުމުން ޢާއިލާއަށް އެކަން އެނގުމުން އެކުއްޖާ ކަރުގައި އައްސާފައިވާ ވާކަނޑު މޮހާލާފައި ވާކަމަށެވެ. އަދި ޢާއިލާއިން އެކަން އެހެން ކުރީ އެކުއްޖާ ސަލާމަތް ކުރެވޭތޯ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ އެއީ ފިރިހެން ކުއްޖެއް ކަމަށާއި، އެކުއްޖާ މަރުވެފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ހުންނަ ފަޅު ގެއެއްގައި ކަމަށާއި އަދި އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ އަތިރިއަށް ކުނި އުކާލަން ދިޔަ އަންހެނަކަށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހުން މިހާރު ވަނީ މަސައްކަތް ފައްޓަވާފައި އެވެ. ނަމަވެސް ފުލުހުން ރަސްމީކޮށް މިހާދިސާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް އަދި ހާމައެއް ނުކުރަށްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!