ހދ. ނައިވާދޫ ޒުވާނުންގެ ހިތުގައި ނައިވާދޫއަށް އޮތް ލޯތްބާއި، އެ ޒުވާނުންގެ މެދުގައި އޮތް އެކުވެރިކަން މިފަހަރު ދައްކުވައި ދިނީ އެ ރަށުގެ ޗާލު ތުނޑީގައި ތައްޔާރުކުރި ''ނަލަނަލަ ރަސްތުނޑި'' މައިޒާނުންނެވެ.

ނައިވާދޫ ޒުވާނުންތަކެއް އިސްނަގައިގެން އެރަށުގެ އުތުރު ތުނޑީގައި ތަރައްޤީކުރު މި މައިޒާން، ރާއްޖޭގެ ޤައުމީ ދުވަހާއި ގުޅުވައިގެން އިއްޔެ ވަނީ ހުޅުވައި، ބޭނުން ކުރަން ފަށާފައިއެވެ.

Ad
rt

އިއްޔެ އެ މައިޒާން ބޭނުން ކުރަން ފެށިއިރު، އެ މައިޒާން ބޭނުން ކުރުމަށް ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފައި އެވެ. އެ ރަސްމިއްޔާތުގައި ނައިވާދޫގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ބައިވެރި ވެފައިވާއިރު، އެ އެންމެންގެ މޫނު މަތިން ވެސް ފެނުނީ ހާއުފާވެރިކަމާއި، ހިނިތުން ވުމެވެ.

އެ މަޒާން ތައްޔާރުކޮށްފައިވާ ތުނޑި އަކީ ގުދުރަތީ މުއްސަނދިކަމުން ފުރިފައިވާ ޗާލު ތުނޑިއެކެވެ. ވަށައިގެންވާ ވެއްޓަކީ އެހާމެ ހިތްގައިމު ފެހި ވެއްޓެކެވެ. ޢާއިލީ ވަގުތު ހޭދަ ކޮށްލުމަށާއި، އެކުވެރިކަން ބަދަހިކޮށް، އެކުވެރިންނާއިއެކު ފުރިހަމަ ވަގުތެއް ހޭދަ ކޮށްލުމަށް އެ ތުނޑިއަކީ ދެވަނައެއް ނުވާފަދަ ރީތި ތުނޑިއެކެވެ.

ލޯކަލް ޓޫރިޒަމަށް މަރެއް ފަދަ އެ ތުނޑީގައި ނައިވާދޫ ޒުވާނުން މި ހެދި މައިޒާނަކީ ވެއްޓަށް ގެއްލުން ނުވާނެހެން ހަދާފައިވާ މައިޒާނެކެވެ. އެ މައިޒާނުން ވަށައިގެން ވާ ވެށީން ހިތް އުފާކަން ލިބިދޭނެއެވެ. އެ ޒުވާން އެ މައިޒާން ތައްޔާރުކޮށްފައި ވަނީ ރަށުގެ ކަމުވޮށިގެންވާ މީހުންގެ ޚިޔާލާއި، ކައުންސިލާއި އަދި އާންމު ރައްޔިތުންގެ މަދަދާއި އެކުގައި އެވެ.

މައިޒާން ތައްޔާރު ކުރުމުގައި އެމަސައްކަތް ކުރި ޒުވާނުން ވަނީ ލޯކަލް ޓޫރިޒަމަށް ރަށް ޕްރޮމޯޓުވާނޭ ހެން އެތަން ފަރުމާ ކޮށްފައި އެވެ. އަދި އެތަނުގައި ޒަމާނީ ފަންނުވެރި ކަމާއިއެކު، ''ނަލަނަލަ ނައިވާދޫ''، ''ވިޒިޓް ނައިވާދޫ'' ޖަހާފައިވާ ލަކުޑި ބޯޑުތައް ވަނީ ހަދައި ހަރުކޮށްފައި އެވެ.

އެމައިޒާނުގައި އާންމުކޮށް މައިޒާން ތަކުގައި ހުންނަ އަށްޓާއި، ގޮނޑިއާއި، ޖޯއްޔާއި އަދި އުނދޯލި ފަދަ އެއްޗެހި ވަނީ ފަންނުވެރި ކަމާއިއެކު ހަދާފައި އެވެ. އަދި ކުޑަކުދީންނަށް ޚާއްޞަ ޖޯއްޔާއި، އުނދޯލި ވެސް ވަނީ އެތަނުގައި ހަދާފައި އެވެ.

އެމައިޒާން ތައްޔާރު ކޮށްފައި ވަނީ ދަތުރުދާ ޢާއިލާތަކަށާއި، މީހުންނަށް ފަސޭހަކަން ލިބިދޭ ގޮތަށެވެ. މި ގޮތުން މިތަނުގައި ބާބަކިއު ގްރިލްތައް ހަދާފައިވާއިރު، ކެއްކޭނެ ތަނެއް ވެސް ވަނީ ތައްޔާރު ކޮށްފައި އެވެ.

ނައިވާދޫ އަކީ އެހެން ރަށްރަށުން ވަރަށް ގިނައިން ދަތުރު ގޮސް އުޅޭ ރަށެއްވެސް މެއެވެ. މިގޮތަށް އެރަށަށް ދަތުރު ދާމީހުން ނައިވާދޫ އުތުރު ތުނޑީގައި ހަދާފައިވާ މި ''ނަލަނަލަ ރަސްތުނޑި'' މައިޒާން ބޭނުން ކުރަން ބޭނުން ނަމަ އެކަން ކުރަންޖެހޭނީ ނައިވާދޫ ކައުންސިލްގެ ހުއްދައަކާއި އެކުގައި ކަމަށް ވަނީ ހަމަ ޖައްސާފައި އެވެ.

މި މައިޒާން ތައްޔާރު ކުރި ޒުވާންގެ އެންމެ ބޮޑު އެދުމަކީ ސާފުތާހިރުކަން މަތީ، ދެމެހެއްޓެނިވި ގޮތަކަށް މިތަން ބޭނުން ކުރެވޭނޭ ފަދައަކުން މިތަން ބޭނުންކުރާ އެންމެންވެސް އަމަލުކޮށް ދިނުމެވެ. އެތަނުގައި ހަދާފައިހުރި ތަކެއްޗަށް ގެއްލުން ނުދީ، މާހައުލު ސާފުކޮށް ބޭއްވުމެވެ. ވަކީން ބޮޑަށް ތިމާވެއްޓަށް ކަމޭހިތައި، ވެށީގެ އެއްވެސް ދިރުމަކަށް ގެއްލުން ނުދިނުމަށް އެ ޒުވާނުން އެދެއެވެ.

މި މަސައްކަތް ކުރަމުން ދިޔައިރު، ރަށުގެ ކައުންސިލާއި، ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި، އެހީތެރިކަން އެ ޒުވާނުން ފާހަގަ ކުރެއެވެ. މި މަސައްކަތް ކުރިއަށް ދިޔަ ދުވަސްތަކުގައި ރަށުގެ ގިނަ ބަޔަކު ވަނީ އެ ޒުވާނުންނަށް ހަވީރު ސައިވެސް ފޯރުކޮށްދީފައި ކަމުން، އެކަން ވެސް އެ ޒުވާނުން ފާހަގަ ކުރެއެވެ.

ނައިވާދޫއަކީ ލޯކަލް ޓޫރިޒަމަށް ހުރިހާ ގޮތަކުންވެސް ފައްކާވެފައިވާ ރަށެކެވެ. އެރަށަކީ އެކުވެރި ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. ނައިވާދޫގެ ބަނދަރުން ރަށަށް ފައިބާ ހިސާބުންވެސް ރަށުގެ އަމާންކަން ހިތައް ސިފަވާން ފަށާނެއެވެ. ރަށުގެ ސާފުތާހިރުކަން ފެންނަން ފަށާނެއެވެ. މުޅި ބަނދަރު ސަރަޙައްދާއި، ރަށުގެ މަގުތަކުންވެސް އަދި ނަލަނަލަ ގޮނޑު ދޮށުންވެސް ފެނިގެންދާނީ ސާފުތާހިރުކަމެވެ. މުޅި ރަށުން ތަޖުރިބާ ކުރެވޭނީ އަމާންކަމެވެ. ރަށުގެ ރައްޔިތުންގެ ރިވެތި ޚުލުޤާއި، ސާފުތާހިރުކަމަށް ރަށުގެ އަމާންކަން އެއްވުމުން ރަށަކުން ހިތްތަކަށް ލިބިދެވޭނެ ހިތްއުފާކަން ލިބިދޭނެއެވެ.

އިޖުތިމާޢީ އެއްވެސް މައްސަލައެއްވެސް ރަށުގައި ނެތެވެ. މަސްތުވާތަކެތީގެ ވަބާއިންވެސް ރަށްއޮތީ ސަލާމަތްވެ، މިޒަމާނުގައި ރާއްޖޭގައި މަދުން ނޫނީ ނުފެންނާނެފަދަ ރަށެއްގެ ގޮތުގައެވެ. މިއީ، ހައްތަހާވެސް ލޯކަލް ޓޫރިޒަމަށް ނުވަތަ ގެސްޓުހައުސް ވިޔަފާރިއަށް އިންވެސްޓް ކުރުމަށާއި، ޗުއްޓީއަށް އެރަށަށް ޒިޔާރަތްކުރުމަށް އެންމެ މުހިންމުވާ ސަބަބުތަކެވެ.

ނައިވާދޫ ތުނޑި، ފޮޓޯ: ބިއުޓިފުލް ނައިވާދޫ ފޭސްބުކް ޕޭޖް

މީގެ ކުރީން ވެސް ނައިވާދޫގެ ރައްޔިތުން ވަނީ އެރަށްޔިތުންގެ އެކުވެރިކަން އެތައް ކަމަކުން، އެތައް ފަހަރަކު ދައްކުވައިދީފައި އެވެ. އެ ރަށުގެ ޒުވާނުން ވަނީ އެ ޒުވާނުންގެ ހިތުގައި ރަށަށް އޮތް ލޯބި އެތައް ފަހަރަކު ދައްކުވައި ދީފައި އެވެ.

ނައިވާދޫ ޒުވާނުންގެ އެކުވެރި ކަމުގެ ސިލްސިލާއަކަށް ނިމުމެއްނެތެވެ. އެ ޒުވާނުން ތިބީ އަތު ގުޅާލައިގެން ރަށަށް އޮތް ލޯބި ދައްކައި ދިނުމުގައި ދެމި ތިބުމަށް އަޒުމް ކަނޑައަޅައިގެންނެވެ.