ނިއު ޒިލެންޑްގެ ބޮޑު ވަޒީރުކަން، ޖަސިންޑާ އާރޑަން ދިފާޢު ކުރައްވައިފި

gettyimages-1229117995

ނިއު ޒިލެންޑްގެ ބޮޑު ވަޒީރުގެ މަޤާމަށް ދެވަނަ ފަހަރަށް ޖަސިންޑާ އާރޑަން ހޮވި ވަޑައިގެންފިއެވެ.

އެގައުމުގައި ވޯޓު ލީ މީހުންގެ 2 ބައި ކުޅަ 1 ބައި މިހާރު ވަނީ ގުނާ ނިމިފަ އެވެ. ޖަސިންޑާ ނިޞްބަތްވެވަޑައިގަންނަވާ ލޭބަރ ޕާޓީ އަށް 49.2 އިންސައްތަ ލިބިފައިވާއިރު، 120 މެންބަރުންގެ މަޖިލީހުން 64 ގޮނޑި އެ ޕާޓީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ވަގުތީ ނަތީޖާތަކުން ވަނީ ލަފާކޮށްފައެވެ.

މިހާރުގެ ނަތީޖާތަކަށް ބަލާއިރު މިއީ މިހާތަނަށް ނިއު ޒިލެންޑްގެ ސިޔާސީ ޙަޔާތުގައި، ބޮޑު މެޖޯރިޓީއެއް އެއް ޕާޓީއަކަށް ކުރިން ލިބިފައެއް ނުވެއެވެ. އަދި މިހާތަނަށް އެ ޤައުމުގައި ހިނގަމުން އައިސްފައިވަނީ، ގިނަ ޕާޓީ ތަކަކުން ހިއްސާވާ ސަރުކާރުތަކެކެވެ.

އިދިކޮޅުން ވާދަކޮށްފައިވާ ޖުޑިތް ކޮލިންސްވަނީ ޖަސިންޑާއާއި ފޯނު ވާހަކަދައްކަވައި މަރުޙަބާ ވިދާޅުވެފައެވެ. އަދި މިއީ ލޭބަރ ޕާޓީއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، މިފަހަރަކީ، ކެމްޕޭން ކުރުމަށް ބޮޑު ދަތިތަކަކާއި ކުރިމަތި ލާން ޖެހުނު ފަހަރެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ޖުޑިތް ނިޞްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ނެޝެނަލް ޕާޓީ އަށް މިފަހަރު ލިބޭނެ ކަމަށް ލަފާކުރެވިފައިވަނީ، 20 ގޮނޑިއެވެ. މިއީ ، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި މި ޕާޓީއަށް އެންމެ ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހޭ އަހަރެވެ.

ލޭބަރ ޕާޓީގެ ރައީސް ކްލެއަރ ޒާބޯވަނީ ޖަސިންޑާއަށް ތަޢުރީފު ކުރައްވައި، މި ފަހަރުގެ ކެމްޕޭންއަކީ "ޖަސިންޑާ- މޭނިއާ" ގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ ހަމަ ހުސް ޖަސިންޑާގެ ހިތްވަރުން ދެއްކެވި ނަމޫނާގެ ސަބަބުން ލިބުނު ކާމިޔާބެއް ކަމަށާއި، އޭނާ އަކީ ކަންކަން ކުރާ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.

ކޯވިޑް-19 ގެ ސަބަބުން މި އަހަރު ވަނީ ނިއު ޒިލެންޑްގެ ކެމްޕޭންގެ ކަންކަން އެހާ ބޮޑަށް ކުރިއަށް ގެންދެވޭ ގޮތް ނުވެފައެވެ. ނަމަވެސް، މި ކޯވިޑް-19 ގެ ތެރޭގައި ނިއު ޒިލެންޑްއިން މި ބަލިމަޑުކަން އެ ޤައުމުން ވަނީ2 ފަހަރަށް ނައްތާލާފައެވެ. އަދި މިކަން ހާޞިލް ކުރުމުގައި ޖަސިންޑާ އާރޑަންގެ ސިޔާސަތު ތަކަކީ މިއަދު މުޅި ދުނިޔެ ބަލައިގަންނަ، ތަޢުރީފު ކުރާ ފަދަ ސިޔާސަތުތަކެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *