ދިރޭ ޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް ށ.ޅައިމަގުން 3 ބިން ކުއްޔަށް ދޫކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ.

ޅައިމަގު ކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއިން ކޮންމެ ބިމެއްގައިވެސް 2000 އަކަފޫޓު ހުންނާނެކަމަށެވެ. މިބިންތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުދާރުމަގުގެ ހުނޅަގުން ނެވެ.

Ad
rt

ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބިން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އެ އިދާރާއިން ދިރާސާކޮށް، ޕޮއިންޓް ދިނުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތްތަކަށް އިސްކަންދޭ ޢުޞޫލުން ބިންދޫކުރަން ހަމަޖެހިފައިވާ އަދަދަށެވެ. ބިމުގެ ތަރުތީބު ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި ގުރުލައިގެންކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.

މި ބިމަށް އެދި ހުށައަޅާ ފަރާތްތަކުގެ ކިބާގައި 4 ޝަރުތެއް ހުރުން ލާޒިމްކޮށްފައިވެއެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، ބިމަށް އެދި ހުށައަޅާ ފަރާތަކީ ދިވެހި ރައްޔިތެއް ކަމުގައި ވުމެވެ. ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓރީ ކުރެވިފައިވާ ކުންފުންޏެއް ނުވަތަ ކުލަބު ޖަމިއްޔާ ޖަމާޢަތެއް ކަމުގައި ވުމެވެ.

ދެވަނަ ކަމަކަށް، ބިމަށް އެދި ހުށައަޅާ ފަރާތަކީ ފަރުދެއް ނަމަ، އުމުރުން 18 އަހަރު ވާންޖެހެއެވެ. 18 އަހަރު ވީ ކަމުގައިވިޔަސް ރަސްމީ ތަޢުލީމް ހާސިލް ކުރަމުންދާ ކުއްޖަކު ކަމުގައި ވެގެނެއް ނުވެއެވެ. ތިންވަނަ ޝަރުތަކަށް އެ އިދާރާއިން ބަޔާން ކޮށްފައިވަނީ، މީގެ ކުރިންވެސް މިފަދަ ބިމެއް ދޫކޮށް، ޤަވާއިދާ ޚިލާފްވެގެން ބިން ވަކިކުރި ފަރާތެއް ނަމަ، ވަކި ކުރިތާ މީލާދީ ގޮތުން އެއް އަހަރު ވާންޖެހެއެވެ. އަދި އެކަމާއި ގުޅިގެން ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ވާނަމަ އެ ފައިސާ ދައްކާފައި ހުރުން ލާޒިމެވެ.

ފަހު ކަމަކަށް ފާހަގަ ކުރަށްވާފައިވަނީ، ބިމަށް އެދި ހުށައަޅާ ފަރާތަކީ ބުއްދި ސަލާމަތުންހުރި މިނިވަނަކު ކަމުގައި ވުމެވެ.

މި މަސައްކަތައް ދޫކުރާ ބިންތައް ބިޑްކުރެވޭ އެންމެ ކުޑަ އަގަކަށް އެފަރާތުން ހާމަކުރަށްވާފައިވަނީ އަކަފޫޓަކަށް 60 ރުފިޔާއެވެ. އަދި މި މަސައްކަތް ކުރަން ބޭނުންފުޅުޅުވާ ފަރާތްތަކަށް ބިން ދޫކުރެވޭނެ އެންމެ ދިގުމުއްދަތަކަށް އެ އިދާރާއިން ކަނޑައަޅާފައިވަނީ، ބިމުގެ އެގްރީމެންޓްގައި ސޮއި ކުރާ ތާރީޚުން ފެށިގެން މީލާދީ ގޮތުން 1 އަހަރާއި ހަމައަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އެރަށު ކައުންސިލް އިދާރާއަށް، ޕްރޮޕޯސަލް ހުށއެޅުމަށް އެ އިދާރާއިން އިލްތިމާސް ކުރެއްވިއެވެ. އަދި ޕްރޮޕޯސަލް ހުށައަޅާ ފަރާތްތަކުންވެސް އެ ހުށައަޅާއިރު ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި އެ އިދާރާއަށް ރައްދުކޮށްދިނުމަށް ނަސޭހަތްތެރިވިއެވެ. ޕްރޮޕޯސަލް ހުށައަޅަން ވަޑައިގަންނަވާ ފަރާތްތަކުގެ ތެރެއިންވެސް ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެ ވާހަކަ އެރަށު ކައުންސިލުން ދެންނެވިއެވެ.

ށ.ޅައިމަގަކީ ރީތި ނަލަ ވެއްޓެއް އޮންނަ ބިން ބޮޑު ރަށެކެވެ. އެގޮތުން އެރަށުގެ ކައުުންސިލުން އަންނަނީ ރަށުގެ ބިމުގެ އެކިއެކި ސަރަހައްދުތައް، ރަށުގެ ރައްޔިތުންނަށް ދަނޑުވެރިކަން ކުރުން ފަދަ ކަންކަމަށްވެސް ދޫކުރަމުންނެވެ.