މީގެ ދެ ދުވަހެއްގެ ކުރިން، 8 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހަކީ އުތުރުގެ ރަށެއްކަމުގައިވާ ށ.ނަރުދޫ ރައްޔިތުންނަށް ހިތާމައިން ފުރިގެންވީ ދުވަހެކެެވެ. އެރަށުގެ ރަށްޔިތުންނަށާއި އަދި ހަމަ އެހެންމެ، އެ ރަށް، ރަށަކަށް ހެދުމުގައި ކުރެއްވި އެންމެހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވި، ކުރީގެ ކުޑަކަތީބު އަބްދުއް ރައްޒާޤު މޫސާ ފަނާކުރުވަނިވި ދުނިޔެއާ ވަކިވެ ދިޔަ ޚަބަރު ލިބުނު ހިސާބުންނެވެ.
އާދޭހެވެ. ރަށަށް ޚިދުމަތް ކޮށްދެއްވާފައިހުރި މިފަދަ ލާމަސީލް ސަޙްސިއްޔަތެއް ވަކިވެގެން ދާކަށް ހަމަ އެކަކުވެސް ނޭދޭނެއެވެ. އެހެން ނަމަވެސް މިއީ މި ވަގުތީ ދުނިޔޭގެ އާދައެވެ. މަަރަކީ ހަމަ ކޮންމެ މީހަކަށްވެސް އަންނާނެ އެއްޗެކެވެ. ނޭނގި ހުއްޓައެވެ.
ށ.ނަރުދޫ ރަބީއުގެއަށް އުފަން އަބްދުއް ރައްޒާޤު މޫސާ، މި ދުނިޔެ ދޫކުރެއްވީ އުމުރުން 77 އަހަރުގައެވެ. 7 އެޕްރިލް 1943 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އަބްދުއް ރައްޒާޤު މޫސާ މި ދުނިޔެ ދޫކުރެއްވި އިރު އޭނާއަށް ލިބުނު 9 ދަރިންގެ ތެރެއިން 8 ދަރިން ދުނިޔޭގައި ތިއްބެވިއެވެ.
މީގެ ތެރެއިން އެއް ކުއްޖަކަށް އަޅުގަނޑު ވާހަކަ ދައްކާލީމެވެ. ބައްޕައާއި ބެހޭގޮތުން އެންމެ ފުރިހަމަ އަދި ޞައްޙަ މައުލޫމާތު ހޯދާލުމުގެ މަޤުސަދުގައެވެ. އަދި މީގެ އިތުރުންވެސް ރަށުގެ ބައެއް އިސް ފަރާތްތަކަށްވެސް އަޅުގަނޑު ސުވާލުތަކެއް ކޮށްލީމެވެ. ޙިދުމަތްތެރި ލާމަސީލް މިސާލެއް ކަމުގައިވާތީއެވެ.

ކުރިންވެސް ދަންނަވާލެވުނުފަދައިން އަބްދުއް ރައްޒާޤު މޫސާ އަކީ ނަރުދޫގެ ތަރައްޤީއަށް ނުހަނު އަގުހުރި އަދި އަގުނުކުރެވޭފަދަ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައި ހުރި ހިއްވަރުގަދަ ސަޙްސިއްޔަތެކެވެ. ހަށިގަނޑުގައި ބުންވަރުހުރި ދުވަސްވަރު އަބްދުއް ރައްޒާޤު މޫސާ ވަނީ އެތައް ދުވަހެއް ވަންދެން ރަށުގެ ކުޑަ ކަތީބު ކަންވެސް ކުރަށްވާފައެވެ. މި މަޤާމުގައި ހުންނެވި ދުވަސްވަރު ވަނީ ނަރުދޫގެ މަލަމަތި ބަދަލުކޮށްލާފަދަ، ބޮޑެތި ތަރައްޤީގެ މަޝްރޫތައް ހިންގުމުގައި އޭރުގެ ބޮޑުކަތީބާއި ގުޅިގެން އަމަލީގޮތުގައި ހަރަކާތްތެރިވެފައެވެ.
ތަރައްޤީގެ ރޮނގުން އެމަނިކުފާނު ކޮށްދެއްވި ބައެއް މަސައްކަތްތަކަށް ބަލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އެރަށު ސްކޫލް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމަށް ކުރެއްވި ބުރަ މަސައްކަތެވެ. އެޒަމާނަށް ބަލާއިރު މިހާރުގެ ހަރުގެ ބައްޓަމަށް އެޅިފައި ހުންނަ ސްކޫލްތަކަކީ ، އެދުވަސްވަރުގެ އެންމެ ޒަމާނީ އިމާރާތްތަކެވެ. އެގޮތުން ނަރުދޫގައި މިފަދަ ބައްޓަމަކަށް (ޒަމާނީ ފެންވަރަކަށް) އެރަށު ސްކޫލް ބިނާ ކުރެއްވުމުގައި އަމަލީގޮތުން އެންމެ އިސްކޮށް ބައިވެރިވެ ވަޑައިގެންނެވި އެކަކީ އަބްދުއް ރައްޒާޤު މޫސާ އެވެ.
އެ ޒަމާނަކީ ދަތުރުފަތުރުކުރުން ދަތި ޒަމާނަކަށްވެފާ ސްކޫލް އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި މާލެއިން ގެނެއުމުގެ މަސައްކަތް ކުރީ އެ އަތޮޅު ފީވަކުގެ ބައެއް އޮޑިދޯނި ފަހަރުގައެވެ. އެގޮތުން މާލެއަށް ގޮސް މި ތަކެތި ރަށާހަމައަށް ފޯރުކޮށްދިނުމުގައިވެސް ވަނީ ވަރަށް އިސް ރޯލެއް އަދާކުރަށްވާފައެވެ. މީގެ އިތުރުންވެސް މި ސްކޫލް އިމާރާތް ކުރެއްވުމުގައި މާލީގޮތުންވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރަށްވާފައެވެ. މިހާރުވެސް މި އިމާރާތް އެރަށުގެއި އަންނަނީ ސްކޫލެއްގެ ގޮތުގައި ބޭނުން ކުރެވެމުންނެވެ.

" ސްކޫލުން ދަރިވަރުންނާ ގުޅިގެން ހިންގޭ އެއްވެސް ހަރަކާތެއްގަ، ހާއްސަކޮށް ފަންޑް ރެއިސިންގް ޕްރޮގްރާމެއް ހިންގަވާފިނަމަ އެންމެ ފުރަތަމަ އިސްކަމެއް ދެއްވައިގެން އެހީތެރިވެދެއްވާނޭ ދެފަރާތަކީ އޭރުގެ ބޮޑު ކަތީބާއި ކުޑަ ކަތީބު."
އެރަށު ސްކޫލް ޓީޗަރަކު މަޢުލޫމާތު ދެއްވިއެވެ.
އަބްދުއް ރައްޒާޤް މޫސާއަކީ އެރަށު ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސްކަމާއި، ޕީޓީއޭގެ ހިންގާ ކޮމެޓީގެ މެންބަރު ކަންވެސް ގިނަ ދުވަސް ވަންދެން ކުރަށްވާފައި ހުންނެވި ބޭފުޅެކެވެ.
އުމުރުން ދުވަސްވީ ދުވަހުވެސް އަބްދުއް ރައްޒާޤް މޫސާގެ ހިތުގައި ތަޢުލީމަށް އޮތް ލޯތްބަކަށް ކުޑަނަމަވެސް ފަނޑުކަމެއް ނާދެއެވެ.
އަބްދުއް ރައްޒާޤޫ މޫސާއަކީ ރަށުގަ ހިނގާ ބޮޑެތި ކަންކަމުގައި ވަރަށް އިސްކޮށް ހަރަކާތް ތެރިވަމުން އައި ބޭފުޅެކެވެ. ރަށުގެ ކަންކަމާ ބެހޭގޮތުން ގިނަގުނަ މައުލޫމާތު ލިބިގެން ހުރި ބޭފުޅެކެވެ.
" ކުރީގައި ރަށުގައި ގޯތި ދިނުމާއި އިން ފާރުތައް ބެލެހެއްޓުމާއި މިފަދަ ކަންކަމާ ބެހޭގޮތުން ސުވާލެއް ކުރަން ޖެހިއްޖެނަމަ ، އެ ސަަރަހައްދެއްގައި ރުއްގަސް ހުރީ ކިހިނެއްތޯއާއި ކޮން ހިސާބަކުތޯއާއި މި ހުރިހާ ކަމެއްވެސް އޭނައަށް އިނގޭނެ. "
ކުޑަކަތީބާއި ބެހޭގޮތުން އެރަށުގެ އިސް ފަރާތަކުން ކިޔައިދިނެވެ.

މީގެ އިތުރުންވެސް އަބްދުއް ރައްޒާޤޫ މޫސާ ވަނީ މުޅި ށ.އަތޮޅަށާއި ދިވެހި ދައުލަތަށް ޙިދުމަތްކޮށްދެއްވުމުގައި އުމުރުގެ ބޮޑު ބައެއް ހޭދަކުރަށްވާފައެވެ.
އަބްދުއް ރައްޒާޤު މޫސާ އަކީ އެރަށުގެ ގިނަ ބައެއްގެ ލޯތްބި ލިބިފައިވާ ފަރާތެކެވެ. ހިތްހެޔޮ އެންމެންނާވެސް ގުޅިގެން މަސައްކަތް ކުރަމުންއައި، ހަރުދަނާ ލީޑަރޝިޕެއް ދައކުވައިދިން ފަރާތެކެވެ. މި ދުނިޔެ ދޫކުރެއްވުން ވެގެންދިޔައީ އެރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތާމައަަށެވެ. ހިތްދަތިކަމަކަށެވެ. އަބްދުއް ރައްޒާޤު މޫސާގެ ޚިދުމަތްތަކުގެ ވާހަކަތަކަކީ އެރަށުގެ ތާރީޚުގެ ފަތްފުއްތަކުގައި ރަން އަކުރުން ލިޔެވިގެންދާނޭ ވާހަކަތަކެއްކަން ހަމަ ޔަޤީނެވެ.
މާތް ﷲ އަލްމަރްހޫމް އަބްދުއް ރައްޒާޤު މޫސާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވާ، މި ހިތްދަތި ދަނޑިވަޅުގައި އޭނާގެ އާއިލާގެ އެންމެހާ ފަރާތްތަކަށް ކެތްތެރިކަން މިންވަރު ކޮށްދެއްވާށި! އާމީން!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!