''ސޫޖީ'' އަކީ އާންމު ކެއުމުގެ ބާވަތެއްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް، ވަރުދާ ކިޔައިދޭ ގޮތަށް ''ސޫޖީ'' ތައްޔާރު ކޮށްލުމުން ރަހައަށް އިތުރު މީރުކަމެއް އަންނާނެ ކަން ގައިމެވެ.
ވަރުދާ ކިޔައިދޭގޮތަށް ކާނާ ތައްޔާރުކުރާ އެއްވެސް ބޭފުޅަކު މިކަމާއި ދެބަހެއް ނުވާނެކަން ކަށަވަރެވެ. މީގެ ކުރީންވެސް ވަނީ ވަރުދާ ތައްޔާރު ކުރާ ގޮތަށް ގިނަ ކާނާގެ ބާވަތްތަކެއް ގެނެސްދެވިފައެވެ.
އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މިދަނީ މަސައްކަތް ކުރަމުން ނެވެ. އެގޮތުން މިބައިގައި އަޅުގަނޑުމެން މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.
އާންމުކޮށް މިބައި ގެނެސް ދެވެނީ ހުކުރު ދުވަހު ނަމަވެސް، މިފަހަރު މިއޮތީ އެއް ދުވަސް ފަހަތަށް ސޮއްސާލާފައި އެވެ. އެކަމާއި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމުން ފަށާނަމެވެ.

ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 1 ޖޯޑު ރަވާ
- 12 ޖޯޑު ފެން
- 1 ފިޔާ (މެދު ސައިޒުގެ)
- 4 މޭޒުމަތީ ސަމުސާ ގިތެޔޮ
- 2\1 ކަނަ މަދު
- 2\1 ޖޯޑު ހިކި މޭބިސް ކަދުރު
- 4 ރާނބާ ފަތް ކޮޅު
- 2 ދަޅު ގެރިކިރު
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ފިޔާ ތޮށި މަށާލުމަށްފަހު ވަށް ފޮށްޗަށް ވާނެހެން ތުނިކޮށް ކޮށާލައިފައި ފެންފޮދެއް ތެރެއަށް އަޅައިލާށެވެ. ދެން ތެއްޔަކަށް 3 ސަމުސާ ގިތެޔޮ އަޅައި، އުނދުން މަށްޗަށް އުދައި، ހޫނު ވުމުން ކޮށި ފިޔާކޮޅު ފެން ފޮދުން ނަގައި ގިތެޔޮ ކޮޅުތެރޭ ރާނބާ ފަތްކޮޅު ވެސް ލައިގެން މީރުކުރާށެވެ. އަދި ކުޑަކޮށް ރަތްކުލަ އަރަން ފެށުމުން ކަނަމަދު ކޮޅު އަޅައިލާށެވެ. މަދުތައް މިގޮތަށް އަޅާއިރު އެންމެ ރަނގަޅު ގޮތަކީ މަދުތައް ފަޅާފައި އެޅުމެވެ.
ކުޑައިރުކޮޅަކު މަދުކޮޅު، ފިޔާކޮޅު ތެރޭ މީރު ކޮށްލުމަށްފަހު މޭބިސް ކަދުރުކޮޅު އަޅައި ކަދުރުކޮޅު ފުފެއްދެން މަޑު ގިނީގައި ކަށްކައިލާށެވެ. ފިޔާކޮޅަށް ރަނގަޅަށް މުށިކުލަ އަރަންދެން މިގޮތަށް ކައްކައިލާށެވެ. ދެން ތައްޓެއްގައި ޓިޝޫއެއް އެޅުމަށްފަހު މީރުކުރި އެތިކޮޅު ވަކިން ނަގައި އޭގެ މަތީގައި ބަހައްޓާށެވެ.

ދެން ހަމަ އެތެލީގެ ތެރެއަށް ފެން އަޅައި ކައްކަން އުދާށެވެ. ކެކެން ފެށުމުން ދޭފަތުން މަޑުމަޑުން އޭގެ ތެރެއަށް ރަވަ ކޮޅު އަޅަމުން ގެންދާށެވެ. ރަވަ ކޮޅު ގަނޑުވިޔަ ނުދީ މިގޮތަށް ހަލަމުން ގޮސް، ރަވަކޮޅު ރޯ ފިލުމުން ގެރި ކިރު އަޅާށެވެ.
ފޮނި ރަހަ މަޑުނަމަ ކުޑަ ހަކުރުކޮޅެއް އަޅައި، ރަހަ ހެޔޮވަރު ކޮށްލުމަށްފަހު އުނދުން ނިވައިލާށެވެ. އެއަށް ފަހު ކުރިން މީރުކުރި ބައި އަޅައި ދޭފަތުން ހަލާލުމަށްފަހު ހިހޫވަންދެން މަތިޖަހާފައި ބަހަށްޓާށެވެ. މިހާރު ތިހިރީ ''ސޫޖީ'' ތައްޔާރުކޮށް ލެވިފައި އެވެ. އަޖުމަ ބަލައިލާށެވެ. މީރު ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!