ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ދާއިމީކޮށް ތިބެން ތާއީދު ނުކުރަށްވާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅު ވެއްޖެއެވެ.

މިހާރު ބާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި، ހއ. ކެލައަށް ވެސް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ ޢިލްމު ވެރިޔާ އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
rt

އަނާރާ ވިދާޅުވީ ދިވެހިރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ދާއިމީކޮށް ތިބެން ނޭދޭ ކަމަށެވެ. އަދި ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ދާއިމީކޮށް ތިބޭނަމަ މުސްތަޤުބަލުގައި ބޮޑެތި މައްސަލަތަކެއް ދިމާވެދާނެ ކަމަށް އަނާރާ ވިދާޅުވިއެވެ.

''މިކަމަށް ސަރުކާރާއި ރައްޔިތުން ސަމާލުވާންޖެހޭ.'' އަނާރާ ވިދާޅުވެފައި ވެއެވެ.

އަނާރާ މިހެން ވިދާޅުވިއިރު، ރާއްޖޭގައި އަވަށްޓެރި އިންޑިއާ ސިފައިން ދާއިމީކޮށް ތިބުމާއި ދެކޮޅަށް މީސް މީޑިއާގައި ދަނީ ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންނެވެ.

ހުސްވި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއަށް ޑޯނިއާ މަތިންދާ ބޯޓެއް ހަދިޔާ ކޮށްފައިވާއިރު، މިހާރުވެސް ހދ. ހަނިމާދޫގައި އިންޑިއާގެ 33 ސިފައިން ތިބިކަމަށް ވަނީ މަޢުލޫމާތު ހާމަވެފައެވެ. އެއީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު އެރަށަށް ގޮސް އެރަށުގެ މީހުންއުޅޭ ސަރަޙައްދުގައި މިވަގުތު ކަރަންޓީނުގައި ތިބި 19 ސިފައިންގެ މީހަކާއި، އިންޑިއާއިން ހަދިޔާކުރި މަތިންދާ ބޯޓާއި އެކު އެރަށަށް ދިޔަ 14 ސިފައިންގެ މީހެކެވެ. އެ ސާދަ ސިފައިން ތިބީ ހަނިމާދޫ އެއާޕޯޓު ސަރަޙައްދުގައި ހުންނަ ރޫމް ތަކެއްގައި އެވެ.

މި ސިފައިންނަކީ ރާއްޖޭގައި ދާއިމީކޮށް ތިބޭ ސިފައިންކަމަށް އެއްވެސް ކަމާބެހޭ ފަރާތަކުން މިހާތަނަށް ހާމަ ކޮށްފައި އެއް ނުވެއެވެ. ނަމަވެސް، ހަނިމާދޫ މީހުން އުޅޭ ސަރަޙައްދުން އިންޑިއާ ސިފައިން ތިބުމަށް ކުއްޔަށް ނަގާފައިވާ ބައެއްގެތަކުގެ ވެރިންނާއި ހަވާލާދީ އެނގިފައިވާ ގޮތުގައި އެ ގެތައް ކުއްޔަށް ނަގާފައި ވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެގޭތަކުގައި އިންޑިއާ ސިފަން މިވަގުތު ތިބި ނަމަވެސް، އެ ގެތަކުގެ ވެރިފަރާތްތަކުގެ އަތުން އެ ގެތަށް ކުއްޔަށް ނަގާފައި ވަނީ ދިވެހިންނެވެ.

މީގެ އިތުރުން ކައްދޫގައި އޮންނަ އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރު ބެލެހެއްޓުމަށް އިންޑިއާ ސިފައިން ކުރިއްސުރެވެސް ރާއްޖޭގައި ތިބެއެވެ.