ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަކީ ތިން ރުފިޔާއަށް ހުރި ހަކުރު ކިލޯއެއް ސޯޅަ ރުފިޔާއަށް ގަތް ވަޒީރެއް ކަމަށް ނައިފަރުދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވި، ވިދާޅުވުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރު ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ޕީޕީއެމްގެ ނައިބު ރައީސް ކަންވެސް ކުރަށްވާ ޝިޔާމް، މިނިސްޓަރާއި ސުވާލު ކުރުމުގެ ވަގުތުގައި ސުވާލު ކުރުމުގެ ފުރުޞަތު ހޯއްދަވައި، ސުވާލު ފައްޓަވަމުން ވަނީ ސުވާލުކުރަން މި ޖެހެނީ ތިން ރުފިޔާއަށް ހުރި ހަކުރު ކިލޯއެއް ސޯޅަ ރުފިޔާއަށް ގަތް ވަޒީރަކާއި ކަމަށް ވިދާޅުވެފައި އެވެ.
''އަޅުގަނޑުމެން މިއަދު ސުވާލުކުރަން މި ޖެހެނީ ތިން ރުފިޔާއަށް ހުރި ހަކުރު ކިލޯއެއް ސޯޅަ ރުފިޔާއަށް ގަތް ވަޒީރަކާ.''
ޝިޔާމް ވިދާޅުވެފައި ވެއެެވެ. އަދި ޕްރޮޖެކްޓުތައް ރަށްރަށަށް ގެންދިއުމުގައި ތަފާތުކުރާ ކަމަށް މަޖިލީހުގެ ވަރަށް ގިނަ މެންބަރުން ވިދާޅުވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް މިހެން ވިދާޅުވުމުން ސުވާލުތަކަށް ޖަވާބު ދިނުމުގެ ވަގުތުގައި ރައްދު ދެއްވައި މިނިސްޓަރު އަމީރު ވިދާޅުވީ އެމަނިކުފާނަށް ނިސްބަތް ކުރަށްވާ މެންބަރު ޝިޔާމް ވިދާޅުވި ބަސްފުޅަކީ އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް ފާހަގަކުރަށްވާ ކަމަށެވެ.
''އަޅުގަނޑު ވެސް ފާހަހަކޮށްލަން ބޭނުންވަނީ، އިއްޒަތްތެރި މެންބަރު، އެއީ ވަރަށް ބޮޑު އޮޅުވާލުމެއް އިނގޭތޯ. އަޅުގަނޑާ ދިމާއަށް އެ ވިދާޅުވި ބަސްފުޅަކީ އެއީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން.''
މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި ޝިޔާމް ވަނީ ވަގުތުން ޖަވާބު ދެއްވަން އުނދަގޫވާނެ ގިނަ ސުވާލުތަކެއް ވެސް މިނިސްޓަރާއި އަމާޒު ކުރަށްވާފައި އެވެ. އޭގެ ތެރޭގައި ނައިފަރު ދާއިރާގެ ފެނާއި ނަރުދަމާގެ މަސައްކަތް މިނިސްޓަރު ވިދާޅުވެގެން ޖެނުއަރީ 23 ފެށިގެން ހުއްޓާލާފައި ވަނީ ކީއްވެގެންތޯ އާއި، ދައުލަތުގެ ދަރަނި، ސޮވްރިން ގެރެންޓް ހިމެނޭ ގޮތަށް މިހާރު ހުރީ ކިހާވަރެއްތޯ އާއި، ވެންޓިލޭޓަރުތައް ކޮބައިތޯއާއި، ފައިސާ ޗާޕުކުރައްވާނަންތޯއާއި، މި އޮތް ދުވަސްތަކުގައި ޗާޕުކުރައްވާނީ ކިހާ ފައިސާއެއް ތޯއާއި، އިންޑިއާގެކޮލާ: އާކިޓެކްޓް ކިޔާ ކުންފުންޏަކަށް ކްރިކެޓް ސްޓޭޑިއަމް ކޮންސަލްޓެންސީއަށް ކުރިމަތިލެވޭ ގޮތަށް ޑޮކިއުމަންޓް، ބިޑް ޑޮކިއުމަންޓް އެމެންޑުކޮށްފައި އޮތީ ކީއްވެގެން ތޯއާއި، އިންޑިއާއިން މިހާތަނަށް ލޯނުގެ ގޮތުގައި ޖުމުލަ ނެންގެވީ ކިހާވަރެއްތޯ ފަދަ އެތައް ސުވާލެއް ކުރެއްވިއެވެ.
ޝިޔާމް ކުރެއްވި ސުވާލުތަކާއި ގުޅުވައިގެން މިނިސްޓަރު ވިދާޅުވީ 2020 ވަނަ އަހަރު މަޖިލީހަށް ހުށަހަޅައިގެން ފާސްކޮށްފައި އޮތް 37 ބިލިއަން ރުފިޔާގެ ބަޖެޓުން ހޭދަ ކުރެވޭގޮތް ކޮންމެ ހަފްތާއަކު އެއްފަހަރު ޝާއިޢުކުރަމުން ކުރަށް ވަމުން ގެންދަވާ ކަމަށެވެ.
''އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބެނީ ކިހާވަރެއްތޯ؟ ލޯނުގެ ގޮތުގައި ލިބެނީ ކިހާވަރެއްތޯ! ހުރިހާ އެއްޗެއް
ތަފްސީލުކޮށް އަޅުގަނޑުމެން މި ދަނީ ކޮންމެ ހަފްތާއަކު އެއްފަހަރު ޝާއިޢުކުރަމުން. އަދި އޭގެއިތުރުން ކޯވިޑު-19 އަށް އަޅުގަނޑުމެން ޚަރަދުކުރާ މިންވަރު ވެސް މި އޮތީ؟ ޝާއިޢުކުރަމުން މި ދަނީ ކޯވިޑު-19ގެ ސްޕެންޑިން ރިޕޯޓުގެ ގޮތުގައި ރިޕޯޓު ވެސް މިދަނީ ޝާއިޢުކުރަމުން. އިއްޒަތްތެރި މެންބަރުން ރަނގަޅަށް ބައްލަވައިލައިފިއްޔާ އެނގިވަޑައިގަންނަވާނެ އިނގޭތޯ.''
މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ތަންފީޒުކުރަމުން ދާއިރު 30 ބިލިއަން ރުފިޔާގެ ހިލޭ އެހީއާއި ޓެކްސް ރެވެނިއުގެ ގޮތުގައި އަންދާޒާކޮށްފައި އޮތް އާމްދަނީ ނުލިބި 14 ބިލިއަން ރުފިޔާއަށް ވެއްޓުނީމާ، ދެން ކޮންސެޝަނަލް ލޯނުގެ ގޮތުގައާއި އެހެނިހެން ގޮތްގޮތުން ފައިސާ ހޯދައިގެން ޚަރަދުކުރާނެ ގޮތް، އޭގެ ތަފްސީލީ ރިޕޯޓު، ވަރަށް ތަފްސީލުކޮށް ޝާއިޢުކުރަމުން ގެންދަވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!