ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫގައި މިހާރު ގާއިމް ކޮށްފައިވާ ފުޓްބޯޅަ ދަނޑުގެ ވިނަ ނޮޅައި ސާފުކުރުމަށްފަހު ވިނަ ހައްދާދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.
ހިރިމަރަދޫ ކައުންސިލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ ހިރިމަރަދޫ ފުޓްބޯޅަ ދަނޑުގެ ވިނަ ނޮޅައި ސާފުކުރުމަށްފަހު ވިނަ ހައްދާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މި މަސައްކަތައް ކޮށްދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް މިކަމާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ތާވަލްކޮށްފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވާ އަންގާރަ ދުވަހުގެ 10:00 ގައި ހިރިމަރަދޫ ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުމުގެ ކަންކަން ތާވަލް ކޮށްފައިވަނީ 25 އޮކްޓޯބަރު 2020 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ހަމަ އެރަށު ކައުންސިލް އިދާރާގައެވެ.
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިންވެސް މައުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވޭނީ ހަމައެކަނި އަމިއްލަ ފަރުދުންގެ ވިޔަފާރި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނިކަމުގައި ހިރިމަރަދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.
އެފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރޭޝަން ސެޓްފިކެޓް ގެންނަންވަން ޖެހޭނެ ވާހަކަވެސް އެ އިދާރާއިން ބުނެފައިވެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވޭނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި ސިޓީ އުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅުއްވާ މަސައްކަތުގެ ނަމާއި، ހުށަހަޅުއްވާ ފަރާތުގެނަންއޮވެގެން ކަމަށްވެސް އެ އިދާރާއިން މިއަދު ނެރުނު މި އިއުލާނުގައި ފާހަގަކުރަށްވާފައިވެ އެެވެ.
ހިރިމަރަދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އަރުޒުން ''ތިލަދުން''އަށް ވިދާޅުވީ އެރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ތަކަކީ އަބަދުވެސް ޒުވާނުން އިސްނަގައިގެން، ޒުވާނުންގެ ވަރަށް ބޮޑު ދައުރެއް އެކަމުގައި އޮންނަ މަސައްކަތް ތަކެއް ކަމަށެވެ. މި ގޮތުން މިހާތަނަށް ވެސް އެރަށުގެ ޒުވާނުން ދެމުންދާ އެއްބާރުލުން އަރުޒުން ވަނީ ފާހަގަ ކުރަށްވާފައި އެވެ.
މީގެ ކުރިންވެސް އެރަށު ކައުންސިލުންނާއި ސަރުކާރު ގުޅިގެން ވަނީ އެރަށުގެ ފުޓުބޯޅަދަނޑު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެކިފަހަރު މަތިން ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!