މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބިން ހިއްކުމަށް ގެނެސްފައިވާ މަހާ ޖައްރާފުގެ ހުރިހާ ފަޅުވެރިން ދިވެހިންނަށް ބަދަލުކޮށްފިއެވެ.

މިއަދު އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މަހާޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި މުޅިންވެސް ދިވެހިން ހަމަޖެއްސީ މިއަދުން ފެށިގެން ކަމަށެވެ. ދެހާސް ސަތާރަަވަނަ އަހަރު އެ އުޅަނދު ގެނެސް ބޭނުންކުރަން ފެށިއިރު މަހާޖައްރާފުގައި 10 ބިދޭސީން ތިބިކަމަށާއި ނަމަވެސް މިހާރު މަހާޖައްރާފުގައި ތިބޭނީ 14 ދިވެހީން ކަމަށް އާޒިމް ވިދާޅުވި އެވެ.

Ad
rt

އޭގެ ތެރޭގައި ބޯޓުގެ ކެޕްޓަން، ދެ ޗީފް އޮފިސަރުން، ޗީފް އިންޖީނއަރު، ސެކަންޑް އިންޖިނިއަރު ހަތަރު ޕައިޕް އޮޕަރޭޓަރު، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު އަދި ކްރޫއިންނާ އެކު ކައްކާ މީހުން ހިމެނެ އެވެ. މިބަދަލާއެކު ކުންފުނީގެ ޕޭރޯލުން 6.5މިލިއަން ރުފޔާ ސަލާމަތްވެގެންދާނެ ކަމަށެވެ. ސަލާމަތްކުރެވެ 6.5 މިލިއަން ރުފިޠާއަކީ މީގެ ކުރިން ބިދޭސީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެމުންދިޔަ ފައިސާ ކަމަށް ވިދާޅުވިއެވެ.

އަލަށް ރެކްރޫޓްކުރި ދިވެހި މުވައްޒަފުންނަކީ ތައުލީމީ އަދި ތަޖުރިބާގޮތުން ވަކި ދަށް ބައެއް ނޫންކަމަށާއި ކުރިން ޔޫރަޕުން އައިސްފައިތިބި މީހުންނަށްވުރެ ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިޔަސް ވަކި ދަށްބައެއް ނޫންކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިއާއެކު ސާބިތުވެގެންމިދަނީ ރާއްޖޭގައިވެސް ކަނޑުމަތީގެ މަސައްކަތްތަކަށް ތައުލީމީ އަދި ތަޖުރިބާހުރި މީހުންތިބިކަމަށެވެ. އަދި މިއީ ރާއްޖެގެ ކަނޑުގެ ވަޒީފާތަކަށް ނުކުންނަށް ބޭނުންވާ މީހުންނަށް ރަނގަޅު މެސެޖަކަށް ވެގެންދާނެކަމަށް އޭނާވިދާޅުވިއެވެ.

ކަނޑުމަތީގެ މަސައްކަތްތަކުން ރާއްޖޭގައި މިހިސާބަށް އާދެވިފަ ތިބި މީހުން ތިބިކަން ސާބިތުވެގެންދާނެ. އަދި ރާއްޖޭގައި ކަނޑުމަތީގެ މަސައްކަތްތަކަށް މޮޅެތި މީހުން ތިބިކަން ހާމަވެގެންދާނެ

އާޒިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި މަހާޖައްރާފުގައި މަސައްކަތްކުރަން އިތުރު ދިވެހީން ތަމްރީންކުރާނެ ކަަމަށާއި ކިޔަވައިން ތިބި މީހުންނަށް ބޯޓުގައި މަސައްކަތްތަކުރުމަށް ފުރުސަތު ހުޅުވާލެވިގެންދާނެ ކަމަށެވެ.

މިހާތަނަށް މަހާޖައްރާފުން ވަނީ 13 މަޝްރޫއެއް ހިންގައިފަ އެވެ. އޭގެ ތެރޭގައި ހއ. ހޯރަފުށި އަދި ށ. ފުނަދޫގެ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫއު ހިމެނެ އެވެ.

މަހާ ޖައްރާފަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ އުޅަނދެކެވެ. އެއްފަހަރާ 3,700 ކިއުބިކް މީޓަރުގެ ވެލި މަހާ ޖައްރާފަށް ބަރު ކުރެވޭނެއެވެ. އެމްޓީސީސީ އިން މަހާ ޖައްރާފު ގެނައުމާއެކު މީގެކުރިން ބޭރުގެ ފަރާތްތަކަށް ހަވާލުކޮށްގެން ކުރަމުން ގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރަމުން އަންނައިރު ރާއްޖެއިން ބޭރުވެގެން ދިޔަ އެތައް ފައިސާއެއް ވަނީ ހިފެހެއްޓިފައެވެ.