ފްރާންސްއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ގެއްލިފައިވާ މީހުންގެ އިތުރުން ހާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް 1000 ފަޔަރ ފައިޓަރުންނާއި، މިލިޓަރީ 4 ހެލިކޮޕްޓަރުގެ އިތުރުން، ގިނަ ޢަދަދެއްގެ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ.

Ad
rt

ސްޓޯމް އެލެކްސްގެ ނަންދެވިފައިވާ ތޫފާން މިހާރުވަނީ ފްރާންސްގެ ދެކުނަށް ދަތުރުކޮށް އިޓަލީގެ ސަރަހައްދުތަކަކަށްވެސް އަރާފައެވެ. އަދި ދެ ޤައުމު ގުޅޭ ހިސާބުތައްކަށް މިހާރުވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.

މިހާތަނަށް އިޓަލީއާއި ވީ ފަޅިން މަރުވެފައިވާ 5 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު، އޭގެ ތެރެއިން 4 މީހެއްގެ ހަށިގަނޑަކީ މޫދުން އެއްގަމަށް ލައްގާފައިވާ ހަށިގަނޑުތައް ކަމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ފްރާންސްގައި ގިނަ ސިޓީ ތަކަށް މި ތޫފާނުގެ ސަބަބުން ގެއްލުން ލިބިފައިވާއިރު، ފްރާންސްގެ ސިޓީއެއް ކަމަށްވާ ނީސްއަށްވެސް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ. އަދި އެ ސިޓީ ގެ މޭޔަރު ކްރިސްޓިއަން އެސްޓްރޯސީ ވިދާޅުވި ގޮތުގައި، މިއީ އެ ސަރަހައްދަށް ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި ވާރޭ ވެހިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު ފަހަރެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެންމެ ހަލުވި ކަމާއި އެކު އަލިފާން ނިއްވާ މީހުން ބޭނުން ކޮށްގެން ކުރިއަށް ދަނީ ރޯޔާ ވެލީގައެވެ. ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ހާލުގައި ޖެހިފައިވަނިކޮށްވެސް ވަނީ ސަލާމަތްކޮށްފައެވެ. މިހާތަނަށް 10،500 ގެއަކުން ކަރަންޓު ކެނޑިފައިވާއިރު، އެ ސަރަހައްދުތަކަށް ސަރުކާރުންވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ.

ވޯލްޑް މީޓްރިއޮލޮޖިކަލް އޮރގަނައިޒޭޝަން އިން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެކަނިވެސް 560 މިލިޔަން ޓަނުގެ ވާރޭ ވެހިފައިވާކަމަށެވެ. އާންމު ގޮތެއްގައި500 މިލިޔަން ޓަނަކީ އާންމުގޮތެއްގައި 3 މަސް ދުވަހުން ވެހޭ ވާރޭކަމަށް ބުނެފައިވެއެވެ. ސްޓޯމް އެލެކްސްގެ ސަބަބުން އެގައުމުގެ ބްރިޖްތަކާއި ހައިވޭތަށް ވަނީ ހަލާކުވެފައެވެ. އަދި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އުފެދުނު ކިސަޓުތަކުންވަނީ މަގުމަތީ ހުރި ކާރުތައްވެސް ވަޅިލެވިފަ އެވެ.