ހދ. ފިނޭގައި އިމާރާތް ކުރަމުންދާ އައު އިންޖީނު ގޭގެ 96 އިންސައްތަ މަސައްކަތް ފުރިހަމަ ކުރެވިފައި ކަމަށް ފެނަކައިން ބުނެފިއެވެ.
މިމަޝްރޫޢުގެ މަސައްކަތްކުރާ ކޮންޓެކްޓަރާއިއެކު ފެނަކައިން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ.
ފިނޭ އިންޖީނުގޭގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ހަވާލު ކޮށްފައިވަނީ، އެލް.އެފް ކޮންސްޓްރަކްޝަންއާއި އެވެ. އަދި މި ޕްރޮޖެކްޓްގެ އަގުގެ ގޮތުގައި ބަޖެޓު ކޮށްފައިވަނީ، 5249479.62 ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ ތާރީޚަކީ މި އަހަރު ގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހެވެ.
ފެނަކައިން އެ ކުންފުނީގެ ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްރަށުގެ އިންޖީނުގެތަކާއި، އޮފީސްތައް ޒަމާނީ ފެންވަރަކަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެންމެ ފަހުން އެ ކުންފުނިން ހާމަ ކުރެއްވި މަޢުލޫމާތު ތަކަށް ބަލާއިރު ރ. ރަސްމާދޫގެ އައު އިންޖީނުގެއާއި، އައު އޮފީސް އިމާރާތުގެ %55 ނިމިފައިވާކަމަށް ހާމަކޮށްފައިވާއިރު، ބ. ދޮންފަނުގެ އިންޖީނުގެ އައު އިމާރާތުގެ %98 ނިމފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި ރ. ފައިނު އައު އިންޖީނުގެއާއި، އިންޖީނުގޭގެ އައު އޮފީސް އިމާރާތުގެ %91 އަދި ރ. ކިނޮޅަސް އައު އިންޖީނުގެ އިމާރާތުގެ %40 މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފެނަކައިން ވަނީ ށ. މިލަންދޫގައި އިމާރާތް ކުރަމުންދާ މިލަންދޫ ފެނަކަ 03 ފަންގިފިލާގެ އައު އޮފީގެ %38 މަސައްކަތް ނިމިފައިވާ ކަމަށް 24 ސެޕްޓެމްބަރު 2020 ވަނަ ދުވަހު ބުނެފައެވެ. އަދި ހއ. އުލިގަމު އަދި ހއ. އުތީމުގެ އިންޖީނުގެ އެކަހެރި ސަރަހައްދަކަށް ބަދަލު ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވެސް ހަލުވި މިނެއްގައި ކުރެވެމުން ދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ވެސް ފެނަކައިން ގެންދަނީ އަތޮޅު ތެރޭގައި އެކުންފުނިން ޚިދުމަތްދޭ ގިނަ ޢަދަދެއްގެ ރަށްތަކުގައި އައު އޮފީސް އިމާރާތްތަކާއި އައު އިންޖީނުގޭ އިމާރާތް ކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!