ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގްރޭޓަރ މާލެ ސަރަހައްދުގައި ދެމުންދާ ކުނި އުކާލުމުގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ކޯވިޑް-19 އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވޭ ވަގުތަށް ލުއިދީ، ކާރފިޔު ގަޑިތަކަށް ބަދަލު ގެނައުމާއި އެކު، ވެމްކޯއިން ވަނީ އެ ކުންފުނިން މާލެ ސަރަހައްދުގައި ކުނި އުކާލުމަށް ހަމަޖެހިފައިވާ ގަޑިތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.
މިބަދަލާއި ގުޅިގެން ވެމްކޯއިން ބުނީ، އިތުރު ގޮތަކަށް އެންގުމާއި ހަމައަށް މާލެ ސަރަހައްދުގައި ދެން ކުނި އުކާލުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެކަމާއި ގުޅިގެން މިފަހަރު ވެމްކޯއިން ނެރުނު ތާވަލާއި އެއްގޮތަށް ކަމަށެވެ.
ވެމްކޯގެ އައު ތާވަލުގައި ވާ ގޮތުން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި ވެމްކޯގެ މަސައްކަތްތަށް ފެށުމަށް ހަމަޖެހިފައިވާ ގަޑިއަކީ، ހެނދުނު 8 ޖަހާއިރު އެވެ. އަދި، މަސައްކަތް ނިމޭ ގަޑިއެއްގެ ގޮތުގައި ވަނީ، ރޭގަނޑު 09:30 ގައެވެ.
ހުކުރު ދުވަހު ވެމްކޯގެ މަސައްކަތްތަށް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 8 ގައި ކަމަށްވިޔަސް، ހެނދުނު 11 ޖަހާއިރު ހުކުރު ނަމާދަށް މެދުކަނޑާލާނެއެވެ. އަދި އަލުން މަސައްކަތް މެންދުރު 2 ޖަހާއިރު ފެށުމަށް ފަހު އެހެން ދުވަސްތަކެކޭ އެއްފަދައިން މަސައްކަތް ނިމޭނީ ރޭގަނޑު 09:30 ގައި އެވެ.
ވެމްކޯއިން ދަނީ ކޯވިޑްގެ ހާލަތުގައި ރައްޔިތުންނަށް ދަތި ނުވާނޭހެން އެކުންފުނިންދޭ ޚިދުމަތްތަށް ފޯރުކޮށް ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!