ވަރުދާގެ ބަދިގެއިން ގެނެސްދެވޭ ރަހަ މީރު ކެއުމުގެ ބާވަތް ތަކުގެ ތެރެއަށް މިފަހަރު މި އިތުރުވީ ''ޗިޗަންޑާ ސަޓަނި'' އެވެ.
މިއީ އާންމު ކެއުމުގެ ބާވަތެއް ނަމަވެސް، ވަރުދާ ކިޔައިދޭ ގޮތަށް ތައްޔާރު ކޮށްލުމުން ރަހައަށް އިތުރު މީރުކަމެއް އަންނާނެ ކަމާމެދު މިހާރު ވަރުދާ ކިޔައިދޭގޮތަށް ކާނާ ތައްޔާރުކުރާ އެއްވެސް ބޭފުޅަކު ދެބަހެއް ނުވާނެއެވެ.
''ޗިޗަންޑާ ސަޓަނި'' އަކީ ސިއްހަތަށް ފައިދާ ހުރި ކެއުމުގެ ބާވަތެކެވެ. މެންދުރު ކާގަޑީގައި ނުވަތަ ރޭގަނޑު ކާގަޑީގައި ސުފުރާމަތި ފުރިހަމަކޮށްލައި، ކެއުމުގެ ރަހަ ރަނގަޅު ކޮށްލަން ''ޗިޗަންޑާ ސަޓަނި'' ވާނީ ހަމަ ޔަޤީނުން ވެސް ރަނގަޅު ބައިވެރިއަކަށެވެ.
އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.

ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި
- 1 ޗިޗަންޑާ (އެހާ ބޮޑު ނޫން)
- 1 ޖޯޑު މުގުރި ހިކިމަސް
- 2 ޖޯޑު ބޯކިރު
- 1 ފިޔާ (ބޮޑު)
- 1 ގިތެޔޮ މިރުސް
- 1 ލުނބޯ (ބޮޑުނަމަ އެއް ފަޅި)
- ލޮނު
ތައްޔާރު ކުރާނެ ގޮތް
ފުރަތަމަ ޗިޗަންޑާ ތޮށި މަހާލުމަށްފަހު ދެ ފަޅިކޮށްލާފައި ކަރުގަނޑު ނަގާށެވެ. ދެން ވީހާ ވެސް ތުނިތުނިކޮށް ކޮށާލާފައި، ފެންފޮދެއްގެ ތެރެއަށް އަޅާލާށެވެ. ފިޔާ އަދި މިރުސް ކޮށާލުމަށްފަހު، ލުނބޯ އަދި ލޮނު އަޅައިގެން މޮޑެލާށެވެ.
ރަނގަޅަށް މޮޑެވުމުން މަސްކޮޅު އަޅާ މޮޑެލާށެވެ. ދެން ޗިޗަންޑާކޮޅު ފެނުން ނަގާ އޭގެތެރެއަށް އަޅާ އެއްކޮށްލާށެވެ. އެންމެ ފަހުން ބޯކިރު އެޅުމަށްފަހު އެއްކޮށްލާށެވެ.
ވަރުދާގެ ރެސިޕީއާއި މެދު ކިޔުންތެރިން އޮންނަ އެންމެ ބޮޑު ޔަޤީން ކަމަކީ ވަރުދާގެ ރަހަތަކާއިއެކު ކާނާ ތައްޔާރުކޮށް ލުމުން ރަހަ މީރުވާނެ ކަމެވެ.

ވަރުދާގެ ރެސިޕީ، މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް ވަނީ "ބަނބުކޭލު ކަނޑު ކުކުޅު"، "ކޭލު ފޯ"، "ކަންނެތް ދެލޮނު"، "ބަށި މުސައްމާ"، "މުގުރު ބޮނޑި"، "މަސް ބޮނޑި"، "މުރަނގަފަތު ސުންޑަލި"، "ރަސްމީ ރިހަ"، "ބަނބުކެޔޮ ބޮނޑިބަތް"، "ކަނދި"، ''ބަނބުކެޔޮ ރިހަ''، ''ކަންޖީ'' އަދި ''ކުޅި ކެޔޮ'' ތައްޔާރު ކުރާނެ ގޮތް ގެނެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!