ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައިޖީއެމްއެޗު) ގެ ލެބޯރެޓަރީ އިން 100،000 ކޮވިޑް19 ޕީސީއާރް ޓެސްޓު ހަދާފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އައިޖީއެމްއެޗް އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުން ކޯވިޑް ޕީސީއާރް ޓެސްޓުކުރަން ފަށާފައި ވަނީ މިއަހަރުގެ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށެވެ.
އަދި މާޗު މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން ކޮވިޑް19 ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އައިޖީއެމްއެޗްގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެންމެ ފުރަތަމަ އައިޖީއެމްއެޗް އިން ޕީސީއާރް ޓެސްޓުކުރަން ފެށީ 3 މުވައްޒަފުންގެ ޓީމަކުން ނަމަވެސް، ބަލި ޖެހޭ މީހުންގެ އަދަދު ގިނަވާން ފެށުމުން، ޓީމުގައި ހިމެނޭ މުވައްޒަފުން އިތުރުކޮށް، މިހާރު ކޮވިޑް ޕީސީއާރް ޓެސްޓު ހެދުމުގައި 22 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
އައިޖީއެމްއެޗްގައި ޕީސީއާރް ޓެސްޓުކުރަން ފެށިއިރު، ޓެސްޓިން ކެޕޭސިޓީ ހުރީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރު ޓެސްޓެ. ނަމަވެސް މިހާރު ލެބުގެ ކެޕޭސިޓީ އަކީ ކޮންމެ 24 ގަޑިއިރަކު 1500 ޓެސް.
އެހޮސްޕިޓަލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އައިޖީއެމްއެޗް އިން ބުނީ އެއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރް މެޝިންތައް އަދި އިތުރު މުވައްޒަފުން ތަމްރީނު ކުރުމުގެ ނަތީޖާ ކަމަށެވެ.
ކޮވިޑް19 ފެތުރުން ކޮންޓްރޯލްކުރުމުގައި އެންމެ މުހިންމު ކަމަކީ ބަލި ޖެހިފައިާ މީހާ ދެނެގަނެ، އެކަހެރިކުރުން ކަމަށް ވާއިރު، ލެބޯރެޓަރީ މުވައްޒަފުންނަކީ ފްރަންޓް ލައިންގެ އެންމެ ކުރީ ސަފުގައި ހިދުމްތަދޭ ފަރާތްތައް ކަން ފާހަގަކޮށް، އައިޖީއެމްއެޗް އިން ވަނީ ލެބޯރޓަރީ ހުރިހާ ސްޓާފުންނަށް ޝުކުރު އަދާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!