ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ކޮންބައެއްކަން ރައްޔިތުންނަށް އޮޅިގެން ނޫޅޭ ކަމަށް ވިދާޅުވެ، އެމްޑީޕީއަކީ ބާޣީން ކަމަށް ސިފަކުރަށްވާ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢު އެމްޑީޕީއަށް ފާޑު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރަށްވާ ޝުޖާޢު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައި އެވެ.
ޝުޖާޢު ވިދާޅުވީ ވެރިކަން ހޯދުމަށް ޖެހި ލަވަތަކުގެ ތެރޭގައި "ތިޔައީ ޒައީމޭ" ހިމެނޭ ކަމަށެވެ. " މިއަދު ރައީސް މައުމޫނުގެ އަނިޔާވެރިކަން އެމްޑީޕީގެ ރައީސްގެ ހިތްޕުޅަށް ކުއްލިއަކަށް އޮހޮރިގެން ދިޔައިއްޔޯ؟" ޝުޖާޢު ސުވާލު އުފަށްދަވާފައި ވެއެވެ.
"ބަލަ، ކަލޭމެންތީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް އޮޅިގެން ނޫޅޭ، ތިޔައީ ބާޣީންތަކެއް" ޝުޖާޢު ވިދާޅުވެފައި ވެއެވެ.
Verikan Hoadhan Jehi Lavathakuge Thereygai “Thiyaee Zaeemey” himeney!!Miadhu Raees @maumoonagayoom ge Aniyaaverikan MDP ge Raees ge Hiyphulhah Kulli akah Ohorigen dhiyaiyyo!?Bala Kaleymen Thee Kon Baehkan Dhivehi Rayyithunnah Olhigeneh Noolheyey.Thee Baageen thakeh.
— Ibrahim Shujau (@IbrahimShujaau) September 19, 2020
"ތިޔައީ މުޅި ޤައުމުގައި ބޮޑު ހުޅުޖެހި ބައި ގަނޑެއްނު" ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީއަށް ފާޑު ވިދާޅުވެ، ޝުޖާޢު އިތުރަށް ވިދާޅުވެފައި ވެއެވެ.
ޝުޖާޢު މިގޮތަށް ވިދާޅުވީ، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މަރާލުމަށް 17 އަހަރު ފުރުމާއި ގުޅިގެން އެމްޑީޕީއިން އިއްޔެ ބަޔާނެއް ނެރެފައި ވަނިކޮށެވެ. އަދި އެ ޕާޓީގެ ގިނަ ސަޕޯޓަރުންނާއި، އެކްޓިވިސްޓުންނާއި، ބައެއް އިސް ފަރާތްތަކާއި އަދި ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ސޯސަލް މީޑިއާގައި އެދުވަހުގެ ހަނދާންތަކާއި ގުޅޭ ގިނަ ވާހަކަތަކެއް ދައްކަވައި ޝުއޫރު ފާޅު ކުރަށްވާފައި ވަނިކޮށެވެ.
އިއްޔެ އެމްޑީޕީއިން ނެރުނު ބަޔާނުގައި ބުނީ މ. އޭޝިއާ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު ޖަލުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މަރާލައި، ޖެހިގެންއައި ދުވަހު ޖަލުގައި މީހުންގެ ގަޔަށް ބަޑިޖަހާފައިވާ ގޮތުގެ ޙަޤީޤަތް އަދިވެސް ހޯދިފައިނުވާ ކަމަށެވެ.
2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު މާފުށީ ޖަލުގައި ވަނީ އުމުރުން 19 އަހަރުގެ ޒުވާން އީވާން ނަސީމު މަރާލާފައެވެ. އެއާއިއެކު ޖެހިގެންއައި ސެޕްޓެމްބަރު 20 ވަނަ ދުވަހު ވަނީ ޖަލުގައި ހަމަނުޖެހުން ހިނގައި، އިޙްތިޖާޖުކުރި އިތުރު ގައިދީން ތަކެއްގެ ގަޔަށް ބަޑިޖަހައި ވަނީ މަރާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!