ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން އެ ކުންފުނީގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި އަދި ރާއްޖޭގައި މުއާމަލާތްކުރެވޭނެ އަދަދުތަކަށް ބަދަލު ގެނެސްފިއެވެ.
ބީއެމްއެލްގެ ކާޑުން ކުރެވޭ މުއާމަލާތުގެ އަދަދު ދަށްކުރެވުނު ކަމުގައިވިޔަސް، ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ވަގުތީ ލިމިޓެއް ކަސްޓަމަރުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ޑޮލަރުގެ ލިކުއިޑިޓީ ހިފެހެއްޓުމުގެ ގޮތުން ބީއެމްއެލް އިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭ އަދަދަކީ 250 ޑޮލަރު ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިބަދަލާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބޭންކުން މިވަނީ މަހެއްގެ މައްޗަށް 750 ޑޮލަރު ބޭނުން ކުރެވޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
"މި އަދަދުތައް ކަނޑައެޅިފައި މިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުއާމަލާތްތަކަށެވެ. ބީއެމްއެލް އިން ދޫކޮށްފައިވާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކަސްޓަމަރުންކުރާ މުއާމަލާތްތައް މިހާރެކޭ އެއްގޮތަށް ކުރެވޭނެ އެވެ،"
ބީއެމްއެލް އިން ބުނެފައިވެ އެވެ.
ބީއެމްއެލްއިން ބުނީ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްކުރެވޭނެ އަދަދު ކޮންޓްރޯލްކުރިޔަސް، ބަލި މީހުންނާއި ދަރިވަރުންގެ އެކި ކަންކަމަށް ކާޑުގެ ލިމިޓް އިތުރުކޮށްދޭނެކަމަށެވެ. އަދި މި ގޮތަށް ބޭނުންވާ ކަސްޓަމަރުން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކަމަކާ ގުޅުން ހުރި ލިޔުންތައް ބޭންކަށް ފޮނުވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.
ބޭސް ފަރުވާއާއި ތައުލީމީ ކަންކަމަށް ކާޑުގެ ލިމިޓް އިތުރުކުރަން ބޭނުންވާ ފަރާތްތަކުން،
- އިންޓަރނެޓް ބޭންކިންގެ ސަރވިސް ޓައިޕް މެނޫގައި ހިމެނޭ 'ޓެމްޕޮރަރީ ކާޑް ލިމިޓް' ހިޔާރުކުރުމަށްފަހު ވީސާގެ ކޮޕީއަކާއެކު ބޭންކަށް ހުށަހަޅާށެވެ.
- ލިބޭ ހުށަހެޅުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެއެވެ.
ބީއެމްއެލްއިން ބުނީ މިހާރެކޭ އެއްގޮތަށް ކޮލެޖް، ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ ފައިސާ ޓީޓީ މެދުވެރިކޮށް ފޮނުވާ ކަސްޓަމަރުންނަށް ރުފިޔާ އެކައުންޓުން ޓީީޓީ ފޮނުވޭނެކަމަށެވެ. އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބީއެމްއެލް ޔޫއެސްޑީ ބުކިންގ ޕޯޓަލް މެދުވެރިކޮށް މިހާރެކޭ އެއްގޮތަށް ކޮންމެ މީހަކަށް 500 ޑޮލަރު ގަނެވޭނެކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ. ބީއެމްއެލްއިން ބުނީ އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު ޕޯރޓަލްއިން ގަންނަ ޑޮލަރުގެ އަދަދަށް ބަދަލެއް ނާންނާނެކަމަށެވެ. މީގެއިތުރުން މިހާރެކޭ އެއްގޮތަށް ބީއެމްއެލް ޔޫއެސް ޑޮލަރު އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރުންނަށް މަހަކު 2000 ޑޮަލަރު ނެގޭއިރު، އަލަށް އަދަދުތައް ކަނޑައެޅިފައިވާއިރު ޑޮލަރު އެޓީއެމްއިން ނެގޭ ފައިސާގެ އަދަދަށް ބަދަލެއް ނުގެންނަކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.
ބެންކް އޮފް މޯލްޑިވްސްއިން ވަނީ މިއަދުން ފެށިގެން ބެންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖެއިން ބޭރުގެ މުޢާމަލާތްކުރެވޭނެ އަދަދެއްކަމުގައި 250 ޑޮލަރު ކަނޑައަޅާފައެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ބެންކުން ވަނީ މަހެއްގެ މައްޗަށް ކޮންމެ ކާޑަކުން 750 ޑޮލަރު ބޭނުންކުރެވޭނެ ގޮތް ބީއެމްއެލްއިން ވަނީ ހަމަޖައްސާފައެވެ. ބީއެމްއެލްއިން ބުނީ މިއަދަދުތައް ކަނޑައަޅާފައިވަނީ ދިވެހި ރުފިޔާ އެކައުންޓް މެދުވެރިކޮށް ކާޑުން ކުރާ ބޭރުގެ މުޢާމަލާތްތަކަށް އެކަނިކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!