މިފަހަރު ވަރުދާގެ ބަދިގެން މިއޮތީ ތަފާތު ކާނާގެ ބާވަތެއް ތައްޔާރު ކުރާނެ ގޮތެވެ. "ކަންޖީ" އާއި މެދު ވަރުދާ ދޭ ޔަޤީން ކަމަކީ، ތަފާތު ވާނެ ކަމަށާއި، ތަފާތު މީރު ވާނެ ކަމަށެވެ.

އެނގިވަޑައި ގަންނަވާނެ ފަދައިން އަޅުގަނޑުމެން ކޮންމެ ހަފްތާއަކު ވެސް ކެއުމުގެ ބާވަތެއް ތައްޔާރު ކުރާނެގޮތް ގެނެސް ދެވޭތޯ މަސައްކަތް ކުރަމުން ދާއިރު، މި ގެނެސްދެނީ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަޙްމަދު ކެއުމުގެ ބާވަތްތައް ތައްޔާރު ކުރާއިރު ގެންގުޅޭ ރަހަތަކާއިއެކު އެބާވަތްތައް ތައްޔާރު ކުރާގޮތް ވަރުދާގެ ކިޔައިދޭ ގޮތަށެވެ.

Ad
rt

"ކަންޖީ" މި ނަން ކިއުނުގޮތާއިމެދު ތަފްޞީލެއް ނެތަސް، ވަރުދާ ދިން ޔަޤީން ކަމާއިއެކު "ކަންޖީ" ކައްކާ ގޮތް ކިޔާލަމާ ހިންގަވާށެވެ.

ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި

  • 1/2 ޖޯޑު ހަނޑޫ ( ބާސްމަތީ )
  • 1 ޖޯޑު ކުކުޅުމަސް ( ވަރަށް ކުދިކޮށް، ކިއުބުގޮތަށް ކޮށާފައި )
  • 8 ލޮނުމެދު
  • 1 ފިޔާ ( ކުޑަ )
  • 1/2 ޖޯޑު މުރަނގަފަތް
  • 1 ފަޅި ގިތެޔޮމިރުސް
  • 1 މޭޒުމަތީ ސަމުސާ އަސޭމިރުސް ( ނުމުގުރާ )
  • 1 ކާށީގެ ބޯކިރު
  • 3 ބުރި ރާނބާފަތް
  • ހިކަނދިފަތް، ލޮނު

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ހަނޑޫކޮޅު ދޮވެލުމަށްފަހު ލޮނުކޮޅެއް އަޅައި ކައްކަން އުދާށެވެ. ކެކެން ފެށުމުން މައްޗަށްއަރާ ފޮނުކޮޅު ނަގާށެވެ. މިގޮތަށް ހަނޑޫކޮޅު އެއްކޮށް މަޑުވެ، ހިނދެންދެން ކައްކާށެވެ. ހަނޑޫކޮޅު މަތިން ހިނދުމުން، އުނދުޅިން ރަނގަޅަށް އެއްކޮށް ޗަސްކޮށްލާށެވެ. ދެން އަނެއްކާވެސް ހަނޑޫކޮޅުގެ މަތިން އަރާ ވަރަށް ފެން އެޅުމަށްފަހު ކައްކާށެވެ.

އެއަށްފަހު ފިޔާ، ލޮނުމެދު އަދި މިރުސްކޮޅު ވީހާވެސް ކުދިކޮށް ގޮޅިގޮޅި ގޮތަށް ކޮށާލުމަށްފަހު، ލޮނުމެދާއި، ހިކަނދިފަތާއި، ރާނބާފަތާއި، އަސޭމިރުސް އަދި ކުކުޅުކޮޅު ހަނޑޫކޮޅުގެ ތެރެއަށް އަޅާށެވެ. ހުރިހާ އެއްޗެއް ރަނގަޅަށް މަޑުވަންދެން، ދޭތެރެދޭތެރެއިން ދޭފަތުން ހަލަމުން ކައްކާށެވެ.

ކައްކާއިރު ހަނޑޫކޮޅު މާބޮޑަށް ހިކި، ފުލުގައި ހިފާގޮތް ވާނަމަ، ފެންފޮދެއް އަޅާށެވެ. ހަނޑޫކޮޅާއި، އޭގެތެރެއަށް އެޅި ފިޔާ، ލޮނުމެދު އަދި މިރުސްކޮޅު އެއްކޮށް ނުފެންނަ ވަރަށް ކެކުމުން، މުރަނގަފަތްކޮޅު އަޅައި ފަތްކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާށެވެ.

އެންމެފަހުން ބޯކިރު އަޅާ ލޮނު ހެޔޮވަރުކޮށްލާށެވެ. އޮލަމިން ބަހައްޓާނީ އާދައިގެ ބަތްޕެން ހުންނަ ވަރަށެވެ. މިހާރު ތިހިރީ "ކަންޖީ" ކެކިފައެވެ. އިންސާފް ކޮށްލަށްވާށެވެ.

"ކަންޖީ" އަކީ ރޯދަމަހު ތަރާވީސް ދަމު ބަތްޕެނުގެ ބަދަލުގައި ތައްޔާރުކޮށްލަން ވަރަށް ކަމުދާނެ ބުއިމުގެ ބާވަތެކެވެ. ރޯދަ މަސް ނޫނަސް މެންދުރުގެ ކެއުމާއިއެކު ލުއި ބުއިމަކަށް ކަންޖީ ތައްޔާރުކޮށް ލެވިދާނެއެވެ. އެންމެ ރަނގަޅު ރަހަ އަންނާނީ މަސްކުރޮޅިއާއިއެކު ކަންޖީ ބުއީމަކަން ހަނދާން ބަހައްޓަވާށެވެ.