ކޯވިޑް-19 ބަލި މަޑުކަމާއި ގުޅިގެން ބަންދުކުރި ހއ. ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
ރާއްޖޭގެ ބޯޑަރު ބަންދުވި ހިސާބުން މަނަފަރު ރިސޯޓުވެސް ވަނީ ބަންދުކޮށްފައެވެ. ރިސޯޓު ބަންދުވުމާއި ގުޅިގެން ރިސޯޓުގެ މުވައްޒަފުންނަށް އެ މުވައްޒަފުންގެ މުސާރައިގެ 25 އިންސައްތަ އެ ރިސޯޓުން އައީ ދެމުންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރިސޯޓުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި މިވަނީ އެ ރިސޯޓު ބަންދުކޮށްފައި އޮތުމާއި ގުޅިގެން ރިސޯޓަށް ފައިސާ ވަންނާނެ މަގުތައް މުޅިން ބަނދުވެފައި ވުމާއިއެކު ޚަރަދު ކުޑަ ކުރުމުގެ ގޮތުންނެވެ.
އެ ރިސޯޓުން ގިނައަދަދެއްގެ މުވައްޒަފުން ވަކިކުރިއިރު އޭގެތެރޭގައި ހަމައެކަނި ހޯރަފުށްޓަށް ނިސްބަތްވާ 68 މުވައްޒަފުން ހިމެނެއެވެ. މިކަމާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސަލީމް (ސައްލެ) ވެސް ވަނީ ޓްވީޓް ކުރައްވާފައެވެ. ސައްލެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއް ދުވަސް ތެރޭގައި ހަމައެކަނި ހޯރަފުއްޓަށް ނިސްބަތްވާ 68 މުވައްޒަފުން، މަނަފަރު ރިސޯޓުން ވަކި ކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
“މިއީ 68 އާއިލާއަށް ލިބުނު ބޮޑު ނިކަމެތި ކަމެއް” ރާއްޖެޓީވީގެ ކޯފައުންޑަރ ސައްލެ ވިދާޅުވިއެވެ. ސައްލެ ވިދާޅުވީ ވަޒީފާއިން އެ 68 މުވައްޒަފުން ވަކިކުރިއިރު، މި ހާލަތު ރަނގަޅު ވަންދެން ކުޑަ އުޖޫރައެއްގައި ދެމިތިބެންވެސް އެ މުވައްޒަފުން ތިބީ ރުހިގެން ކަމަށެވެ.
ވަޒީފާއިން ވަކިކުރި 68 މުވައްޒަފުން ހިމެނޭ ލިސްޓު މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު މަނަފަރު ރިސޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކު ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ވަކިކުރި މުވައްޒަފުންގެ އަދަދު ޖުމަލަ 90 އަށް އަރާނެ ކެމަށެވެ. ވަޒީފާއިން ވަކިކުރި ނަމަވެސް ކުރިއަށް އޮތް ދެ މަހުގެ މުސާރަ ކޮނެމެ މުވައްޒަފަކަށް ވެސް ލިބިގެންދާނެ ކަމަށް އެ ރިސޯޓުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.
މިފަދަ ދަތި ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!