ކޯރެއްގެ ސާޙިލެއްގައި ހަނދުއޮއްސެމުން އެދިޔައިރު
ރޮއިރޮއި އެއިން ޒުވާނެއް ޢިބްރަތުގެ ދަރުސަކަށްވީ
ފުރަތަމަވެސް ޚިޔާލަށް ގެނެވުނީ "ޔަމަނުގެ މަޢްޞޫމާ" ގެ މިބައިތެވެ. ޅެން ހެއްދެވީ ސައިކުރާ އިބްރާހީމް ނަޢީމެވެ. ސައިކުރާ އަކީ މާލޭގެ މަޝްހޫރު އާއިލީ ނަމެކެވެ. މިއާއިލާއަށް ސައިކުރާގެ ނަން ވަދެފައިވާ ކަމަށް ލަފާކުރެވެނީ މީގެ ދޮޅު ގަރުނެއްހައި ދުވަސް ކުރީންނެވެ. ސައިކުރާ އިބްރާހީމް ނަޢީމުގެ މުނިކާފަ އަހަންމަދުފުޅާ ހިސާބުންނެވެ. މިހެންވެސް ލަފާކޮށްލާން މިޖެހުނީ ސައިކުރާ އިބްރާހީމް ނަޢީމުގެ ބައްޕަ ސައިކުރާ ޅަހުއްތު ވިދާޅުވާ ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ. ސައިކުރާ ޅަހުއްތަކީ ސައިކުރާ ޙަސަންކަލޭފާނުގެ ބޭކަލެކެވެ. މި ޙަސަންކަލޭފާނުގެ ބައްޕަ އަހަންމަދުފުޅަކީ ސައިކުރާކޮއެވެ. ކުޅަދާނަ ހެއްވެއް ކަމުގައި ބުނެވެއެވެ. 1886 ވަނަ އަހަރު މާލޭގައި ޖެހި ބޮޑުހުޅުގެ ނުބައި ޢަމަލުގެ ބައިވެރިއެއް ކަމުގައި ވެސް ބުނެވެއެވެ.
"ބޮޑުހުޅުގެ ތާރީޚު" ގައި ޢަބްދުލްޙަކީމް ޙުސައިން މަނިކު (1981) ވިދާޅުވާ ގޮތުގައި، "ކޮންމެ އަކަސް ބޮޑު ހުޅުގެ އެންމެ ހަލުވި ސައިކުރާ ކޮއި މެދު ގަޑުވަރުގެ ކައިރީގައި އޮތް ގަސްބޮޑިއެއްގެ ތެރެއިން ނުކުތް ތަން ފެނިއްޖެއެވެ. މިކަން ވީގޮތަކީ ދުވާލު ރަށު މީހުން ކުރާ ކަމަކީ، ވާ ތާހިރު ކުރުމެވެ. މިގޮތުން ހަވަރު ތެރެއިން ބަޔަކު ދަންނަ މުޙައްމަދު ރަސްގެފާނު މިސްކިތް ތެރޭގައި އޮތް ވާގަޑު ތާހިރު ކުރަނިކޮށް އެތާގައި ނިދާފައި އޮތް ސައިކުރާ ކޮއި ހޭލައިގެން ދުއްވައިގެންފިއެވެ. އެންމެންގަޑު އޭނާ ފަހައި ދުއްވައިގެންފިއެވެ. މީނާއަކީ ވަރަށް ހަލުވި ބޭކަލެކެވެ. ދުވަމުން ދަނިކޮށް ސައްޔިދު ކިލެގެފާނުގެއާއި ހަމަވިތަނާ، އެތާގައި ކިލެގެފާނު ހުންނަވާފައި، މީސްތަކުން ހިފަހައްޓަވާށޭ، ހިފަހައްޓަވާށޭ ގޮވައިގަތީމާ ހިފޭއްޓެވުމުން ފަހަތުން އައިމީހުން އޭނާ ގައިގާ ހިފައިގެންފިއެވެ. އޭރު ސައްޔިދު ކިލެގެފާނަށް ކިޔަނީ ކަތީބު ސީދީއެވެ. މީނާ ގޮވަން ފެށީ މައެކަނިހޭ ޔާގޫތު މޫސާ ކަލޭފާނޭ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނޭ، އެސްޖެހިގަޑުވަރު ސައްޔިދު ކިލެގެފާނޭ، މަލިމް މާފަތް ކިލެގެފާނޭ، ވެލާނާ މަނިކުފާނޭ، ބުޗާގޭ ދޮންތުއްތޭ. ދެނަކާ ދެނެއް ނުބަލައި ހަވަރު އެމީހުންނާއި ދިމާއަށް ދުއްވައިގެންފިއެވެ" (ސ. 16 – 17). ޢަބްދުލްޙަކީމް ޙުސައިން މަނިކު ލިޔުއްވާގޮތުގައި ބޮޑުހުޅުގެ މީހުންނަކީ ހެވިންނެވެ. އަދި ފަހުލަވާނުންނެވެ.
ސައިކުރާ އާއިލާއިން އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ، މުޙައްމަދު ރޯނުބަނޑޭރި ތަކުރުފާނުންގެ ދި ރޯނު އައިސާފާނުގެ ދި ރޯނު ކަތްދާފާނުގެ ފުތް ރޯނު ޙަސަންމަނިކުގެ ރޯނުގޭ ބޮޑުދީދީގެ ފުތް ރޯނުގޭ މޫސާދީދީގެ ފުތް ފަތްލިޔާގޭ އަޙްމަދު ދީދީގެ ފުތް ފަތްލިޔާގޭ ބޮޑު ޢަލި ދީދީގެ ދި ހައްވާދީދީގެ ދި ނަޒީރާގެ ދި ޝަބާނާ މިރޭ އަޅުގަނޑަށް ފޮނުއްވި އޯޑިޔޯ އަކީ ރޭޑިޔޯއިން ފޮނުވާފައިވާ ޕުރޮގުރާމެކެވެ.
ސައިކުރާ އާއިލާއަށް އެނަން ކިޔުނު ގޮތާ ބެހޭގޮތުން ސައިކުރާކޮއެގެ ފުތް ސައިކުރާ ޙަސަން ކަލޭފާނުގެ ފުތް ސައިކުރާ ޅަހުއްތު ވިދާޅުވާ ވާހަކަ ކޮޅެކެވެ. ސައިކުރާ ޅަހުއްތު ތަކަންދުއަށް ފޮނުއްވާލައްވައިފައި ހުންނެވި އިރު ހުންނެވީ ތަކަންދޫ ގޮއި ކާސިމުގެ ގޭގައެވެ. އެގެއަކީ އަޅުގަނޑުގެ މަންމަމެންގެ މުސްކުޅި ގޯއްޗެވެ. ކޮންމެއަކަސް، ސައިކުރާ ޅަހުއްތު ވިދާޅުވާ ވާހަކަކޮޅު ހުށަހަޅައިލަން އަޅުގަނޑު ބޭނުންވީ ތާރީޚަށްޓަކައި ކޮންމެވެސް ފައިދާއެއް ހުރި އެއްޗަކަށް ވެދާނޭކަމަށް ޤަބޫލުކުރެވިގެންނެވެ. ޝަބާނާ އަޅުގަނޑަށް ފޮނުއްވި އޯޑިޔޯގައި ސައިކުރާ ޅަހުއްތު ވިދާޅުވާ ގޮތުގައި، އިހުޒަމާނުގައި ރަސްރަސްކަލުން މުއިވެލަށް މޫދަށް ވަޑައިގަންނަވާނެއެވެ. އަދި ރަށްދެބައިމަގު ފުންގަނޑަށާއި ލޮނުޒިޔާރަތްކޮޅު ބޮޑުފުންގަނޑަށް ވެސް މޫދަށް ވަޑައިގަންނަވާނެއެވެ. އެހެން ވަޑައިގަންނަވަނީ ވިއްޔާ އެދިމާގެ އަތިރިމަތީގައި ބޮޑު ފޭލިގޭކޮޅު ޖަހައެވެ. ޢަބްދުލްމަޖީދު ދީދީގެ ދުވަސްވަރު ފޭލިގޭކޮޅުގެ ބަދަލުގައި މުއިވެޔޮދޮށުން ގަނޑުވަރަކާއި ރަށްދެބައިމަގުން ގަނޑުވަރެއް ރާއްވަވައި ތައްޔާރުކުރެއްވިއެވެ. ދެން ގަނޑުވަރުކޮޅުން ބޮޑު ކީމާކޮޅުގައި ރަސްގެފާނާއި، ރަސްގެފާނުގެ އަނބިއަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި، އަރިހުގައި ގެންނަވާ ގާތްތިމާގެ ބޭފުޅުންނާއެކުގައި މޫދަށް ވަޑައިގަންނަވާނެއެވެ. މިގޮތަށް ވަޑައިގަތުމަކީ ބޮޑު ކުޅިވަރަކަށް ކުޅުއްވާ ކަމެކެވެ.

ރަށްދެބައިމަގު މޫދަށް ވަޑައިގަންނަވާއިރު ރަސްގެފާނު ހުންނެވުމަށް ޓަކައި ކުޑަމާލެ ސާފުކޮށް، ރަނގަޅުކޮށް ހަދައިފައި އެތާގައި ފޭލިގޭކޮޅު ޖަހާފައި ހުރެއެވެ. ރަސްގެފާނު ފޭލިގޭކޮޅުގައި ހުންނަވާ އިރު ސައިފޮދާއި ފަރިއްކޮޅު ތައްޔާރުކޮށްގެން ރަސްގެފާނުންގެ އަރިހަށް ގެންދެއެވެ. މިގޮތަށް ގެންދާ ގެންދިޔުމުގައި ސައިކުރާ ޅަހުއްތުގެ ކާފަ އަހަންމަދުފުޅު ވެސް އުޅުއްވައެވެ. ކުރިންވެސް ދަންނަވާލި ފަދައިން މީނާއަކީ ހެވިކަމަށް ވަރަށް ކުޅަދާނަ މީހެކެވެ. ސައިކުރާ ޅަހުއްތު ވިދާޅުވާ ގޮތުގައި މީނާއަކީ ހެވިކަމުގެ ކަންތައްތަކުގައި ވެސް މުޅި މާލެއަށާއި މުޅި ރާއްޖެއަށް މަޝްހޫރު މީހެކެވެ. ރަސްގެފާނަށް ސައިފޮދު ގެންގޮސް ހެދުމުގައި މީނާގެ އެއްއަތުން ތަބައްކޮޅު، އަނެއް އަތުން ސައިކުރާކޮޅު ހިފައިގެން ދެފައިން ބަކަތަޅުވައިލައިފައި ގޮތެއް ހަދާލައިފައި މަތިހިއްކައިލައިގެން ހުރެގެން ކުޑަމާލެއަށް ދަނީއެވެ. ދެން ކުޑަމާލޭގައި ސައިފޮދު ބަހައްޓައި މީނާ ކުރާންޖެހޭ ކަންތައްތައް ކޮށްހަދަނީއެވެ. މީނާ މިހެން އުޅުމުގެ ތެރޭގައި މީނާގެ ހުނަރުވެރިކަން ދެކެވަޑައިގެން ރަސްގެފާނު މީނާއަށް ވިދާޅުވިކަމަށް ވަނީ "މީ ހަމަ ސައިކުރާކޮއެ" އެވެ. އެޒަމާނުގައި ރަސްރަސްކަލުންނާއި ބޮޑުންގެ އަރިހުގައި ގެންގުޅުއްވާ މީސްމީހުންނަށް އެބޭބޭފުޅުން ކޮއެ ވިދާޅުވުމަކީ ކުރައްވާކަމެކެވެ. އެބޭބޭފުޅުންގެ އުސޫލެކެވެ.

މިސައިކުރާކޮއެ އިނީ ރަތްގޭ އައިމިނާފުޅާއެވެ. ރަތްގޭފުޅަކީ މިއައިމިނާފުޅެވެ. ސައިކުރާ ޅަހުއްތުގެ ބައްޕަ ސައިކުރާ ޙަސަންކަލޭފާނަކީ ރަތްގޭ އައިމިނާފުޅާއި ސައިކުރާކޮޔަށް ލިބުނު ދަރިއެކެވެ. އަދި ސައިކުރާ ޙަސަންކަލޭފާނަކީ ސަރުކާރުތެރޭގައި ވެސް ނިކަން މަޝްހޫރު ބޭކަލެކެވެ. ދެން މިހާރު ސައިކުރާ މިއޮތީ ބޮޑު އާއިލާއަކަށް ވެފައެވެ. ޤައުމަށް ޚިދުމަތްތެރި ޚިދުމަތްތެރީން ތަކެއް ވެސް ނިސްބަތްވާ ވަރަގަދަ އާއިލާއެއްވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!