ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ޤައުމުގެ ހައްގުގައި ތެދުވާނެ ކަމަށް ޕީއެންސީގެ ރައީސް، ކުރީގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފުވި މައްސަލަ ބަލާނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައި އެވެ.

Ad
d

"މިއަދު ބޭއްވި ސައިކަލް ބުރުގެ ބައިވެރިންނާއި މެދު ފިޔަވަޅު އަޅާނަން: ފުލުހުން" މި ސުރުޚީގެ ދަށުގައި ނޫހެއްގައި ލިޔެފައިވާ ލިޔުމެއްގެ ސުރުޚީގެ ސްކްރީން ޝޮޓެއް ޓުވީޓައި ހިއްސާ ކުރައްވަމުން އަދުރޭ ވިދާޅުވީ ކިތަންމެ އިންޒާރެއް ދިނަސް ދިވެހިން ދިވެހި ޤައުމުގެ ހައްގުގައި ތެދުވާނެ ކަމަށެވެ.

" ދީން ދިފާއު ކުރާނެ، މިނިވަންކަން ދަމަހައްޓާނެ، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރާނެ، ޤައުމު އަޅުވެތި ކުރާތަން ބަލާކަށް ދިވެހިންނެއް ނުތިބޭނެ" އަދުރޭ ވިދާޅުވެފައި ވެއެވެ.

ފުލުހުން ބުނީ މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހޯމް މިނިސްޓަރު އިމްރާން ޢަބުދުﷲ ވެސް މިރޭވަނީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ދެމެދު ވަރަށް ބޮޑު ފަރަޤެއްވާ ކަމަށް ވިދާޅުވެފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ގޮވާލާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ގިނަ ޢަދަދެއްގެ މީހުންނާއިއެކު އިދިކޮޅު ކޯލިޝަންގެ ޒުވާނުން މިއަދު ބޭއްވި ސައިކަލް ބުރުގަައި ގިނަ ބަޔަކު ތިބީ މާސްކު އަޅައިގެންނެވެ. ނަމަވެސް އެއްވެސް ވަރަކަށް ގައިދުރުކަން ބަހައްޓާފައެއް ނުވެއެވެ.

Ad
df

ކޯވިޑް ބަލި މީހުން ރެކޯޑް އަދަދަކަށް ފެންނަމުންދާއިރު ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ބޭރުގައި އުޅޭއިރު މާސްކު އެޅުމާއި ގިނަ ބަޔަކު އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ކޯވިޑާއި ގުޅިގެން އެމަސައްކަތުގައި އުޅުއްވާ ޑޮކްޓަރުން ގެންދަވަނީ ދެވަނަ ލޮކްޑައުނަކަށް ދާން ފުރުޞަތު ނުދީ ފަރުދީ ޒިންމާ އަދާކުރުމަށް އާދޭސް ކުރަމުންނެވެ.