ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލައިގައި، ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ދެއްވި ޖަވާބާއިމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގެން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ނުރުހުން ފާޅު ކުރަށްވައިފިއެވެ.
މިއަދު އޮތް މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 30 ވަނަ ޖަލްސާގެ ސުވާލު ކުރުމުގެ ވަގުތުގައި ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލައިގައި، ޔޫތު މިނިސްޓަރު މަޚްލޫފް ދެއްވި ޖަވާބަކާއި ގުޅިގެން މެމްބަރު ޒިޔާދު ވިދާޅުވީ ވަޒީރުގެ ޖަވާބާއި ކުޑަކޮށް ތަފާތު ވާތީ، ނާއުއްމީދު ވާތީ ސުވާލުކޮށްލަން ބޭނުން ފުޅުވާ ކަމަށެވެ.
"ވަޒީރު ވިދާޅުވީ ޕްރިމިއަރ ލަލީގާ މިހާރު ފެންނާތީ ޒުވާނުން ދަނޑަށް ވަނުމުގެ ޝައުޤު ނެތީ ކަމަށް. ދެން އެކަމެއް އަޅުގަނޑުމެންނަށް ނުއެއް ހުއްޓޭނެ. އެއީ ލަލީގާއެއް އަޅުގަނޑުމެންނަށް ނުއެއް ހުއްޓޭނެ. ޕްރިމިއަރ ލީގެއް ހުއްޓައިނުލެވޭނެ. އަދި ބެލުން މަނަލެއް ވެސް ނުކުރެވޭނެ"
ނުރުހުމުގެ ރާގެއްގައި މެމްބަރު ޒިޔާދު ވިދާޅުވިއެވެ.
"އަނެއް ކަމަކަށް ވިދާޅުވީ، ސިޔާސީ ކަންކަން މިހާރު ހުރި ގޮތުން، ދެން ރާއްޖޭގައި ސިޔާސީ ކަންކަން އަޅުގަނޑަށް ހިއެއް ނުވޭ ދެނެއް ހުއްޓިގެންދާނެ ހެނެއް. ދެން ހުއްޓިގެންދާކަށް އަޅުގަނޑު ނުވެސް އެދެން. ކަންކަން މިހެން އޮވެގެން ވަޒީރުގެ ވިސްނުންފުޅުގައި ނެތްތޯ ގަލޮޅު ދަނޑަށް، ނޫނިއްޔާ ފުޓްބޯޅައަށް ދިވެހިން އަލުން އަނބުރާ ގެނެވޭނެ ވިސްނުންފުޅެއް؟ ހަމައެކަނި މިހިސާބުން މިކަން ނިންމާލުން އެއީތޯ ވަޒީރުގެ ޙައްލަކީ؟"
ޒިޔާދުގެ ސުވާލުތައް މިނިސްޓަރާއި އަމާޒު ކުރަމުން ވިދާޅުވިއެވެ.
ޒިޔާދުގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މަޚްލޫފް ވިދާޅުވީ މަޖިލިސްތެރެއިންނާއި، އެހެން ދިމަދިމާލުން ދަނޑުތައް ފުރާލުން އެއީ ރައީސްގެ ވަޢުދުފުޅެއް ކަމަށް އަޑުއިވި ވަޑައިގަންނަވާ ކަމަށެވެ. އަދި ދަނޑުތައް ފުރައިލާނީ ރަށްރަށުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މެމްބަރު ޒިޔާދުގެ ސުވާލުތަކާއި، ނުރުހުން އަމާޒުވީ ގަލޮޅު ދަނޑަށް ސަޕޯޓަރުން ނުވަންނަ މައްސަލާގައި ކަމަށް ވިޔަސް، މިނިސްޓަރު މަޙްލޫފް ޖަވާބު އަމާޒު ކުރެއްވީ އަތޮޅުތަކުގެ ރަށްތަކަށެވެ.
"ރަށްރަށުގައި މި އަޅާ ފުޓްބޯޅަ ދަނޑުތަކާ އެކީގައި ރަށްރަށުގައި ހޯމް އެންޑް އަވޭ ލީގު ފެށިގެންގޮސް އެއްރަށުން އަނެއް ރަށަށް މީހުން ގޮސް އަނެއް ރަށުގެ ދަނޑުތައް ހަމަ ފުރިގެންދާނެ ކަމަށް އަޅުގަނޑު ހަމަ ޔަޤީންކުރަން."
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގައި މި ބޭއްވޭ ބައެއް އިންޓަރނޭޝަނަލް މުބާރާތްތައް ނުވަތަ ކުޅޭ
މެޗުތައް ވެސް އަތޮޅުތަކުގެ ރަށްރަށުގައި ކުޅެވިގެންދާ މަންޒަރު ފެނިގެންދާނެ ކަމަށެވެ.
ގަލޮޅު ދަނޑު ފުރާލުމަކީ ވަރަށް ޗެލެންޖިންގ ކަމަކަށް ވާނެ ކަމެއްކަން ފާހަގަ ކުރަށްވައި މިނިސްޓަރު މަޚްލޫފް ވިދާޅުވީ މިހާރުގެ އެންމެ ބޮޑު ވިސްނުމަކީ، މާލެއަށް ވުރެ ބޮޑަށް ރާއްޖޭގެ އެހެން ރަށްރަށުގެ ދަނޑުތަކުގައި މުބާރާތްތައް ބޭއްވުން ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްރަށުގެ ދަނޑުތައް ފުރިގެންދިޔުން ކަމަށާއި، މާލެއަށް ވުރެ ބޮޑަށް ރަށްރަށަށް އަމާޒު ކުރެވިގެންދިޔުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!