ރާއްޖެ އަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ، އެ ނިޒާމުގެ ދިފާއުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނެވުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަރުގަދަ ތުޙުމަތެއް ކުރައްވައިފި އެވެ.
ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް މައުމޫންގެ ހަޔާތްޕުޅުގަ ކޮންމެ ވޯޓްއެއް ވަނީ އެ މަނިކުފާނު އޮޅުވާލައްވާ މަކަރު ހައްދަވާފައިކަމަށެވެ. 2007 ގެ ނިޒާމްގެ ވޯޓްވެސް ކަނޑައެޅިގެން އޮޅުވާލެއްވިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
"މަނިކުފާނަށް އޮޅުވާ ނުލެއްވުނީ ހަމަ އެކަނި 2008 ގެ ވޯޓް. އެއިން ވީ ބަލި"
ރައީސް ނަޝީދުގެ ޓުވިޓުގައި ވިދާޅުވެފައިވެއެވެ.
Raees Maumoon ge hayyaipulhuga konme vote eh vanee e manikfaanu olhuvaalavvaa makaru hahdhavaafa. 2007 ge nizam ge vote ves kan’daelhigen olhuvaalevvi. Manikfaanah olhuvaa nulevvunee hama ekani 2008 ge vote. E in vee bali
— Mohamed Nasheed (@MohamedNasheed) August 24, 2020
ބަރުލަމާނީ ނިޒާމަށް ވެރިކަން ހިންގުން ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވުމާއިއެކު ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ ހާލަތަށް ބަލާއިރު، ރާއްޖެ އަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށެވެ.
"2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން،"
ރައީސް މައުމޫން ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ ޙާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު. 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣްލަބިއްތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން .
— Maumoon Abdul Gayoom (@maumoonagayoom) August 24, 2020
ރާއްޖޭގައި ބާއްވަން ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ކަނޑައަޅަން މީގެ 13 އަހަރު ކުރިން، ރައީސް މައުމޫންގެ ވެރިކަމުގައި ބޭއްވި ނިޒާމީ ވޯޓުގައި އެ މަނިކުފާނު އޭރު ވެސް ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. ނަމަވެސް، މިހާރު ވެރިކަމުގައި އޮތް އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން، ރާއްޖޭގައި ބާއްވަން 2007 ގައި 62 ޕަސެންޓުން ކަނޑައެޅީ ރިޔާސީ ނިޒާމެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ޖާބިރު ހުށަހެޅުއްވިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ބޮޑަށް އެ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެދުތެރެއިން ވެސް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތު ވެސް ސިޔާސީ ބައެއް ބޭފުޅުން ކުރައްވަ އެވެ.
ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.
އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާލާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ދިޔުމުން ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
މީގެއިތުރުން ބަރުލަމާނީ ނިޒާމެއްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ކުރާނެ ކަމަށާއި އަދި ރައްޔިތުން އިންތިހާބުކުރާ ރައްޔިތުންގެ މަޖިލިސް ވެސް އޮންނާނެތީ މި އިސްލާހު ގެނައުމަކީ ގާނޫނު އަސާސީއާ ތައާރުޒު ވާނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ބަރުލަމާނީ ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެރިކަން ހިންގައި، އެގައުމުތައް ބޮޑުތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީ އާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމަށް ފެންނާތީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހަޅުއްވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!