ދަރުމައަށް މަސައްކަތް ކުރުމުގައި ދިވެހި ރެޑްކްރެސެންޓް ހޭދަކުރި 11 އަހަރަކީ، ކޮންމެ ދިވެހި ރައްޔިތެއްގެ ހިތުގެ ފުންމިނުން ޝުކުރުވެރި ކަމާއިއެކު ބަލައިގަންނަ ޚިދުމަތު 11 އަހަރު ކަން ގައިމެވެ.
2009 ވަނަ އަހަރު ރާއްޖޭގައި މަސައްކަތް ފެށި ދިވެހި ރެޑްކްރެސެންޓްގެ ވެގެން ގޮސްފައި ވަނީ އުފެދުނު ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް ރާއްޖެއަށް ބޭނުންވި ކޮންމެ ކަމެއްގައި މަދަދު ގާރަކަށެވެ.
އެންމެ ކައިރިން ދުރަށް ބެލި ނަމަވެސް ރާއްޖެއަށް ދިމާވި ކޮންމެ ކާރިސާއެއްގެ ވަގުތުއި ދިވެހި ރެޑްކްރެސެންޓްގެ ވެގެން ގޮސްފައި ވަނީ ރައްޔިތުންގެ މިތުރަކަށެވެ.
ދުނިޔެއަށް މިހާރު ކުރިމަތި ވެފައިވާ ކޯވިޑް-19 ގެ ނުރައްކާތެރި ވަބާގެ ރާޅު މިލޮބުވެތި ދިވެހި ފަސްގަނޑަށް ބިންދާލި ދުވަހުން ފެށިގެން ވެސް މިއަދާއި ހަމައަށް ދިވެހި ރެޑްކްރެސެންޓްގެ ދަރުމަވެރިން ރެޔާއި ދުވާލު ޤައުމަށް ޚިދުމަތް ކުރަމުން ދާ ދިއުން މިސާލެއް ގޮތުން ފާހަގަކޮލާ ނަމެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިވެހި ރެޑްކްރެސެންޓްގެ "އެހީތެރިކަމުގެ އަތުން" އެހީތެރިކަން ލިބުނު މީހުންގެ ތެރޭގައި ދޭސީންނާއި، ބިދޭސީން ވެސް ވަނީ ގުނިގެން ގޮސްފައެވެ. ރާއްޖޭގައި އުޅޭ އެތައް ބިދޭސީންނެއް ހާލުގައި ޖެހިފައިވަނިކޮށް ދިވެހި ރެޑްކްރެސެންޓުން ފޯރުކޮށްދިން އެހީތެރިކަމަކީ ވެސް އިންސާނީ ޚިދުމަތުގެ ރިވެތި މިސާލެކެވެ.
2014 ވަނަ އަހަރު ޑިސެމްބަރުމަހު މާލެއަށް ދިމާވި ފެނުގެ ކާރިސާއާއި، 2019 ވަނަ އަހަރު މާލޭގެ ހެންވޭރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާއި ގުޅިގެން ލިބިގެން ދިޔަ، ދިވެހި ރެޑްކްރެސެންޓްގެ ދެ ގޮތެއްނުވާ އިންސާނީ، ޤައުމީ ޚިދުމަތަކީ ވެސް އިތުރަށް ހުނިޖަހައިލެވޭނެ ކަންކަމެވެ.
2014 ވަނަ އަހަރު ޑިސެމްބަރު މަހު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ދިވެހި ރެޑްކްރެސެންޓްގެ ދަރުމަވެރިން ހަރަކާތްތެރިވަނީ
ދިވެހި ރެޑްކްރެސެންޓުން ދަނީ ރާއްޖޭގެ ރައްޔިތުންގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް ވެސް ގިނަ ގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެ ޚިދުމަތުގައި 5000 ހާހަށްވުރެ ގިނަ ވޮލަންޓިއަރުން ޝާމިލުވެއެވެ. ފުރަތަމަ އެހީގެ ހުނަރު ދަސްކޮށް ދިނުމުން ފެށިގެން، ލޭ ހަދިޔާ ކުރުމުގެ ކޭޕްމްތަކުން ގޮސް ވިއްސާރާގައި ފެން ބޮޑުވުމުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ވިޔަސް، އެހީތެރިކަމަށް ބޭނުންވި ކޮންމެ ދިމާއަކުން ދިވެހި ރެޑްކްރެސެންޓްގެ މޫނުތައް ފެނެއެވެ.

މީގެއިތުރުން ދިވެހި ރެޑްކްރެސެންޓް ގޮފިތައް ރާއްޖޭގެ އެކި ހިސާބުގައި ގާއިމުކޮށް ދިވެހި ރެޑްކްރެސެންޓްގެ ޚިދުމަތް ވަނީ ފުޅާކޮށްފައެވެ. މިގޮތުން މާލޭގެ އިތުރުން ކުޅުދުއްފުށީ ސިޓީ، އައްޑޫ ސިޓީ ހިތަދޫ، ގއ. ވިލިނގިލި، ޅ. ހިންނަވަރު، މ. ކޮޅުފުށި، ތ. ވޭމަންޑޫ، ޏ. ފުވައްމުލައް، ނ. މަނަދޫ އަދި ގދ. ތިނަދޫގައި ވަނީ ދިވެހި ރެޑްކްރެސެންޓްގެ ގޮފިތައް ގާއިމުކޮށްފައެވެ. ދިވެހި ރެޑްކްރެސެންޓްގެ ގޮފިތައް ގާއިމު ކުރެވިފައިވާ ސަރަހައްދު ތަކުގައި ވެސް ގުދުރަތީ ކާރިސާއެއް ދިމާވެއްޖެ ނަމަ އެންމެ ފުރަތަމަ އިސްނަގާ އެއް ބަޔަކީ ދިވެހި ރެޑްކްރެސެންޓްކަން ފާހަގަ ކޮށްލެވެއެވެ.
ކުޅުދުއްފުށީ ސިޓީގެ މަގުތަކުގައި ފެން ބޮޑުވެގެން ދިވެހި ރެޑްކްރެސެންޓްގެ ހދ. ގޮފިން ހަރަކާތްތެރި ވަނީ
ދިވެހި ރެޑްކްރެސެންޓްގެ 11 އަހަރުގެ މި ދަތުރުން މިވަނީ ދިވެހި ރާއްޖެއަށް ބޭނުންތެރި އެތައް ޚިދުމަތެއް ފޯރުކޮށް ދީފައެވެ. އެ ހިޔަލުގެ ދަށުގައި އެތައް ދަރީންތަކެއް ދަރުމައަށް ވާގިވެރިވުމަށް ވަނީ ތަރުބިއްޔަތު ވެގެން ގޮސްފައެވެ. ދިވެހި ރެޑްކްރެސެންޓްގެ ޚިދުމަތަކީ ކޮންމެ ދިވެއްސަކަމެ ފަޚުރުވެރިވާ، އެ ޚިދުމަތަށްޓަކައި ފަޚުރުވެރިވާ ޚިދުމަތެކެވެ.
The volunteers of @MaldivianRC are always at the front-lines of disasters, supporting our work. We are grateful to have the support of a partner that goes the extra mile to help the most vulnerable.
Happy #MRCday to all the volunteers and staff!@ayyaog @HimyaFathimath
— NDMA Maldives (@NDMAmv) August 16, 2020
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!