ހދ.ހަނިމާދޫ، ބްލިސް، މަރިޔަމް ލައިސާ އަބްދުއްރަޝީދަކީ ތާޖުއްދީން ސްކޫލްގެ ގްރޭޑް ނުވައެއްގައި ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރެކެވެ. ލައިސާ ޗެސްކުޅެން ފަށާފައިވަނީ އޭނާގެ އުމުރުން އެންމެ ބާރަ އަހަރުގައެވެ. އެއީ 2017 ވަނަ އަހަރުއެވެ.

ލައިސާ ޗެސް ކުޅެންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްކޫލް ލެވެލްގެ އިތުރުން ޤައުމީ ލެވެލްގައި ވެސް ވަނީ ފާހަގަ ކޮށްލެވޭ ފަދަ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

Ad
rt

މިގޮތުން ލައިސާ ހޯދާފައިވާ ބައެއް ކާމިޔާބީތަކަށް ބަލައިލުމުން ލައިސާގެ މި ޅައުމުރުގައި ވެސް ވަނީ ފަޚުރުވެރި އެތައް ކާމިޔާބީ ތަކެއް ހޯދާފައިކަން އެނގިގެން ދެއެވެ.

ލައިސާ ހޯދާފައިވާ ބައެއް ކާމިޔާބީތައް

  • އިންޓަރސްކޫލް ޗެސް ޗެމްޕިއަންޝިޕް 2017 މުބާރާތުން 2 ވަނަ
  • އޯޕަން ޗެސް ޗެމްޕިއަންޝިޕް 2017 (12 އަހަރުންދަށް) 3 ވަނަ
  • މައިލޯ ޗެސް ކަލާސް އެވޯޑް 2017 (12 އަހަރުންދަށް) 2 ވަނަ
  • ނެޝަނަލް ވިމެންސް ޗެމްޕިއަންޝިޕް 2019 އިން 8 ވަނަ
  • ނެޝަނަލް ޖޫނިއާރ ޗެސް ޗެމްޕިއަންޝިޕް 2019 (14 އަހަރުންދަށް) 4 ވަނަ
  • ސެކަންޑް ޖޫނިއަރ ޗެސް ޗެމްޕިއަންޝިން 2020 (16 އަހަރުންދަށް) 2 ވަނަ
  • މޯލްޑިވްސް ނެޝަނަލް ޗެސް ޗެމްޕިއަންޝިޕް 2020 (އަންހެން) 2 ވަނަ
  • މޯލްޑިވްސް އޮންލައިން ޗެސް ޗެމްޕިއަންޝިޕް 2020 އިން 2 ވަނަ

މީގެއިތުރުން 2019 ވަނަ އަހަރު ރާއްޖޭގެ ޖޫނިއާރ ޗެސް ޓީމުގައި ހިމެނި މިހާރުވެސް ލައިސާއަކީ އެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި މިހިނގާ 2020 ވަނަ އަހަރު ލައިސާވަނީ ރާއްޖޭގެ ޗެސް ސީނިއާ ޓީމުގައި ވެސް ހިމެނިފައެވެ.

"އެންމެ ފުރަތަމަ ޗެސް ކުޅެންފެށީ ފޫހި ވިލުވާލުމަށް، ނަމަވެސް ބައެއް މުބާރާތްތަކުގައި ވާދަކޮށްލީމަ ޤަބޫލުކުރެވުން ކުރިއަށް ދެވިދާނެކަން. ދެން ކުރު މުއްދަތެއްގެ ތެރޭގައި މި ކުޅިވަރުގައި މި އާދެވުނު ހިސާބަކީ އަސްލު ޤަބޫލް ކުރަންވެސް އުނދަގޫ ހިސާބެއް، ދެން ވަރަށް އުފާވޭ މިހާރު ޗެސްގައި ރާއްޖޭގެ ނެޝަނަލް ލެވެލްގައި މަސައްކަތް ކުރެވޭތީ"

ލައިސާ "ތިލަދުން" އާއި ވާހަކަ ދައްކަމުން ބުނެފައި ވެއެވެ.

އެންމެ ފަހުން ލައިސާގެ ކާމިޔާބީގެ ތެރެއަށް އިތުރުވެގެން ދިޔައީ އޭޝިއަން އޮންލައިން ޗެސް ކޭމްޕް ފޯ ގާލްސް އަންޑާ 20 ގައި ބައިވެރިވުމުގެ ފުރުސަތު ލިބުމެވެ. މި ކޭމްޕްގައި އޭޝިއާގެ ގައުމުތަކުން، ކޮންމެ ގައުމަކުން 20 އަހަރުން ދަށުގެ އެއް ކުޅުންތެރިއަކު ބައިވެރިވާއިރު ރާއްޖެއިން މި ކޭމްޕުގައި ބައިވެރިވާނީ ލައިސާއެވެ.

މި ކޭމްޕަކީ އޭޝިއަން ޗެސް ފެޑެރޭޝަން (އޭސީއެފް) އިން އިންތިޒާމު ކޮށްގެން، ވުމަން ޗެސް (ޑަބްލިއުއޯއެމް) އަދި ފިޑޭ ޑިވެލޮޕްމަންޓް ފަންޑް ސަޕޯޓްއާއި ގުޅިގެން ހިންގާ ކޭމްޕެކެވެ. މި ކޭމްޕް ރޭވިފައިވަނީ އަންނަ އޮގަސްޓް 1 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޒޫމް މެދުވެރިކޮށް ބާއްވާ މި ކޭމްޕްގައި ތަމްރީނު ދޭނީ މުޅި ދުނިޔޭގައިވެސް އެންމެ ފުންނާބުއުސް ޓްރެއިނަރުންނެވެ. އެގޮތުން ޓްރެއިނަރުންގެ ގޮތުގައި ތިއްބަވާ ބައެއް ބޭފުޅުންގެ ތެރޭގައި ދުނިޔޭގެ ވޯލްޑް ޗެމްޕިއަން ގްރޭންޑް މާސްޓާ އާނަންދު ވިޝްވަނާތަންއާއި، ގްރޭންޑް މާސްޓާ ޖުޑިތް ޕޮލްގާ އަދި ގްރޭންޑް މާސްޓާ ޖޭކޮބް އާގާޑް ފަދަ ބޭފުޅުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ ގައުމީ ޗެސް ޓީމުން އަންނަނީ މި މަހުގެ 31 އިން އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އޮންލައިން ޗެސް އޮލިމްޕިއާޑްގައި ބައިވެރިވުމަށް ތައްޔާރުވަމުންނެވެ. މި މުބާރާތުގައި ގައުމީ ރާޒުވާ ޓީމު ވަނީ މިހާރުވެސް ކެޓެގަރީ ހަތަރަކަށް ކޮލިފައިވެ ކުރިއެރުންތަކެއް ހޯދާފައެވެ.

ކުޅެންފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިހާހިސާބަށް އާދެވުމުގައި އެންމެ ބޮޑަށް ހިތްވަރު ދިނީ މަންމައާއި ބައްޕަ ކަމަށް ލައިސާ ބުނެފައިވާއިރު، މީގެއިތުން ހުރިހާ ކޯޗުންނާއި އަދި އެކުގައި މަސައްކަތް ކުރާ ކުޅުންތެރިންގެ އިތުރުން ތާޖުއްދީން ސްކޫލުގެ ފަރާތުން ލިބެމުން އަންނަ އެހީތެރިކަން ފާހަގަކޮށް އެ ހުރިހާ ފަރާތްތަކަށް ލައިސާވަނީ ޝުކުރު އަދާކޮށްފައެވެ.

"މިހާރު ބޭނުންވަނީ މި ކުޅިވަރުން ދެވުނު އެންމެ ކުރިއަށް ދާން. މި ކުޅިވަރުން ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދީ ޤައުމަށް ރީތިނަން ހޯދައިދިނުމަށް ކުރެވެންހުރި ހުރިހައި މަސައްކަތެއް ކުރާނަން." ލައިސާގެ އުންމީދުތައް ހިއްސާކުރަމުން އޭނާ ބުނެފައިވެއެވެ.