ކޯވިޑް-19 އާއިގުޅިގެން ދެވޭ ފްރަންޓްލައިން އެލަވަންސް މިއަދު ދޭން ފަށައިފި ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

އެގޮތުން މިހާތަނަށް 220 ފަރާތަކަށް 2.9 މިލިއަން ރުފިޔާ ވަނީ ދެވިފައި ވާކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Ad
rt

މިއީ ރާއްޖެއިން ފުރަތަމަ ކޯވިޑް ފެނުނު ދުވަސްކަމަށްވާ 2020 މާރިޗް 7 އިން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ފަރާތްތަކަށް ލިބެންވާ ފައިސާ ކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ބުންޏެވެ.

އެ މިނިސްޓްރީއިން ބުނީ ‏އިތުރު ފަރާތްތަކަށް އެލަވަންސް ދިނުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ.

އެގޮތުން ޑޭޓާ ވެރިފިކޭޝަން އާއި އެޕްރޫވަލްގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށާއި، މި މަސައްކަތް ނިމުމާއެކު އިތުރު ފަރާތްތަކަށް އެލަވަންސް ދެވޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެ ފައެވެ.

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީ އަށް އަސަރުކޮށްފައިވާ ފަރާތްތަކަށް "އިންކަމް ސަޕޯޓް އެލަވަންސް" ގެ ގޮތުގައި މިހާތަނަށް 6638 ފަރާތަކަށް 27.2 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައި ވާކަމަށް ވެސް ފިނޭންސް މިނިސްޓްރީއިން ވަނީ މިމަހު 27 ވަނަ ދުވަހު ބުނެފައެވެ.

މީގެ އިތުރުން ފިނޭން މިނިސްޓްރީއިން މިއަދު ވަނީ ކޯވިޑް- 19 އާއި ގުޅިގެން އިޤްތިސާދީ ގޮތުން ލިބިފައިވާ ހީނަރުކަން ކުޑަ ކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ލޯނުގެ ގޮތުގައި 330 ފަރާތަކަށް 475.5 މިލިއަން ރުފިޔާ އާއި 6 މިލިއަން ޑޮލަރު އަދި އެސް.ޑީ.އެފް.ސީން މިހާތަނަށް ލޯނުގެ ގޮތުގައި 1427 ފަރާތަކަށް 198 މިލިއަން ރުފިޔާ ވަނީ ދޫކުރެވިފައި ވާކަމަށް ހާމަ ކޮށްފައެވެ.