އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މާލޭގައި ރޭ މުޒާހަރާ ކޮށްފިއެވެ.

"އެންމެން އެއް އަޑަކުން" ނަމުގައި މާލޭގައި ރޭ ކުރި މި މުޒާހަރާގައި ޕީޕީއެމް އަދި ޕީއެންސީގެ ގިނަ އިސްވެރިންތަކެއް ބައިވެރިވެފައި ވާއިރު، މި މުޒާހަރާގައި ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ބައިވެރިވެފަ އެވެ.

Ad
rt

މުޒާހަރާ ފެށީ މަޖިދީމަގާއި ޗާންދަނީމަގު ގުޅުނު ސަރަހައްދުގަ އެވެ. މަޖީދީ މަގުން ފެށި މުޒާހަރާ ޕީޕީއެމްގެ އޮފީހާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ.

މުޒާހަރާގެ ބައިވެރިިން ވަނީ އެމްޑީޕީ ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވާފައެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރަން ފެށި 7000 ފްލެޓު ދިނުން ލަސް ކަމަށް ބުނެ އެމީހުން އަޑު އުފުލާފައި ވާއިރު، ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ބޭލުމަށާއި، ސަރުކާރުން ވައުދުވި މިނިމަމް ވޭޖު ދިނުމަށް ވެސް ވަނީ އަޑު އުފުލާފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް އެދި ވެސް އެމީހުން ވަނީ އަޑު އުފުލާފައެވެ.

އެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިނިވަން އިހްތިޖާޖް ފެށުނީ ކަމަށާއި ކޮންމެ ވަގުތަކު ވެސް މުޒާހަރާއަށް ނިކުންނަ ޖެހިދާނެ ކަމަށެވެ.

އޭނާ ވަނީ މި ސަރުކާރު ބަލިކުރަން މާ ގިނަ މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށާއި ވަރަށް އަވަހަށް މި ސަރުކާރުގެ ނިމުން އަންނާނެ ކަމަށް ވެސް ވިދާޅުވެ ފައެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ "ފެއިލްވެއްޖެ" ނަމުގައި ވެސް މުޒާހަރާއެއް ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސަރުކާރުން ހުއްދަ ނުދިނުމުން އެ މުޒާހަރާ ވަނީ ފަސްކޮށްފައެވެ.