ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި މައްސަލައިގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް މިއަދު ހައިކޯޓުން އަމުރުކޮށްފި އެވެ.
އަދީބާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާ 7 ދަޢުވާ މިމަހުގެ 14 ވަނަ ދުވަހު އެ ކޯޓުން ބޭރުކޮއްލުމާއި ގުޅިގެން އެމައްސަލަތައް އިސްތިއުނާފުކުރުމަށް ދައުލަތުން ހައިކޯޓަށް ހުށައެޅުމުން މިއަދުވަނީ އެމަސައްލައިގެ ޝަރީއަތް ފަށާފައެެވެ.
މިއަދުގެ އަޑުއެހުންތަކަކީ އިސްތިއުނާފު މައްސަލައިގެ ޝަރީއަތް ނިމެންދެން އަދީބު ބަންދު ކުރަން ދައުލަތުން އަމުރަކަށް އެދިފައިވާތީ އެކަމާ މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުންތަކެކެވެ.
އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވިދާޅުވީ އަދީބު ދޫކޮށްލައިފި ނަމަ، އޭނާ ފިއްލަވައިފާނެ ކަމަށް ބުނެ ދައުލަތުން ހުށަހެޅި ސަބަބުތައް ނަފީ ކުރެވޭނެ ވަރުގެ ކަންތައްތަކެއް އަދީބުގެ ފަރާތުން ހުށަހަޅުއްވާ ނުވާ ކަމަށެވެ.
އަދީބުގެ ސިއްހީ ހާލަތާ ބެހޭގޮތުން އޭނާގެ ފަރާތުގެ ކަންތައްތަކެއް ހުށަހެޅުއްވިޔަސް، އެކަންކަމަކީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ހައްލު ހޯދޭނެ ކަންކަން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އަދީބު ރިމާންޑު ޖަލެއްގައި ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ، އޭނާ ފިލާފާނެ ކަމުގެ އިހްތިމާލު އޮތް ކަމަށް ބުނެ ދައުލަތުން ދެއްކި ވާހަކައިގެ ރައްދުގައި، އެ އިހްތިމާލު ނެތް ކަމަށް ގަބޫލު ކުރެވޭ ފަދަ ހުށަހެޅުމެއް އަދީބުގެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
އޭގެ އިތުރުން އަދީބު ފާހަަގަކުރެއްވި ސިއްހީ ކަންކަމަކީ ބަންދުގައި ބަހައްޓައިގެން ވެސް، ޖަލުތަކާ ޕެރޯލްގެ ގާނޫނާއި ޖަލުތަކާ ބެހޭ ގައިވައިދުތަކުގެ ދަށުން ކުރިއަށްގެންދެވިދާނެ ކަންކަން ކަމަށެވެ.އަދި އަދީބުގެ މައްޗަށް ދައުލަތުން ކުރަނީ ޖިނާއީ ބޮޑެތި ތުހުމަތުތަކަަކަށްވާއިރު، އޭނާއާ ދެކޮޅަށް ދައުލަތުން އެކަށީގެންވާ ވަރަށް ހެކިވެސް ހުށަހަޅާފައި އެބަ ހުރިކަން ހައިކޯޓުގެ އަމުރުގައި ފާހަގަކުރި އެވެ.
މިއަމުރު ނެރުމާއި ގުޅޭގޮތުން ދައުލަތުންވެސް އަދި އަދީބުގެ ފަރާތުންވެސް ވަނީ ތަފްސީލީ މައިލޫމާތުތަލެއް ޝަރީޢަތުގެ މަޖިލީހުގައި ހިއްސާކޮށްފައެވެ. އަދީބު ފިލާފާނެކަން މާޒީގައި ވެފައިހުރި ކަންކަމުން އެނގެން އޮތްކަން ދައުލަތުން ބުނުމުން އަދީބުވަނީ އޭނާކުރިން ކުށަށް އަދަބު ލިބިފައިވާކަމަށްބުނެ ގޭގައި ބަހައްޓައިދިނުމަށް އެދޭ ބައެއް ސަބަބުތައް ހިއްސާކުރައްވާފައެެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިމިނަލް ކޯޓުން ބާތިލުކުރި ކްރިމިނަލްކޯޓްގެ ޤާޟީ އިސްމާޢީލް ރަޝީދު އެ ނިންމެވުމާއި އެކު ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ އެ ނިންމެވުމަށް ފާޑު ވިދާޅުވެ މައްސަލަ ބެއްލެވި ޤާޟީގެ ސުލޫކީ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައަޅުއްވާފައެވެ. އެމައްސަލައާއި ގުޅިގެން ޖޭއެސްސީ އިން މިހާރު ވަނީ ގާޟީ އިސްމާއިލް ރަޝީދު ހަ މަހަށް ސަސްޕެންޑު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!